މާލެ އާއި ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލާ ބްރިޖުގެ އަޅަން އިންޑިއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާ އާއެކު އެއްބަސްވެ ދިވެހި ސަރުކާރުން ސޮއިކޮށްފި އެވެ.
މި ސަރުކާރުގެ ފަސް އަހަރުގެ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާ "ގްރޭޓާ މާލެ ކަނެކްޓިވިޓީ ބްރިޖު" ގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އިންޑިއާގެ ފަރާތުން ސޮއި ކުރެއްވި އިރު ރާއްޖެއިން ސޮއި ކުރެއްވީ ޕްލޭނިން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އިންޑީއާގެ އެފްކޮންސް އިންފްރާސްޓަރަކްޗާއިން ސޮއި ކުރެއްވީ ޑިރެކްޓަރ އޮފް އެފްކޯން، އާރް އަންދަ ކުމާރެވެ.
މިއަދު ބޭއްވި ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ސަންޖޭ ސުދީރު ބައިވެރިވެ ވަޑައިގަތެވެ.
ބްރިޖު އަޅަން ހަވާލުކުރި ކުންފުންޏަކީ އައްޑު އަތޮޅުގެ މަގުތައް ހެދުމުގެ މަޝްރޫއު ވެސް ހިންގާ ކުންފުންޏެވެ.
ބްރިޖް އަޅާ މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ.
ބްރިޖު އަޅަން މިއަދު ސޮއި ކުރިއިރު ބްރިޖުގެ ކުރެހުން ވެސް އިންޑިއާ އެމްބަސީން ވަނީ ދިވެހިންނަށް އިއްޔެ ދައްކާލާފަ އެވެ. މި ކުރެހުމުގައި ފެންނަ ގޮތުން ބްރިޖުން ވިލިމާލެއަށް ދާން އަރާ ގޭޓުގައި ޖަހާފައި ވަނީ މާލެ- ތިލަފުށި ލިންކް ބްރިޖެވެ. މި ކުރެހުމުން ފެންނަ ގޮތުން ބްރިޖަށް އަރާއިރު ދިވެހި ދިދަ އާއި އިންޑިއާގެ ދިދަ އިންނާނެ އެވެ. އަދި ބްރިޖުގެ މަތީގައި ދެ ފަރާތުގައި ކޮޅަށް ޖަހާފައިވާ ދެ ތަނބުގެ މަތީގައި ދެ ގުއްބު ބަހައްޓާފައި ހުރެ އެވެ.
"ތިލަމާލެ" ބްރިޖު ނިމޭއިރު ބްރިޖާއި ކޯޒްވޭއެއްކޮށް މާލެ - ވިލިމާލެ އަދި ތިލަފުއްޓާއި ގުޅީފަޅު 6.47 ދިގު މިނުގެ ކޯޒްވޭއަކުން ގުޅޭނެ އެވެ. އިންޑިއަން އެމްބަސީން ބުނެފައިވާ ގޮތުގައި މި ބްރިޖުގެ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯ މީޓަރު ހުންނާނެ އެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިދެމެދުގައި ހުންނާނީ 1.40 ކިލޯ މީޓަރެވެ. އަދި ފުންފަޅުތަކުގައި 1.45 ކިލޯ މީޓަރަށް މެރިން ވިއަޑަކްޓް އަދި މޫދު / ގޮނޑުދޮށުގައި 2.32 ކިލޯ މީޓަރުގެ މެރިން ވިއަޑަކްޓް އަދި ބިމާ އެއްހަމައެއްގައި 2.96 ކިލޯ މީޓަރުގެ މަގު ހިމެނެ އެވެ.
މާލެ އަދި ވިލިނގިލި އާއި ބްރިޖް ގުޅޭ ހިސާބުގައި ޓްރެފިކްލައިޓު ހަރުކުރާނެ އެވެ. އަދި ގުޅީފަޅު އަދި ތިލަފުށި ބްރިޖްގައި ހުންނާނީ ވައްބުރު ޖަންކްޝަނެވެ. ކޮންމެ ރަށެއްގައި ވެސް ރަށުތެރެ އަށް ގުޅާލެވިފައިވާ ބަސް ސްޓޭޝަންސް ހުންނާނެ އެވެ. އަދި ސޯލާ ޕެނަލްސް ހަރުކޮށް ބޮކިތަށް ސޯލާ ޕަވާއިން ދިއްލޭ ނިޒާމް ހަަމަޖެހޭނެ އެވެ.
ތިލަމާލެ ބްރިޖު ކުރުކޮށް
- ޖުމްލަ 500 މިލިއަން ޑޮލަރުގެ މަޝްރޫއެއް
- 100 މިލިއަން ޑޮލަރު އިންޑިއާގެ ހިލޭ އެހީ
- 400 މިލިއަން ޑޮލަރު ރާއްޖޭން ދައްކަން ޖެހޭ ލޯނު
- 6.7 ކިލޯމީޓަރުގެ ދިގު ކޯސްވޭއެއް ހަދާނެ
- ކޯޒްވޭ އިން މާލެ، ވިލިނގިލި ގުޅާލާނެ
- ކަނޑުގައި އަޅާ ބައިގެ ދިގުމިން 1.4 ކިލޯ މީޓަރު
ބްރިޖު އަޅާ ކުންފުންޏަކީ ކޮން ބައެއް؟
ބްރިޖު އަޅަން ހަވާލު ކޮށްފައިވާ އެފްކޮން ކުންފުންޏަކީ އިންޑިއާގެ ޓާޓާ ކުންފުންޏާ ގުޅުން އޮންނަ ކުންފުންޏެވެ. ނުވަތަ އެ ކުންފުނީގެ ސިސްޓާ ކުންފުންޏެކެވެ. އިންޑިއާގައި ގާތްގަނޑަކަށް 60 އަހަރުގެ ދިގު ތާރީހެއް އޮތް މި ކުންފުންޏަކީ އިންޑިއާގައި މިފަދަ މަސައްކަތް ކުރަން އެންމެ ގާބިލް އެއް ކުންފުންޏެވެ. މި ކުންފުނިން މިހާތަނަށް ހިންގި ބައެއް މަޝްރޫއުތަކުގެ ތެރޭގައި އިންޑިއާގެ އިރުން ހުޅަނގަށް ގުޅުވައިދޭ ޓްރާންސް ގަބޮނީސް ރޯޑް ޕްރޮޖެކްޓް ހިމެނެ އެވެ. އަދި އެފްރިކާގެ ގާނާގައި އަޅާ ވޮލްޓާ ރެއިލްވޭ ބްރިޖްގެ މަސައްކަތް ކުރަނީ ވެސް އެ ކުންފުންޏެވެ.
ތިލަމާލެ ބްރިޖް ޕްރޮޖެކްޓްއަކީ ރައީސް އިބްރާހިމް ސޯލިހް އަދި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު 2019 ވަނަ އަހަރު އިންޑިޔާގެ އެކްސްޓާނަލް އެފެއަރޒް މިނިސްޓަރ ޑރ. އެސް ޖައިޝަންކަރް އަރިހުގައި ކުރިއަށް ގެންދިއުމަށް އެހީތެރި ކަމަށް އެދި ވަޑައިގެންނެވި ޕޮރޮޖެކްޓެކެވެ. ސަރުކާރުން ވަނީ މި މަޝްރޫގެ މަސައްކަތް ދެއަހަރު ދުވަސް ތެރޭގައި ނިމޭނެ ކަމަށް ބުނެފަ އެވެ.