ކަނޑު މިޔަރުތައް އެހެން ދިރުންތައް ސިކާރަ ކުރެ އެވެ. މަޖުލިސް މެންބަރުން ސަރުކާރުގެ އެކި މިނިސްޓަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލަތައް މަޖިލީހަށް ވައްދަ އެވެ. ސިކާރައަށް ނުކުމެ އުޅޭ މިޔަރު މަހަށް ހަމަލާދޭހާ އަވަހަށް މިކަން ނިންމާ އަވަހަށް ކަން ނިންމާލައެވެ. އެންމް ފަހުން މިފަދަ ޝިކާރައެއް ނުވަތަ އިތުބާރުނެތް ކަމުގެ ވޯޓެއް ނަގަންއުޅޭ ކަމުގެ އަޑު އިވުނީ މަސްވެރިކަމާއި ގުޅޭ މިނިސްޓަރު ޒަހާ ވަހީދަށެވެ.
ޒަހާ ވަހީދަށް އަމާޒުވީ ޕްރެޝަރާއި އެކު އެކަމަނާގެ ރާގު ވަރަށް ބޮޑަށް ބަދަލުވިއެވެ. މަޖްލީހުގެ އިގްތިސޯދީ ކޮމިޓީގައި ވާހަކަފުޅު ދައްކަވަމުން މިފަހަރު ވިދާޅުވީ ފިޝަރީޒް މިނިސްޓްރީ އަކީ އިގްތިސޯދަށް މަންފާ ހޯދަން މަސައްކަތްކުރާ މިނިސްޓްރީއަކަށްވާއިރު މިޔަރު މަސްވެރިކަމަށް ފުރުސަތު ދޭން މަޝްވަރާތައް ކުރާ ކަމަށެވެ.
މަސްވެރިކަމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި މިޔަރު މަސްވެރިކަން ކުރުން ވަނީ 2010 ވަނަ އަހަރުން ފެށިގެން މަނާކޮށްފައެވެ. އެހެންނަމަވެސް، އެކަމަނާ ވިދާޅުވީ މިޔަރަކީ ރާއްޖެއަށް އާމްދަނީ ލިބޭނެ ވަސީލަތަކަށް ވާއިރު އޭގެ ބޭނުން ނުކޮށް ތިބޭންވީ ސަބަބެއް ނެތް ކަމަށެވެ. އެހެންކަމުން އެ މަސްވެރިކަން ހުޅުވައިލައި އެކަން ކުރާނީ ކޮންގޮތަކަށްތޯ ބަލަން މަޝްވަރާތަކެއް ކުރަމުން ގެންދާ ކަމަށެވެ.
"ދުނިޔޭގަ މިޔަރު ހިމާޔަތް ކޮށްފައި ވަނީ މަދު ގައުމެއްގައި. އެއީ އިގްތިސޯދީ މަންފާއެއް ލިބޭ އެއްޗެއް، އަޅުގަނޑުމެން އެކަނި ހުދޫދެއްގެ ތެރޭގަ ތިބޭކަށް ނުޖެހޭ. މެނޭޖް ފިޝަރީއެއް ގޮތަށް ވަކި މުއްދަތަކަށް ހުޅުވާލާފައި، އާބާދީއަށް ގެއްލުން ނުވާ ގޮތަށް އޭގެ މަންފާ ހޯދަން ޖެހޭ." މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަނާ މިހެން ވިދާޅުވިއިރު، ހަގީގަތަކީ ރާއްޖޭގައި ކުރާ ބޮޑެތި ހުރިހާ ވިޔަފާރިތަކަކީ ސިޔާސީ ނުފޫޒު ގަދަ މީހުންނާއި ގުޅިފައިވާ ވިޔަފާރިތައް ކަމެވެ. މިޔަރު އުރަހަ އާއި މިޔަރުން ނަގާ ތެޔޮ ވިޔަފާރީގެ ކޮންމެވެސް އެއް ހިސާބަކުން ނުފޫޒުގަދަ ބަޔަކު ފަހަތުގައި ތިބުމަކީ އެކަށީގެންވާ ކަމަކެވެ.
މިދިޔަ ޖެނުއަރީ މަހު ރާއްޖެއިން 400 ކިލޯއަށް ވުރެ ގިނަ ލޮނުލީ މިޔަރު އުރަހަތަކެއް ބޭރަށް އެކްސްޕޯޓް ކުރުމަށް އުޅުމުގެ ތެރޭގައި ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހިފަހައްޓާފައެވެ.
އަދި މާރިޗު މަހުގައި އދ. މަންދޫ ކައިރީގައި ބަޔަކު މިޔަރު މަސްވެރިކަން ކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދޯނި ހުއްޓުވާ ފާސްކުރިއިރު ދޯނި ތެރެއިން މިޔަރާއި މިޔަރު އުރަހައާއި ލޮނު އަޅާފައި ހުރި މިޔަރު މަސް ފުލުހުންނަށް ފެނިފައިވެއެވެ.
މިޔަރު ހިމާޔަތްކޮށްފައިވާ އިރުވެސް މިޔަރު މަސްވެރިކަން ދަނީ ބްލެކް މާކެޓުގައި ފުޅާކޮށް ކުރަމުންނެވެ. އަދި މިޔަރުގެ އުރަހަ ވިއްކުމަށް ފާޅުގައި ކުރީގެ މެންބަރުން ހިމެނޭގޮތަށް ބައެއް ފަރާތްތަކުން ގޮވާލަން ފެށިއެވެ. މަސްވެރިން ބާނަ މަހުގެ އެއްބައި މިޔަރު ކާލާފައިވާތީ ޝަކުވާތައް ބަންޑުން ކުރަން ފެށިއެވެ.
މިޔަރުގެ ބަހުސް ވަރަށް ހޫނުކޮށް ދިޔައެވެ. ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި މިޔަރު މަސްވެރިކަން ހުއްދަކުރުމަށް ވަގުތީ ގޮތުން ނަމަވެސް އުޅޭ އެއް ސަބަަބަކީ ލޮނުލައި އުރަހަތައް ސްޓޮކްކޮށްފައިވާ ތަކެތި ބޭރަށް ވިއްކުމެވެ. އެ ސްޓޮކް ބޭރު ނުކުރެވި އޭގެން މާލީ މަންފާ ނުލިބި ނުފޫޒު ގަދަ ފަރާތްތަކެއް ވާތީއެވެ.
ދެމެހެއްޓެނިވި ގޮތަކަށް މިޔަރު މަސްވެރިކަން ކުރެވިދާނެ؟
ދެމެހެއްޓެނިވި ގޮތެއްގައި ކަނޑުގެ ސްޓޮކަށް ގެއްލުން ނުވާވަރަށް މެނޭޖްކޮށްގެން ކުރާ މަސްވެރިކަމަކީ ފިޝަރީސް މެނޭޖްމަންޓްއެވެ. މިއީ ތިމާވެެއްޓާއި ރައްޓެހި ގޮތެކެވެ. ކަނޑުގެ ދިރުން ރައްކާތެރިކުރުމަށް ކޮށް އުޅޭ ކަމެކެވެ.
ތިމާވެށީގެ ކޮންސަލްޓަންސީ ދެއްވާ އަދި ސައިންޓިފިކް ރިސާޗް ހައްދައްވާ މެރިން އިކޮލޮޖީގެ ދާއިރާގައި މަސައްކަތްކޮށް އަދި 10 އަހަރަށް ދުވަހަށް ޑައިވިންގ އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވާ އާޒިމް މުސްތާގު ވިދާޅުވާ ގޮތުގައި ފިޝަރީސް މެނޭޖްމަންޓް އަދި ލިމިޓެއް ކަނޑައެޅުން އެއީ ދެމެހެއްޓެވި ގޮތަކަށް ކުރެވިދާނެ ކަމެއް ނޫން ކަމަށެވެ.
"ކިހިނެއްތޯ މިކަން މިޔަރުގެ އާބާދީ އާއި އޭގެ ނޭދެވޭ އަސަރު ނުކުރާ ގޮތަކަށް ކުރާނީ. މިޔަރަކީ ޝިކާރަ ކުރާ މަހެއް. އެހެން މަސް މަހުގެ އާބާދީއާއި މިޔަރާއި އޮންނަނީ ގުޅިފައި. އަހަރުމެން އޭގެ އިކޮލޮޖިކަލް ފަންކްޝަން މި އަންޑަރ އެސްޓިމޭޓް މި ކުރަނީ،"
ފިޝަރީސް މިނިސްޓްރީގެ އިހްތިސޯސް ދަށުގައި އޮންނަ މެރިން ރިސާޗް އިންސްޓިޓިއުޓް އިން ހަދާފައިވާ އެއްވެސް ދިރާސާއަކުން ނުބުނޭ މިޔަރު ހިމާޔަތް ކުރިފަހުން މިޔަރުގެ އާބާދީ އިތުރުވެއްޖެ ކަމަށް. ބައިނަލްއަގުވާމީ މެރިން ކޮންސަރވޭޝަން ޖަމިއްޔާތަކުން މި ދައްކަނީ ކެނޑިނޭޅި ދުނިޔޭގެ ކަނޑުގައި މިޔަރުގެ އާބާދީ މަދުވާ ވާހަކަ"
މިޔަރު ހިމާޔަތް ކުރިކަމުގައިވިޔަސް ރާއްޖޭގެ ކަނޑުގައި މިޔަރު އާލާ ނުވާ ސަބަބުތަކެއް އެބަހުއްޓެވެ.
އާޒިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ކަނޑުގެ ދިރިއުޅޭ މިޔަރުތައް ބާނާ އޭގެ އުރަހަ ނަގާ ލިބޭ މާލީ މަންފާއަށް ވުރެ މިޔަރާއި ގުޅުވައިގެން މެރިން ޓުއަރިޒަމް ފުޅާކޮށް އޭގެން ލިބޭ މާލީ މަންފާ ރާއްޖެ ފަދަ ޖަޒީރާ ގައުމަަަކަށް ދިގުމުއްދަތުގައި މާ ބޮޑެވެ.
ޓުއަރިޒަމް މިނިސްޓްރީން އާއްމުކޮށްފައިވާ ސާވޭއަކަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ ތެރެއިން 48 ޕަސެންޓް މީހުން ރާއްޖެ އަންނަނީ ގުދުރަތީ ރީތި ބަލާލާށެވެ. ޔުނިވާސިޓީ އޮފް ވެސްޓަން އޮސްޓްރޭލިއާ އާއި މެރިން ރިސާޗް ސެންޓަރު ގުޅިގެން ހަދާފައިވާ ދިރާސާއެއް ބުނާ ގޮތުގައި މިޔަރުގެ އާބާދީ އިތުރު ކޮށްގެން، ޓޫރިސްޓް ޑައިވް ދަތުރަށް އޮތް ޑިމާންޑް 15 ޕަސެންޓަށް އިތުރު ކުރެވިދާނެ އެވެ. އަދި އޭގެ ސަބަބުން ޑައިވް ޓޫރިޒަމް ދާއިރާއަށް އަހަރަކު ހަ މިލިއަނަށް ވުރެ ގިނަ ޑޮލަރު މަންފާ ރާއްޖެއަށް އެއް ކުރެވިދާނެ އެވެ.
އާޒިމް ވިދާޅުވާ ގޮތުގައި މަސްވެރިކަމުގެ ރިސޯސް މެނޭޖް ކުރާ ސަރުކާރުގެ މުވައްސަސާތަކުން ގާނޫނަކުން ހިމާޔަތްކޮށްފައިވާ ދިރުމެއް ބާނަން އަލުން ހުއްދަދޭން މަސައްކަތް ކުރާއިރު ކޮންމެވެސް އެއްކަހަލަ ހުއްޖަތެއް ދައްކަން ޖެހެއެވެ.
"މިޔަރު މަސްވެރިކަން ހުއްދަ ދީފި ނަމަ ރާއްޖޭގެ ކަނޑުގައި މިޔަރުގެ އާބާދީ ކުރު މުއްދައްތެއްގެ ތެރޭގައި ނެތިދިއުން ގާތް. ފިޝަރީސް މިނިސްޓްރީ އިން މިކަން އެންފޯސް ކުރެވޭނެ ކަމަކަށް ގަބޫލެއް ނުކުރަން،"
ގާނޫނަކުން މަނާކޮށްފައިވާ އިރުވެސް ބޮޑުއަގުގައި މިޔަރު އުރަހަ ވަގަށް ބޭރުކުރާއިރު ހުއްދަ ދީފިނަމަ މިޔަރުގެ އާބާދީ ހުސްވެދާނެ ކަމުގެ ބިރު އެއީ އޮތް ބިރެކެވެ.
ރާއްޖޭގެ ޑައިވް ލެޖެންްޑު ސެންޑީ ކުރައްވާ ފައިވާ ޓުވީޓެއްގައި ވިދާޅުވާގޮތުގައި މިޔަރު މަސްވެރިކަން ހުޅުވާލާނެ ކަމުގެ މަޝްވަރާތަކަކީ މިނިސްޓަރު ޒަހާގެ އަމިއްލަ ކެރިއަރުގެ ދިފާއުގައި ކުރާއްވާ ކަމެކެވެ.