މާލެ ސަރަހައްދަށް ދިމާވެފައިވާ ޓެކްސީގެ މައްސަލަ ހައްލުކުރެވޭނީ ޓެކްސީތަކުގެ އަދަދު މަދުކޮށްގެން ކަމަށް އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިރޭ އެމަނިކުފާނު ޓެކްސީ ޑްރައިވަރުންނާއެކު ބޭއްވި ބައްދަލުވުމެއްގަ އެވެ.
މާލޭގެ ކާނިވާގައި ހުންނަ ޓޭސްޓްމީ ކެފޭގަ ބޭއްވި ބައްދަލުވުމުގައި ޓެކްސީ ޑްރައިވަރުން އެމީހުންގެ ޝަކުވާތަކާ ކަންބޮޑުވުންތައް އެމަނިކުފާނާ ހިއްސާކޮށްފައިވެ އެވެ. އެގޮތުން މިނީ ބަހުގެ ސަބަބުން މަގުތަކުގައި ޓްރެފިކް ބޮޑުވުމާއި، ޕާކް ކުރާނެ ޖާގަ ނުލިބުމާއި، ބޮޑެތި އަގުގައި ޓެކްސީ ގަނެފައި ރަނގަޅު އާމްދަނީއެއް ނުލިބުމާއި، ޓެކްސީ ހިދުމަތުގެ އަގު ޝަކުވާގެ ގޮތުގައި ޓެކްސީ ޑްރައިވަރުން ވަނީ ހުށަހަޅާފަ އެވެ.
ޓެކްސީ ޑްރައިވަރުންގެ ޝަކުވާތަކާ ކަންބޮޑުވުންތައް އަޑުއެއްސެވުމަށްފަހު ރައީސް ނަޝީދު ވިދާޅުވީ މާލޭގެ މަގުތައް ވެހިކަލްތަކުން ތޮއްޖެހިފައިވާ ކަން އެންމެންވެސް ގަބޫލުކުރަން ޖެހޭ ކަމަށެވެ. މި މައްސަލައަށް އޮތް ހައްލަކީ ވަކި އަދަދަކަށް މާލޭގައި ޓެކްސީ ބޭނުންކުރާ އަދަދު މަދުކުރުން ކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ޓެކްސީގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރާއިރު އެކަން ކުރަންޖެހޭނީ އެއްވެސް މީހަކަށް ގެއްލުން ނުވާ ގޮތަށް ކަމަށެވެ.
"އެގޮތުން ޓެކްސީ ކުރުމުގެ ވަޒީފާ ގެއްލޭ މީހުންނަށް ބަސް ކުންފުނިން ވަޒީފާ ދީގެން ނުވަތަ ސަރުކާރުން ހިންގާ ޕްރޮގްރާމްތަކެއްގެ ދަށުން އެމީހުންނަށް ވަޒީފާއެއް ހޯދައިދީގެން ކަމުގައި ވިޔަސް މައްސަލަ އަށް ހައްލެއް ހޯދަންޖެހޭ ކަމަށް އަޅުގަނޑުވެސް ގަބޫލުކުރަން،" ނަޝީދު ވިދާޅުވި އެވެ.
މިބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އާންމު ދަތުރުފަތުރު ތަކުގައި ބޭނުންކުރަން ޖެހޭނީ ޕަބްލިކް ޓްރާންސްޕޯޓް ކަމުގައި ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި ޓެކްސީ އަކީ ވަކިވަރަކަށް ފުދުންތެރިކަން ހުންނަ މީހުން ދަތުރުފަތުރު ކުރުމަށް ބޭނުންކުރާ އެއްޗެއް ވާންޖެހޭ ކަމަށެވެ. ނަމަވެސް ބޮޑެތި އަގުގައި ގަންނަ ޓެކްސީ ތަކަށް އެކަށީގެންވާ އާމްދަނީއެއް ލިބުމަކީވެސް އޮންނަން ޖެހޭ ގޮތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
މިރޭގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ ޓްރެފިކް ސާވޭއެއް ހަދަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ. މި ގޮތުން ޓްރެފިކް ސާވޭއެއް ހަދައި އެ ސާވޭއިން ހާމަވާ ކަންކަމުގެ އަލީގައި ޓްރެފިކްގެ މައްސަލައިގައި ދެން ކަންކުރަންވީ ގޮތް ދެނެގަނެ އެކަން ކުރަންޖެހޭ ކަމުގައިވެސް ވިދާޅުވި އެވެ.
"ޕާކިންގެ މައްސަލައިގައި އޮތް ހައްލަކީ ވެށިފަހި މާލޭގެ އުސޫލުން ހުޅުމާލެއިން ނަމަވެސް މާލޭގެ ރައްޔިތުންނަށް ބިން ނުވަތަ އުޅޭނެ ތަން ދީފައި މާލޭގައި ޕާކިން ޒޯން ހެދުން،" ނަޝީދު ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުންނާ އެކު މިރޭ ބޭއްވި ބައްދަލުވުމުގައި މަޝްވަރާކުރި ބައެއް ކަންކަމުގައި ރައީސް ނަޝީދާއި ޑްރައިވަރުންގެ ހިޔާލުތަފާތުވުން ތަކެއް ހުއްޓެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވީ އަތުން ގުނާލެވޭހާ މަދު އަދަދެއްގެ ޓެކްސީ ޑްރައިވަރުންނެވެ.