ފްލެޓް މައްސަލަ

ފްލެޓް ޝަރުތު ހަމަނުވާ މީހުން އުނިކުރަން މަޖިލީހުން އަންގައިފި

ހިޔާ މަޝްރޫއުގެ ފްލެޓްތަކުގެ ދާއިމީ ލިސްޓު އިއުލާންކުރިިއިރު ޝަރުތުހަމަނުވާ މީހުން ލިސްޓުގައި ތިބި ނަމަ އެކަން ބަލައި އެ ލިސްޓުން އެފަރާތްތައް އުނިކުރަން އަންގަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ކުރިމަތިލާފައިވާ މީހުންގެ ފޯމުތައް އަލުން މުރާޖާކުރިއިރު، ޝަރުތު ފުރިހަމަނުވާ މީހުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓުގައި ހިމަނާފައިވާކަމުގެ ޝަކުވާ ލިބިފައިވާ ކަމަށް ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ ހިޔާ މަޝްރޫއުގެ ފްލެޓްތައް ދިން ގޮތާ ގުޅޭގޮތުން ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމެޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓްގައި ވަނީ ބުނެފަ އެވެ. އެ މައްސަަލައާއެކު އިތުރު މައްސަލަތަކެއްވެސް ރިޕޯޓްގައި ފާހަގަކޮށް އިސްލާހުކުރަން ރިޕޯޓްގައި ލަފާދީފައި ވެއެވެ.

ރިޕޯޓްގައިވާ އިސްލާހުތައް ފާސްކުރަން މިއަދު މަޖިލީހުގައި ނެގި ވޯޓުގައި ފެންނަ ކަަަމަށް 33 މެމްބަރަކު ވޯޓު ދެއްވި އެވެ.

އެ ރިޕޯޓްގައި ފާހަގަކޮށްފައިވާ އިތުރު މައްސަލަތަކުގެ ތެރޭގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓްތައް ދިނުމުގައި ދިރިއުޅުމުގެ ހާލަތު އެންމެ ފުރިހަމައަށް ވަޒަން ނުކުރުން ހިމެނެ އެވެ. އެހެންކަމުން ދިރިއުޅުމުގެ ހާލަތު ވަޒަންކުރަންވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

ނިމިގެން ދިޔަ ސަރުކާރުގެ ފަހު ދުވަސްވަރު އަވަސް އަރުވާލައިގެން ފްލެޓްތައް ދީފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އެ މައްސަލައިގައި ޝާމިލްވާ މީހުންގެ މައްސަލަތައް ކަމާބެހޭ އިދާރާތަކުން ވީ އެންމެ އަވަހަށް ތަހުގީގު ކުރަންވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

ދެން މިއަދު ފާސްކުރި އެންމެ މުހިންމު ކަމަކީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކޮށްފައިވާ ކެޓެގަރީން ފްލެޓް ލިބުމަށް ޝަރުތުހަމަވެ، ފްލެޓް ލިބޭނެކަމަށް މިހާރު ކަނޑައެޅިފައިވާ މީހުންނާމެދު އަމަލުކުރަން ނިންމި ގޮތެވެ. އެގޮތުން ސަރުކާރުން މަޝްވަރާ ކުރުމަށްފަހު މިހާރު ލިބިފައިވާ ފްލެޓްތައް ދޫކޮށްލުމަށް އެދޭ މީހުން ކުރިއަށް އޮތްތަނުގައި ސަރުކާރުން ދޫކުރުމަށް ރާވާފައިވާ އެކި ގިންތިތަކުގެ ގެދޮރުވެރި ކުރުވުމުގެ މަޝްރޫއުތަކުގެ ތެރެއިން އެމީހަކަށް ލިބޭ އާމްދަނީ އާއި ދިރިއުޅުމުގެ ހާލަތު އެންމެ އެކަށޭނަ ގިންތިއަކުން ފްލެޓް ނުވަތަ ހައުސިން ޔުނިޓް ލިބޭނެކަމުގެ ޔަގީންކަން ސަރުކާރުން ދިނުމަށް އެންގުމަށް ނިންމި ނިންމުން ހިމެނެއެވެ.