ޕާކުތަކާއި މައިޒާންތައް ބަންދު ކޮށްފައި ބެހެއްޓުމަށް އަންގާ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުނު އަމުރު މިރޭ ބާތިލުކޮށްފި އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން އެޅި ފިޔަވަޅުތަކުގެ ތެރޭގައި މާލެ ސަރަހައްދުގައި ހުރި ޕާކުތަކާއި މައިޒާންތައް ބަންދުކުރަން އަންގާފައިވެއެވެ.
ނަމަވެސް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ މާލެ ސަރަހައްދުގައި ހުރި ޕާކުތަކާއި މައިޒާންތައް ބަންދުކުރަން އަންގާ ނެރުނު އަމުރު ބާތިލު ކޮށްފައިވާ ކަމަަށެވެ. މި އަމުރަކީ މި މަހުގެ ހަތަރުވަނަ ދުވަހު ނެރުނު އަމުރެކެވެ. ނަމަވެސް އެ ދުވަހު ނެރުނު އަމުރުގަައި ހިމެނޭ އެހެން ފިޔަވަޅުތައް އިތުރު ހަތް ދުވަހަށް ދަންމާލަން ވަނީ ނިންމާފައެވެ.
މާލެ ސަރަހައްދުގައި ވަކި ވަގުތުތަކެއްގައި ވެހިކަލް ދުއްވުން މަނާކޮށް ކުރިން ނެރެފައިވާ އަމުރުވެސް މިރޭ ވަނީ ބާތިލުކޮށްފައެވެ.