ލައިފްސްޓައިލް

ޝަހީދުވި ދަރިންގެ ޔަތީމު ކުދިން ބެލުމުގައި އަވަދިނެތި

ސީރިޔާގެ 10 އަހަރުވީ ހަނގުރާމައިގައި އަބްދުއްރައްޒާގު ޚާތޫންގެ 13 ދަރިން ޝަހީދުވެފައި ވެއެވެ. އަދި ހަމަ މި ހަނގުރާމައިގައި އޭނާގެ އަންބަކު ވެސް ވަނީ މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ. އުމުރުން 83 އަހަރުގައި އަބްދުއްރައްޒާގަށް މި ހިތާމަތަކަށް ކެތްކުރަން މަޖްބޫރުވެފައި ވަނީ އޭނާއަށް ބޮޑު އާއިލާއެއް ބެލެހެއްޓުމުގެ ޒިންމާ އަދާކުރަން ޖެހިފައި ވާތީ އެވެ. މީގެ ތެރޭގައި އޭނާގެ ޝަހީދުވި ދަރިންގެ ގިނަ އަދަދެއްގެ ދަރިން ހިމެނެ އެވެ. އެގޮތުން ޔަތީމު 11 ކާފަދަރިއަކު އަބްދުއްރައްޒާގު ބަލަ އެވެ.

ހާމަ ޕްރޮވިންސްގައި ހުރި އަމިއްލަ ގެއިން ނުކުންނަން ޖެހި އެތައް މިތަނުގައި ދިރިއުޅެމުން ގޮސް އަބްދުއްރައްޒާގާއި އޭނާގެ އާއިލާގެ 30 މެމްބަރުން މިހާރު ދިރިއުޅެނީ އިދްލީބުގެ ރަށްބޭރުގައިވާ ހާބަނޯޝް ކިޔާ ސަރަހައްދެއްގައި ޒައިތޫނު ގަސް އިންދާފައިވާ ދަނޑުވެރިކަން ކުރާ ބިމެއްގެ ތަންކޮޅެއް ކުއްޔަށް ހިފައިގެންނެވެ. މިތަނުގައި ހަތަރު ޓެންޓެއްގައި އެ އާއިލާގެ އެންމެން ދިރިއުޅެމުން ދެއެވެ.

އެތަނުގައި ހުރިހާ ކާފަ ކުދިންނަށް ކިޔަވައިދިނުމުގެ މަސައްކަތް ކުރަނީ ވެސް އަބްދުއްރައްޒާގެވެ. ޓެންޓެއް ތެރޭ ބިންމަތީގައި އިށީނދެގެން އިނދެ އަބްދުއްރައްޒާގު އޭނާގެ ކާފަ ކުދިންނަށް ކިޔަވައިދޭ މަންޒަރު މި ރިޕޯޓު ލިޔުނު ގަލްފު ނިއުސްގެ ނޫސްވެރިޔާ އަށް ފެނުނު ކަމަށް އޭނާގެ ރިޕޯޓުގައި ވެއެވެ.

މި ކުދިން ކިޔަވަން ގެންގުޅުނީ ޔުނިސެފްގެ ލޯގޯ ޖަހާފައިވާ ދަބަސްތަކާއި ފޮތްތަކެވެ. އެހެންކަމުން އެއީ ޔުނިސެފުން ހަދިޔާކުރި ތަކެތިކަން ޔަގީންވެ އެވެ.

ސީރިޔާގެ ހަނގުރާމަ ފެށުމުގެ ކުރިން އަބްދުއްރައްޒާގަކީ އުފާވެރި ދިރިއުޅުމެއް އުޅުނު މީހެކެވެ. އޭނާގެ ތިން އަނބިންނާއި 27 ދަރިން އޭރު ތިއްބެވެ. އޭރު އެންމެ ދޮށީ ދަރިފުޅަށް 38 އަހަރެވެ. އެންމެ ހަގު ދަރިފުޅަށް އަށް އަހަރެވެ. ނަމަވެސް 10 އަހަރުވީ ހަނގުރާމައިގައި އަބްދުއްރައްޒާގުގެ ދިރިއުޅުން ވަނީ އެފުށް މިފުށަށް ޖެހިފަ އެވެ.
އޭނާގެ ގެޔަށް އެރި ހަމަލައަކަށްފަހު މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކުރި މީހުން އެ މަސައްކަތުގައި އުޅެނިކޮށް ނަގާފައިވާ ވީޑީއޯއެއް އަބްދުއްރައްޒާގުގެ ސްމާޓު ފޯނުގައި ރައްކާ ކޮށްފައި ވެއެވެ. މި ވީޑިއޯ ބަލާ ކޮންމެ ފަހަރަކު އޭނާގެ ލޮލުން ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެން ފަށަ އެވެ. އަމިއްލަ ގެދޮރު ބިމާ ހަމަވެފައި އޮތް ގޮތް ފެނިފަ އެވެ. އެ އިމާރާތުގެ ދަށުގެ އޭނާގެ އާއިލާގެ އެތައް ބަަޔަކު ވަނީ މި ދުނިޔެ ދޫކޮށްފަ އެވެ.

މި ހަނގުރާމަ ފެށުނުފަހުން ހަތް ދަރިން ޝަހީދުވެ ދިޔަތަން ފެނިފައިވާ ކަމަށް އަބްދުއްރައްޒާގު ބުންޏެވެ. އެ އެންމެން ޝަހީދުވީ ސަރުކާރާ ދެކޮޅަށް ހަނގުރާމަ ކުރަނިކޮށެވެ. އޭގެ ފަހުން ސަރަގޭބްގައި ހުރި ޕެޓްރޯލް ސްޓޭޝަނެއްގައި އޭނާގެ އާއިލާ ތިއްބާ އެތަނަށް ދިން ވައިގެ ހަމަލައެއްގައި އެ އާއިލާގެ އިތުރު ބައެއްގެ ފުރާނަ ދިޔައީ އެވެ.

އޭނާގެ އެކި ދަރިން ޝަހީދުވީ ދުވަސްތައް ހަނދާންކުރަން އަބްދުއްރައްޒާގު މަސައްކަތް ކުރި އެވެ. ނަމަވެސް ކޮށްފައިވާ އަސަރުންނާއި ލިބިފައިވާ ހިތާމައިން އަދި ހިތުގައިވާ ބަރު ބޮޑުކަމުން އެ ދުވަސްތައް ހަނދާންކުރަންވީ ދަތި ކަމަކަށެވެ.

ކޮންމެވެސް ދުވަހަކުން އޭނާގެ ދަރިންނަށް އިންސާފު ލިބޭނެ ކަމަށް އަބްދުއްރައްޒާގު އުންމީދު ކުރެ އެވެ.
"އަމިއްލަ އިއްޒަތާއި ކަރާމާތް އަދި ހައްގުތައް ހޯދުމަށް ގުރުބާނީގެ މުހިއްމުކަން އެމީހުންގެ (ޝަހީދުންގެ) ދަރިންނަށް އަހަރެން ދަސްކޮށްދޭނަން،" އަބްދުއްރައްޒާގު ބުންޏެވެ.

ޓެންޓު ތެރޭގައި އަބްދުއްރައްޒާގު އިންޓަވިއު ދެމުންދިޔައިރު އޭނާގެ ކާފަ ދަރިންގެ ތެރެއިން 11 ކުއްޖެއް އޭނާގެ ވަށައިގެން އިށީނދެ ތިއްބެވެ. އެމީހުންގެ ކައިރީގައި ޕާނާއި ޒައިތޫނި، އަދި ޒައިތޫނި ތެޔޮ އަޅައިގެން ހިއްކާފައިވާ ތައިމް އަޅާފައިވާ ތަށިތައް ހުއްޓެވެ.

ސީރިޔާގެ ހަނގުރާމަ މިހާރު 11 ވަނަ އަހަރަށް އަޅާފައިވާއިރު، މި ހަނގުރާމައިގައި އެ ގައުމުގެ 387000 މީހުން މަރުވެފައި ވެއެވެ. އަދި އެތައް މިލިއަން ބަޔެއްގެ ގެދޮރު ގެއްލި ގައުމުގެ އެތައް މިތަނުގައާއި އެހެން ގައުމުތަކުގައި ފަގީރު ހާލަތުގައި ދަނީ އުޅެމުންނެވެ.

"ބައެއް ދުވަސްދުވަހު އަހަރެމެންނަށް ކާ އެއްޗެއް ލިބޭ. އަނެއްބައި ދުވަސް ދުވަހު ތިބެނީ ބަނޑުހައިހޫނު ކަމުގައި. އުމުރުން ދުވަސްވުމުގެ ސަބަބުން މަސައްކަތެއް ކުރާހާ ހިތްވަރެއް މަގޭ ހަށިގަނޑަކު ނުހުރޭ. ނަމަވެސް ޔަތީމު ކާފަ ކުދިންގެ ހައްގުގައި އަހަރެންނަށް ކުރެވުނު ކަމެއް ކުރާނަން،" އަބްދުއްރައްޒާގު ބުންޏެވެ.

އެ ހުރިހާ ކުދިން ބޮޑުވެގެން އުފާވެރި ދިރިއުޅުމެއް އުޅުމަކީ އަބްދުއްރައްޒާގުގެ އުންމީދެވެ. އެ ކުދިންގެ ބައްޕަ އިން ވީ ގުރުބާނީގެ ވާހަކަތައް އަޑުއަހައި އެ ކުދިން ވެސް އެކުދިންގެ ވަޒަން ދިފާއުކުރުމަކީ ވެސް އަބްދުއްރައްޒާގު އެދޭ ގޮތެވެ.

"އަހަރެން ބޭނުން އެކުދިންނަށް ޓެންޓެއް ނޫން، ދިރިއުޅޭނެއް ގެއެއް ހޯދައިދޭން. އެކުދިން ދަތުރުކުރާނެ ކާރެއް ގަނެދޭން ބޭނުން. އަހަރެން ދުނިޔޭގައި ހުރިހާ ދުވަހަކު އެކުދިން އެއްވެސް ކަމަކުން މަހްރޫމް ނުކުރަން ކުރެވުނުހާ ކަމެއް ކުރާނަން،" އަބްދުއްރައްޒާގު ބުންޏެވެ.