ރައީސް މުހައްމަދު ނަޝީދު

ޓެކްސީ ޑްރައިވަރުންނަށް ހައްލެއް ހޯދައިދޭނަން: ނަޝީދު

ކޮވިޑް 19އާއި ގުޅިގެން މާލެ ސަރަަހައްދުގައި ރޭގަނޑު ޓެކްސީ ކުރެވޭ އަދަދު ކޮންޓްރޯލް ކޮށްފައިވާ މައްސަލައިގައި ޓެކްސީ ޑްރައިވަރުންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ކޮވިޑާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތައް ހަރުކަށިކޮށް، އިރުއޮއްސި 6:00 ގެ ފަހުން ކޮންމެ ޓެކްސީ ސެންޓަރަކުން ޓެކްސީ ކުރަން ހުއްދަ ދީފައިވަނީ 10 ޑްރައިވަރަކަށެވެ. އެ ވަގުތުތަކުގައި އެއްވެސް ވެހިކަލެއް ދުއްވޭނީ ސަރުކާރުން ހުއްދަދޭ ވެހިކަލްތަކަށާއި ހާއްސަ ހުއްދައެއް އޮންނަ މީހުންނަށް އެކަންޏެވެ.

ކޮވިޑާ ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން ޓެކްސީ ޑުރައިވަރުންނަށް ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ގޮވާލައި މަޖިލީހަށް މިއަދު ކުއްލި މައްސަލައެއް ހުށަހަޅަން މަސައްކަތް ކޮށްފައިވެ އެވެ. އެގޮތުން މިމައްސަލަ ހުށަހެޅުއްވުމަށް މަސައްކަތް ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. މި މިމައްސަލަ ކުއްލި މައްސަލައަކަށްވާ ސަބަބެއް ނެތް ކަމަށް ވިދާޅުވެ މަޖިލީހުގެ ތަޅުމަށް މައްސަލަ ގެނައުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފުރުސަތު ނުދެއްވި ކަމަށް ހުސައިން ވިދާޅުވި އެވެ.

ކުއްލި މައްސަލަ ބަލައިނުގަތުމުން ޓެކްސީ ޑްރައިވަރުން ވަނީ އެމީހުންގެ ކަންބޮޑުވުންތައް ބަޔާންކޮށްފައިވާ ސިޓީއަކާ އެކު މަޖިލީހުގެ އިދާރާ ކައިރިއަށް ގޮސް ރައީސް ނަޝީދާ ބައްދަލުކޮށް ސިޓީ ހަވާލުކޮށްފަ އެވެ.

މަޖިލިސް ކުރާ ގޭގެ ބޭރުގައި ޑްރައިވަރުންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ޑްރައިވަރުން ހުށަހެޅި ސިޓީއާ ގުޅޭ މައްސަލަ ރަޖިސްޓަރީ ކުރުމުން، ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރާ މަޝްވަރާކޮށް ހައްލުތަކެއް ހޯދަން މަސައްކަތް ކުރައްވާނެ ކަމަށެވެ.