ދީން

ޝަޢުބާނު މަހު ސުންނަތް ރޯދަހިފުން

އަހަރުގެ އެހެނިހެން މަސްތަކުގައި ސުންނަތް ރޯދަ ނުހިއްޕަވާހާ ގިނައިން ޝަޢުބާން މަހު ކީރިތި ރަސޫލާ صلى الله عليه وسلم ސުންނަތް ރޯދަ ހިއްޕަވައެވެ. އުސާމަތު ބުނު ޒައިދު رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވެފައިވެއެވެ.

ތިމަން ކީރިތި ރަސޫލާ صلى الله عليه وسلم ގެ އަރިހުގައި ދެންނެވީމެވެ. "އޭ ﷲ ގެ ރަސޫލާއެވެ! އެހެން މަސްތަކުގައި ނުހިއްޕަވާހާ ގިނައިން، ކަލޭގެފާނު ޝަޢުބާންމަހު ސުންނަތް ރޯދަ ހިއްޕަވަނީ ކީއްވެގެންތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "އެއީ ރަޖަބު މަހާއި ރަމަޟާންމަހާ ދެމެދުގައި އޮންނަ، މީސްތަކުން އެމަހަކާމެދު ޣާފިލުވެފައިވާ މަހެއްކަމުގައި ވާތީއެވެ. އަދި އެ މަހަކީ ޢާލަމުތަކުގެ ވެރި ރައްބުގެ ޙަޟުރަތަށް ޢަމަލުތައް އުފުއްލެވޭ މައްސަރެވެ. ވީމާ، ތިމަން ކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވޭހިނދު ރޯދައަށް ހުންނެވުމަށް ލޯބި ކުރައްވަމެވެ."

ރަޖަބު މަހަކީ ޙުރުމަތްތެރިވެގެންވާ ހަތަރު ހަމައްސަރުގެ ތެރެއިން ހިމެނޭ މަހެކެވެ. ހުރުމަތްތެރިވެގެންވާ ހަތަރު މަހަކީ، ވިދިވިދިގެން އަންނަ ތިން މަސްކަމުގައިވާ، ޛުލް ޤަޢިދާ އާއި ޛުލް ޙިއްޖާއާއި މުޙައްރަމު މަހެވެ. ހަތަރުވަނަ މަހަކީ ޝަޢުބާނުމަހުގެ ކުރިން އޮންނަ ރަޖަބު މަހެއެވެ. މި ހަތަރު މަސް ހުރުމަތްތެރި ކުރައްވައި، އެ މައްސަރުތަކުގައި ލޭއޮރުވުމާއި، ހަނގުރާމަ ކުރުން މާތް ﷲ ވަނީ ނަހީކުރައްވާފައެވެ.

ހަމައެފަދައިން ރަމަޟާން މަހަކީ އެމަހެއްގައި ކީރިތި ޤުރްއާން ބާވައިލެއްވި މައްސަރެވެ. ޤުރްއާން ބާވައިލެއްވި ރެޔަކީ އެއްހާސް މައްސަރަށްވުރެ ހެޔޮވެގެންވާ ރެއެއް ކަމުގައި ވުމީވެސް ރަމަޟާންމަހުގެ ޚާއްޞަ ކަމުގެ ތެރެއިން ހިމެނޭ ކަމެކެވެ. އަދި އެމަކީ ފަރުޟު ރޯދައިގެ އަޅުކަން އަދާކުރެވޭ މައްސަރެވެ. ވީމާ، ރަމަޟާން މަހަކީ އަޅުކަމުގެ މޫސުމެކެވެ. މާތްވެގެންވާ މައްސަރެކެވެ. ކީރިތި ޤުރްއާން ކިޔެވުމުގެ މައްސަރެވެ.

މިދެމަހުގެ ދެމެދުގައި، އޮތް ޝަޢުބާން މަހަކީ އެމަހަކާމެދު މީސްތަކުން ފަރުވާކުޑަކުރާ، މަހެއް ކަމުގައިވެގެން ދެއެވެ. އެހެންކަމުން އެ މައްސަރުގައި ކީރިތި ރަސޫލާ صلى الله عليه وسلم ސުންނަތް ރޯދަ ހިއްޕެވުން ގިނަ ކުރައްވައެވެ. އިސްވެ ބަޔާންކުރެވުނު ޙަދީޘުން ލިބިދޭ އެތައް ފިލާވަޅުތަކެއް އެބަހުއްޓެވެ. މި މައްސަރުގައި ރޯދަހިފުމާމެދު، އަލްއިމާމު އިބްނު ރަޖަބުލް ޙަންބަލީ رحمه الله ފާހަގަކުރައްވާފައިވާ ބައެއް ނުކުތާތަކަށް ބަލައިލާނަމެވެ.

އެއްކަމަކީ، މީސްތަކުން އެވަގުތު ތަކުގައި ހެޔޮ ކަމުން އެއްކިބާވެ ޣާފިލުވެފައިވާ ވަގުތުތަކުގައި ހެޔޮ ޢަމަލު ކުރުން އެދެވިގެންވާކަން ވަގުތުތަކެއްކަން އެ ޙަދީޘުން އެނގެވެ. އެވަގުތަކީ ހެޔޮ ޢަމަލު ކުރުމަށް މާތް ﷲ ލޯބިވޮޑިގަންނަވާ ވަގުތެއްކަންވެސް އެނގެއެވެ. މީސްތަކުން އެވަގުތަކަށް ފަރުވާކުޑަކޮށްލާ ވަގުތުތަކުގައި ހެޔޮ ޢަމަލު ކުރުމުގެ ފައިދާތަކެއެއްވެއެވެ.

މީސްތަކުން ހެޔޮ ޢަމަލު ކުރުމަށް ފަރުވާކުޑަކޮށްލައި، ޣާފިލުވާ ވަގުތަކީ އެންމެ ބޮޑަށް ހެޔޮ ޢަމަލުތައް ސިއްރުކޮށް ފޮރުވައިލެވޭ ވަގުތުތަކެކެވެ. ހަމައެޔާއެކު، ސުންނަތް އަޅުކަން ވީހާވެސް ސިއްރިޔާތުގައި ކުރުމަކީ އެންމެ މޮޅު އިތުރުވެގެންވާ ގޮތެވެ. ވަކީން ޚާއްޞަކޮށް ރޯދަޔަކީ ތިމާއާއި ތިމާގެ ވެރި ރައްބާ ދެމެދުގައިވާ ސިއްރެއް ކަމުގައިވީހިނދު، އެ އަޅުކަން އެންމެ މޮޅުއިތުރު ގޮތުގައި ކުރުމަކީ އެންމެ ހެޔޮވެގެންވާ ގޮތުވެ.

އިހުގެ ހެޔޮވެގެންވާ ބޭކަލަކު ސިއްރިޔާތުގައި، އެހެން މީހުންނަށް އެނގުމަކާ ނުލައި، ސާޅީސް އަހަރު ސުންނަތް ރޯދަ ހިއްޕެވިކަމުގައި ވެއެވެ. އެބޭކަލަކު، ކޮންމެ ދުވަހަކުވެސް ހެނދުނު ގެއިން ނިކުމެވަޑައިގަންނަވަނީ، ދެ ޕާންފޮތި ހިއްޕަވައިގެންނެވެ. އަދި ބާޒާރަށް ވަޑައިގެން، އެ ދެ ޕާންފޮތި ނިކަމެއްޗަކަށް ޞަދަޤާތް ކުރައްވައެވެ. އެކަލޭގެފާނުގެ އަނބިދަރީން ހީކުރަނީ އެކަލޭގެފާނު މަސައްކަތަށް ވަޑައިގެންފައި އެދެ ޕާންފޮތި ފަރީއްކުޅުވަނީ ކަމުގައެވެ. އަދި ބާޒާރުގެ އަހުލުވެރީން ހީކުރަނީ، އެބޭކަލަކު ގެއިން ނާސްތާ ކުރައްވައިގެން ވަޑައިގެން އެދެ ޕާންފޮތިން ޞަދަޤާތް ކުރައްވަނީ ކަމުގައެވެ. މިއިންވެސް ދޭހަވަނީ އެބޭކަލުން ހެޔޮ ޢަމަލުތައް ވީހާވެސް ދެއްކުންތެރިކަން ކުޑަގޮތެއްގައި، ސިއްރިޔާތުގައި ކުރެއްވުމަށް އިސްކަން ދެއްވާކަމެވެ.

ޝަޢުބާން މަހުގެ ރޯދައަކީ ނަފްސަށް ވަރަށް ބުރަ ކަމެއްކަމެކެވެ. އެހެނީ، އެހެން މީހުންވެސް ތިމާއާއެކު ރޯދަ ހިފާކަން އެނގޭނަމަ، ރޯދައަށް ހުރުމަކީ ލުއިކަމަކަށް ވެގެންދެއެވެ. ނަމަވެސް އެހެން މީހުން ރޯދަ ނުހިފާ ވަގުތެއްގައި، ތިމާއެކަނި ރޯދައަށް ހުންނަވީމާ ނަފްސަށް ބުރަކަން އިހުސާސް ކުރެވެއެވެ. ހަމަ މި ސަބަބަށްޓަކައި ރޭގަނޑުގެ މެންދަމުގެ ހަމަހިމޭންކަމުގައި ކުރެވޭ ދަމުނަމާދަކީ ސުންނަތް ނަމާދުތަކުގެ ތެރެއިން އެންމެ މޮޅުއިތުރު ނަމާދު ކަމުގައިވެއެވެ.

ޝަޢުބާން މަހަކީ ހެޔޮ ޢަމަލުތައް އުފުއްލަވާ މައްސަރެކެވެ. ހެޔޮ ޢަމަލުތައް އުފުއްލެވުމުގެ ތިން ވަގުތެއް ވެއެވެ. އެއީ؛

އެކެއް: ކޮންމެ ދުވަހަކު ޢަމަލުތައް އުފުއްލެވޭ ވަތެއްވެއެވެ. އެއީ ފަތިސް ނަމާދުގެ ވަގުތާއި، ޢަޞްރު ނަމާދުގެ ވަގުތެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. «يَتَعَاقَبُونَ فِيكُمْ مَلاَئِكَةٌ بِاللَّيْلِ، وَمَلاَئِكَةٌ بِالنَّهَارِ، وَيجْتَمِعُونَ في صَلاَةِ الصُّبْحِ وَصَلاَةِ العَصْرِ، ثُمَّ يَعْرُجُ الَّذِينَ بَاتُوا فِيكُمْ، فَيَسْأَلُهُمُ اللهُ - وَهُوَ أعْلَمُ بِهِمْ - كَيْفَ تَرَكْتُمْ عِبَادي؟ فَيقُولُونَ: تَرَكْنَاهُمْ وَهُمْ يُصَلُّونَ، وَأتَيْنَاهُمْ وَهُمْ يُصَلُّونَ» متفق عليه މާނައީ: "ތިޔަބައިމީހުންގެ ކަންތައްތައް ބެލެހެއްޓެވުމަށްޓަކައި، ރޭގަނޑާއި ދުވާލުގެ ވަގުތުގައި މަލާއިކަތުން ބައިބަޔަށް ފައިބައިވަޑައިގެން، (އުޑަށް) އަރާވަޑައިގަންނަވަމުން ގެންދަވައެވެ. އެ ބޭކަލުން އޭގެ އެއް ބަޔަކު އަނެއް ބަޔަކާ ބައްދަލުކުރައްވަނީ، ފަތިސްނަމާދުގެ ވަގުތުގައްޔާއި، އަސުރު ނަމާދުގެ ވަގުތުގައެވެ. އެއަށްފަހު، ތިޔަބައިމީހުންގެ ތެރޭގައި ވަގުތު ހޭދަކުރެއްވި މަލާއިކަތުން (މައްޗަށް) އަރާވަޑައިގަންނަވައެވެ. ފަހެ، އެ ބޭކަލުންނާ ﷲ ސުވާލު ކުރައްވާނެތެވެ. އެކަލާނގެ އެބޭކަލުންނަށްވުރެ މޮޅަށް (އަޅުތަކުންގެ ޢަމަލުތައް) ދެނެވޮޑިގެންވެއެވެ. (އެކަލާނގެ ސުވާލު ކުރައްވާނެތެވެ.) "ތިޔަބައިމީހުން ތިމަންއިލާހުގެ އަޅުތަކުންނާ ވަކިވެ އައީ، އެބައިމީހުން ކޮން ކަމެއްގައި ވަނިކޮށް ހެއްޔެވެ؟" އެ ބޭކަލުން ދަންނަވާނެތެވެ. "އަޅަމެން އެބައިމީހުންނާ ވަކިވެ އައިއިރު އެބައިމީހުން ވަނީ، ނަމާދުކުރުމުގައެވެ. އަދި އަޅަމެން އެބައިމީހުންގެ ގާތަށް ދިޔައިރުވެސް އެބައިމީހުން ވަނީ، ނަމާދުކުރުމުގައެވެ."

ދޭއް: ކޮންމެ ހަފަތާއަކު ޢަމަލުތައް އުފުއްލެވޭ ވަގުތެއް ވެއެވެ. އެއީ ކޮންމެ ބުރާސްފަތި ދުވަހެއްގައެވެ. އަބޫ ހުރައިރާ رضي الله عنه ވިދާޅުވިއެވެ. ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. "އާދަމުގެ ދަރީންގެ ޢަމަލުތައް ކޮންމެ ބުރާސްފަތި ދުވަހެއްގެ ރޭ، ހުކުރު ވިލޭރޭ އުފުއްލެވޭނެތެވެ. އެހިނދު، ރަޙިމުގެ ގުޅުން ކަނޑާ މީހާގެ ޢަމަލު ޤަބޫލު ނުކުރައްވާނެތެވެ." (ރިވާކުރެއްވީ އަލްއިމާމު އަޙްމަދު)

ތިނެއް: ކޮންމެ އަހަރަކު ޢަމަލުތައް އުފުއްލެވޭ އުފުލެވުމެއްވެއެވެ. އެއީ ޝަޢުބާން މަހުގައެވެ. އިސްވެ ބަޔާންކުރެވުނު ޙަދީޘް ފުޅުގައި ވާފަދައިންނެވެ.

ޝަޢުބާން މަހު ސުންނަތް ރޯދަ ހިއްޕެވުން ގިނަ ކުރެއްވުމާމެދު އަލްއިމާމު އިބްނުލް ޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ. އަހަރުގެ މަސްތަކުގެ ތެރެއިން، ކީރިތި ރަސޫލާ صلى الله عليه وسلم، ސުންނަތް ރޯދަ އެންމެ ގިނައިން ހިއްޕަވާ މަހަކީ ޝަޢުބާން މަސްކަމުގައިވުމުން ތިން ކަމެއް ދޭހަވެއެވެ. އެއީ؛

* އިތުރު އެކަލޭގެފާނު ކޮންމެ މަހަކު ސުންނަތް ތިން ރޯދަ ހިއްޕަވައެވެ. ނަމަވެސް ބައެއް މައްސަރުތަކުގައި އެ ތިން ރޯދަ ނުހިއްޕެވޭކަމަށްޓަކައި، ޝަޢުބާން މަހު އެކަން ފުރިހަމަ ކޮށްލައްވަނީއެވެ.

* ޝަޢުބާން މަހު ސުންނަތް ރޯދަ ހިއްޕެވުން ގިނަ ކުރައްވަނީ ރަމަޟާންމަހުގެ މަތިވެރިކަމާއި ޝަރަފައްޓަކައެވެ. އަދި މިރޯދައަކީ ފަރުޟު ނަމާދުގެ ކުރީގައި ކުރެވޭ ސުންނަތް ނަމާދު ފަދައެވެ.

* އެ މައްސަރަކީ ޢަމަލުތައް އުފުއްލަވާ މައްސަރު ކަމުގައިވާތީ، ރޯދައަށް ހުންނަވާޙާލު އެކަލޭގެފާނުގެ ޢަމަލުތައް އުފުއްލެވުމަށް ލޯބިކުރައްވާތީއެވެ.

ކޮންމެއަކަސް ޝަޢުބާން މަހަކީ، ކެއުމާއި ބުއިމުގެ މައްސަރެއް ކަމުގައި ހެދުމުގެ ބަދަލުގައި، ސުންނަތް ރޯދަހިފުމާއި އަޅުކަމުގެ މައްސަރެއް ކަމުގައި ހަދަމާތޯއެވެ! ރަމަޟާންމަހުގެ ހެޔޮކަން ފުރިހަމައަށް ލިބިގަތުމަށް އެދޭމީހަކު، އެ މާތް މައްސަރަށް ތައްޔާރުވުމަށްޓަކައި ނަފްސު ހޭލައްވާލައި، ހެޔޮކަމަށް ފަރިތަވެލާ މައްސަރެއް ކަމުގައި ޝަޢުބާން މަސް ވެގެން ދެއެވެ.