ހަނިމާދޫ

ހަނިމާދޫ އެއާޕޯޓުގެ ކޮންޓްރެކްޓް ޖުލާގައި: އިންޑިއާ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން އެ ބަނދަރު ތަރައްގީ ކުރުމަށް އަންނަ ޖުލައި މަހުގެ ތެރޭގައި ބަޔަކު ކަނޑައަޅައި ކޮންޓްރެކްޓް ހަވާލުކުރާނެ ކަމަށް ރާއްޖޭގައި ހުންނަ އިންޑިއަން ހައިކޮމިޝަނުން ބުނެފި އެވެ.

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީ ކުރަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދިވެހި ސަރުކާރަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓް ސްކީމްގެ ދަށުންނެވެ.

މި މަޝްރޫއުގެ މައިގަނޑު މަސައްކަތްތައް ކުރާނީ އިންޑިއާގެ ކުންފުނިތަކުންނެވެ.

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި މި މަޝްރޫއުގެ ކޮންސަލްޓެންޓް، އެއާޕޯޓްސް އޮތޯރިޓީ އޮފް އިންޑިއާ (އޭއޭއައި) އިން ވަނީ މަޝްރޫއުގެ ޑީޓެއިލްޑް ޕްރޮޖްކްޓް ރިޕޯޓް (ޑީޕީއާރް) ގެ މަސައްކަތް ފުރިހަމަކޮށް ހުށައަޅާފަ އެވެ.

ޑީޕީއާރް މަސައްކަތްތަކަށް ހަރަދު ކޮށްފައި ވަނީ އިންޑިއާ ސަރުކާރުގެ 750،000 ޑޮލަރުގެ ގްރާންޓެއް މެދުވެރި ކޮށެވެ. އަދި ދިވެހި ސަރުކާރުން ވަނީ ޑީޕީއާރްގެ މަސައްކަތްތައް ބަލައިގެންފަ އެވެ.

އިންޑިއާ ހައިކޮމިޝަނުން ބުނީ ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގައި މިހާރު ކުރަމުން ގެންދަނީ ޕްރީ-ކޮލިފިކޭޝަން މަރުހަލާގެ މަސައްކަތްތައް ކަމަށެވެ. މި މަޝްރޫއުގެ ކޮންޓްރެކްޓް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހަވާލު ކުރާނެ ކަމަށް ކަމަށާއި މަޝްރޫއުގެ މަސައްކަތް ނިންމަން ދެ އަހަރު ނަގާނެ ކަމަށް ވެސް ބުންޏެވެ.

އެ އޮފިޝަލް ވިދާޅުވީ މަޝްރޫއަށް ލަފާ ކުރެވޭ އަގަކީ 85 މިލިއަން ޑޮލަރު ކަމަށާއި އަގު ފައިނަލް ކުރެވޭނީ ދިވެހި ސަރުކާރުގެ ފަރާތުން މަޝްރޫއަށް ހުށަހަޅާ ޓެންޑަރުތައް އިވޭލުއޭޓް ކުރުމުން ކަމަށެވެ.

ހަނިމާދޫ އެއާޕޯޓަށް އަންނަ ބަދަލުތައް

  • އެއާސައިޑް، ލޭންޑްސައިޑް އަދި އިމާރާތްތަކުގެ އިންފްރާސްޓްރަކްޗާ އަޕްގްރޭޑް ކުރުން
  • އެއާޕޯޓުގެ ރަންވޭ 1350 މީޓަރުން 2460 މީޓަރަށް ފުޅާކުރުން
  • ދިގުމިނުގައި 164 މީޓަރާއި، ފުޅާމިނުގައި 34 މީޓަރު ހުންނަ، އަދި ދެފަރާތުގައި 5.5 މީޓަރުގެ ދެ ޓެކްސީވޭ
  • ލޭންޑް އަދި ސީސައިޑް ކަނެކްޓިވިޓީ އާއި ޕެސެންޖާ ފެސިލިޓޭޝަން ހިމެނޭހެން 10،230 އަކަމީޓަރުގެ އިމާރާތެއް
  • އޮޕަރޭޝަނަށް އެކަށީގެންވާހެން ގާތްގަނޑަކަށް 58،000 އަކަމީޓަރުގެ އޭޕްރޮންއެއް ވަނީ ފަރުމާކުރުން
  • ކޯޑް އެއާކްރާފްޓްތަކުގެ އޮޕަރޭޝަން ތަކަށް އެކަށީގެންވާ ޕެސެންޖާ ޓާމިނަލެއް ގާއިމުކުރުން

އިންޑިއަން ހައިކޮމިޝަނުން ބުނީ އެއާޕޯޓްގެ އިންފްރާސްޓްރަކްޗާ ގާއިމްކޮށް ނިމުމުން، ހަނިމާދޫ އާއި ރާއްޖޭގެ އުތުރުގެ ރަށްތަކުގެ ފަތުރުވެރިކަމަށް ބޭނުންވާ އެތައް ކަމަކަށް ހައްލުތަކެއްް ލިބި، ރަށްތަކުގެ އިޖުތިމާއީ އަދި އިގްތިސޯދީ ކުރިއެރުމަށް އެހީތެރިވާ ބައިވެރިއަކަށް ހަނިމާދޫ އިންޓަނެޝަނަލް އެއާޕޯޓް ވެގެންދާނެ ކަމަށެވެ. އަދި ރާއްޖޭގެ އުތުރުގެ އަތޮޅުތަށް ފަތުރުވެރިކަމާއި، މަސްވެރިކަމާއި، އިންޑަސްޓްރިއަލް އަދި ލޮޖިސްޓިކްސް ފަދަ ދާއިރާތަކުން ތަރައްގީއާއި ކުރިއެރުމަށް ހުޅުވާލުމަށް ބޭނުން ކުރެވޭ މުހިއްމު ވަސީލަތަކަށް ވެގެންދާނެ ކަމަށް ވެސް އިންޑިއަން ހައިކޮމިޝަނުން ބުނެ އެވެ.