ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓް ތައްޔާރުކުރަމަށް މި ސަރުކާރުން އެކުލަވާލި ފްލެޓް ކޮމެޓީން ދިރިއުޅުމުގެ ހާލަތު ބެލިއިރު އެއާ ގުޅޭ ފޯމްގައި ހިމެނޭ މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރިކަން އެނގެން ނެތް ކަމަށް އެ މައްސަލަ ބެލި މަޖިލީހުގެ ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީން ބުނެފި އެވެ.
ހިޔާގެ މަޝްރޫއުގެ ދަށުން އެޅި ފްލެޓްތަކުގެ ދާއިމީ ލިސްޓު ކުރީ ސަރުކާރުން އިއުލާންކުރި ނަމަވެސް މި ސަރުކާރުން ވަނީ އެ ލިސްޓު ބާތިލްކޮށްފަ އެވެ. އަދި އަލުން ފްލެޓްތައް ދޭނެ މީހުން ކަނޑައަޅަން ފްލެޓް ކޮމެޓީއެއް އެކުލަވާލި އެވެ. އެ ކޮމެޓީން ބުނީ ނިމިގެން ދިޔަ ސަރުކާރުން ފްލެޓްތައް ދިންއިރު ގޭގެއަށް ގޮސް ދިރިއުޅުމުގެ ހާލަތު ބަލައިފައިނުވާ ކަމަށެވެ. އެހެންވެ އަލުން ފްލެޓްތައް ދިނީ ދިރިއުޅުމުގެ ހާލަތު ބަލަން ގޭގެއަށް ޒިޔާރަތްކުރުމަށްފަހު އެވެ.
ނަމަވެސް މިއަދު މަޖިލީހުގައި އޮތް ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީން ވަނީ ހާލަތު ބަަލަން ގޭގެއަށް ގޮސް ހޯދި މައުލޫމާތުގެ ސައްހަކަމާމެދު ސުވާލު އުފައްދައިފަ އެވެ.
"ޝަރުތުހަމަވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ދެ މެމްބަރުން މައްޗަށް އެކުލެވޭ ޓީމެއް އެފަރާތުގެ ގޭގެއަށް
ޒިޔާރަތްކޮށްފައިވާ ކަމަށާއި ޒިޔާރަތްކުރުމުގައި ޕްއިންޓް ދީފައިވާ ފޯމްގައި މައުލޫމާތު ދޭ މީހާގެ ނަމާއި ކޮމެޓީގެ ފަރާތުން ޒިޔާރަތްކުރި މީހާގެ މައުލޫމާތު ހިމަނާފައިވާ ކަަމަށާއި ފޯމްގައި ހިމަނާފައިވާ މައުލޫމާތުތަކަކީ ސައްހަ މައުލޫމާތުތަކެއް ކަމަށް ކަށަވަރުކޮށް އެ ފަރާތުން އެ ފޯމްގައި ސޮއިކޮށްފައިވާ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން ބުނެފައިވީ ނަަމަވެސް ގައުމީ ތަރައްގީއާ ކޮމެޓީއަށް އެކި ފަރާތްތަކުް ހުށަހަޅާފައިވާ ޝަކުވާތަކާ މައްސަލަތަކަށް ރިއާޔަތް ކުރާއިރު އެކަން އެގޮތަށް ކޮށްފައި އޮތް މި ކޮމެޓީއަށް ކަށަވަރުވެފައި ނެތްކަން" ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީގެ މުގައްރިރުގެ ނައިބު އަދި ކެލާ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް މިއަދު ވިދާޅުވި އެވެ.
ދިރިއުޅުމުގެ ހާލަތު ބެލިއިރު ފްލެޓް ކޮމެޓީން އެކަން ކުރީ އެންމެ ރަނގަޅަށް ނޫންކަމުގެ ޝަކުވާ ބައެއް މީހުން ހުށަހެޅިކަންވެސް ކޮމެޓީން ފާހަގަކުރި އެވެ. އިތުރަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރޭގައި ދިރިއުޅުމުގެ ހާލަތު ދަށް މީހުންނަށް ދަށުން މާކްސް ލިބި އޭގެ ބަދަލުގައި ދިރިއުޅުމުގެ ފެންވަރު ރަނގަޅު މަތި މީހުންނަށް މަތިން މާކްސް ލިބުން ހިމެނެ އެވެ.
އަދި ޝަރުތު ހަމަނުވާ މީހުންނަށް ފްލެޓް ދިންކަމުގެ ޝަކުވާ ލިބުނުކަންވެސް ޝަރީފް މިއަދު ވިދާޅުވިއެވެ.
ގައުމީ ތަރައްގީއާ ތަރިކައިގެ ކޮމެޓީން ފްލެޓް މައްސަލަ ބަލަން ފެށީ ފްލެޓްތަކުގެ ދާއިމީ ލިސްޓު އެންމެ ފަހުން ނެރުނުއިރު ގިނަ ބަޔަކަށް ފްލެޓްތައް ނުލިބުން ފާޑުކިޔުން މާބޮޑަށް އަމާޒުވުމުން ނެވެ.
ފްލެޓްތަކުގެ ދާއިމީ ލިސްޓު ނެރުނުއިރު ކުންފުނިތައް މެދުވެރިކޮށް އާންމުންނަށް ދޭން އޮތް އެއް ކޮޓަރީގެ ފްލެޓްތައް ވަނީ ކެންސަލްކޮށްފަ އެވެ. އަދި ސިވިލސް ސާވިސް ކެޓެގަރީގެ ފްލެޓްތައް ދިންއިރު 50 ޕޮއިންޓަށްވުރެ މަދުން މާކްސް ލިބުނު މީހުންނަށްވެސް ފްލެޓް ނުދޭން ވަނީ ނިންމައިފަ އެވެ.