ވާހަކަ

ގެއްލުވާލުމުގެކުރިން

ޗެޕްޓާ 1

ކެފޭ ޗީބޯގެ މަތި އޮތީ ހަވީރުގެ ސަޔަށް އެތަނަށް ގޮސް ތިބި މީހުންނާ އެކު ފުރި ބަންޑުންވާން ކައިރިވެފަ އެވެ. އެހެންވީމަ އިތުރު ބޮލަކަށް އެ ކެފޭގެ މަތީގައި އާދައިގެ މުށިގަނޑެއްގެ ޖާގައެއް ވެސް ނެތެވެ.

ޝާހިދު އާއި އޭނާގެ ދެ އެކުވެރިން ކަމުގައިވާ ލިރާރް އާއި ފަހުދަށް ކެފޭގެ ތިރިން ފުއްދާލަން ޖެހުނީ އެހެންވެގެންނެވެ.

"އެކަމަކު މިތާކު ފެގެއް ނުބޮވޭނެއޭ،" މޭޒު ކައިރީގައި ހުރި ގޮނޑި ދަމައިގަނެފައި އޭގައި އިށީނދެ ހަމަޖެހިލުމަށް ފަހު ފަހުދު ބުނެލި އެވެ.

އޭނާގެ މި ޝަކުވާއަކަށް ދެން ތިބި ދެ މީހުން މާ ބޮޑު ސަމާލުކަމެއް ނުދީ ގޮވާލީ ހެދިކާ ގާޑިއާ ދުއްވާ ވެއިޓަރު ކަލޭގެ އަށެވެ. ތިން މީހުން ވެސް ނެގީ މަސްރޮށްޓެވެ. ޗީބޯގެ މަޝްހޫރު ބޮޑު މަސްރޮށްޓެވެ.

"ދެން ގެނެސްދީ ތިން ކަޅު،" ސަޔަށް އޯޑަރު ދިނުމަށް ފަހު ޝާހިދު އޭނާގެ ޖީބުން ނެގީ ފޯނެވެ.

އޭނާ ގުޅާލީ ރީހާންގެ ފޯނަށެވެ.

މި ހަތަރު އެކުވެރިން އާންމުކޮށް ހަވީރުގެ ސަޔަށް ޗީބޯ އަށް ދާނީ އެކުގަ އެވެ. ނަމަވެސް ރީހާންއާ ނުލައި މި ތިން މީހުން ބޮޑު މަސްރޮށްޓާއި ކަޅު ސައި ބޯން ގޮސް އެ ތިބީ މިއަދު އެއްގޮތަކަށް ވެސް އޭނާގެ ޚަބަރެއް ނުވީމަ އެވެ. ރީހާންގެ ފޯނު އޮންނަނީ ނިއްވާލައިފަ އެވެ.

އަނެއްކޮޅުން އެމީހުންގެ ލޮލަށް އޭނާ ނުފެންނަތާ ވެސް މިހާރު އެއް ދުވަސްވީ އެވެ.

"އެއީ އެ ގޮލާގެ ވައްތަރެއް ނޫން. އަދި މަޑުކޮށްލަބަލަ ކަލޭމެން. ވެދާނެ ކޮންމެވެސް ރަށެއްގެ ތާރީޚީ ވާހަކައެއް ހޯދަން ދިޔައީ ކަމަށް ވެސް،" ވެއިޓަރު ގެނެސްދިން ބޮޑު މަސްރޮށި މެދުން ފަޅައި ދެ ބުރިކޮށްލަމުން ލިރާރް ބުނެލި އެވެ.

ލިރާރް އެ ބުނި ވާހަކައެއް އެތަނުގައި ދެން އެތިބަ އޭނާގެ ދެ އެކުވެރިންނަށް ވެސް އެނގެ އެވެ. ރީހާން އަކީ އެކަހަލަ މީހެކެވެ. ރަށަކާ ބެހޭ ތާރީޚީ މައުލޫމާތުތަކެއް އެއްކުރުމަށް އޭނާ ހަފުތާއެއްވަންދެން ބެކްޕެކް ޓްރިޕެއްގައި ވެސް އުޅެފާނެ އެވެ. އޭނާގެ މަޝްހޫރު ބްލޮގް "ދަންމަރު" ގައި ސިޔާސީ އަދި އިޖުތިމާއީ ވާހަކަތައް ނެގުމަށް ފަހު ދެން އެންމެ މަޝްހޫރީ ވެސް ތާރީޚީ ވާހަކަތަކާއި އޭގެ އެކި ފަލްސަފާ ވިއްޔާ އެވެ.

އެހެންވީމަ ރީހާންގެ ޚަބަރެއް ނުވެ ދެ ތިން ދުވަހެއް ނުވަތަ ހަފުތާއެއް ވެލިޔަސް، ލިރާރް ވެސް އެ ބުނި ފަދައިން އެކަމާ އަދި މާ ބޮޑަށް ހާސްވެ ކަންބޮޑުވާކަށް ނުޖެހެ އެވެ. އޭނާ އަބަދުވެސް އެނބުރި އަންނާތީ އެވެ. ކޮނެގެން އެތެރެއަށް ވަދެގެން ދާ ކޮންމެ ހޮރަކުން އޭނާ އަބަދުވެސް ނުކުމެގެން އަންނާތީ އެވެ.

އޭނާ އަށް މިފަހަރު ވަދެވުނު ހޮރުން ވެސް ނުކުމެގެން އަންނާނެ ކަމަށް ބަޔަކަށް ހީކުރެވުނީ މި ސަބަބާ ހެދި ކަމަށް ވެސް ވެދާނެ އެވެ. އެކަމަކު އޭނާގެ ބްލޮގަށް އާ ވާހަކައެއް ނާރައި ދެ ތިން ދުވަސް ވެލުމާ އެކު އެކި މީހުން އެކި ގޮތްގޮތަށް ވާހަކަ ދައްކަން ފަށައިފި އެވެ.

ރީހާން ކޮންމެ ތަނެއްގައި ވިޔަސް އޭނާގެ ބްލޮގް އަބަދުވެސް ގަވާއިދުން އަޕްޑޭޓްވާތީ އެވެ. ނަމަވެސް މިފަހަރު އެ ދަންމަރު ވެސް ނިވުނީ އެވެ. ނުވަތަ ބަޔަކު އެއަށް ވެލި އަޅައި ނިއްވާލީ އެވެ.

ކޮންމެ ދުވަހަކުހެން ގަވާއިދުން އަޕްޑޭޓްވަމުން އައި ރީހާންގެ ބްލޮގްގައި އާ ވާހަކައެއް ޝައިއުނުކުރެވި ދުވަހެއް ފާއިތުވެގެން ދިއުމުން މި ބްލޮގަކަށް ގަވާއިދުން ޒިޔާރަތްކުރާ މީހުންނަށް ވެސް ވާހަކައެއް ނުފަތުރައި މަޑަކުންނެއް ނުތިބެވުނެވެ. އެމީހުންގެ ހިތުގައި ސުވާލުތަކެއް އުފެދި ޖަޒުބާތުތަކެއް އުތުރި އަރަން ފެށީ އެވެ. ފަހަރެއްގައި ރީހާން މިއޮތްހާ ދުވަހު އެ ހުރިހައި އެންމެންގެ ހައްގުގައި އަޑުއުފުލީމަ އޭނާގެ ހައްގުގައި އެއްޗެއް ބުނުން ވެފައި އޮތީ ދެން ތިބި އެންމެންގެ މައްޗަށް ވާޖިބެއް ކަހަލަ ކަމަކަށެވެ.

އެހެންވީމަ އޭނާގެ ބްލޮގް އަޕްޑޭޓްނުވެ ދުވަހެއް ފާއިތުވެގެން ދިއުންވީ ގިނަ ބަޔަކު ކަންބޮޑުކޮށްލި ކަމަކަށެވެ. އަދި ބްލޮގް އަޕްޑޭޓް ނުވެ ޓްވިޓާގައި ވެސް ޚަބަރެއް ނުވާތާ ހަފުތާއެއްވީއިރު އެންމެން ވެސް ކަންބޮޑުވެގެން އެކި ގޮތްގޮތަށް މި މައްސަލާގައި ވާހަކަ ދައްކަން ފަށައިފި އެވެ.

ރީހާނަށް ބިރު ދައްކާ ވާހަކަ އާއި މަރުގެ އިންޒާރު ދޭ ވާހަކަ އަކީ އެންމެން ވެސް ދަންނަ މަޝްހޫރު ވާހަކަ އެކެވެ. އަދި އޭނާގެ ބްލޮގްގައި ޝާއިއުކޮށްފައިވާ ވާހަކަތަކަށް ބަލާއިރު އޭނާ އަށް ބައެއްގެ ނުރައްކަލެއް ކުރިމަތިނުވެ ހިނގައިދާނެ ކަމަށް ނިންމާކަށް ވެސް ނުވާނެ އެވެ.

އަނެއްކޮޅުން އޭނާ އަށް ނުވަތަ އޭނާގެ ކަމެއްގައި މައްސަލައެއް ދިމާވެއްޖެ ނަމަ ތުހުމަތުގެ އިނގިލި އެންމެ ފަސޭހައިން ދިއްކުރެވޭ ފަރާތަކަށް ވެފައި އޮތީ އަބަދުވެސް ދައުލަތެވެ. އެހެންވީމަ އޭނާގެ ޚަބަރެއް ނުވެ ހަފުތާއެއްވީ ފަހުން ފުލުހުންގެ ސަމާލުކަމަށް އެ މައްސަލަ އޭނާގެ އާއިލާ އިން ގެނައިއިރު އެންމެން ވެސް ބުނަމުން ދިޔައީ ބަޔަކު މީހުން ރާވައިގެން ރީހާނަށް ގެއްލުމެއް ދިނީ ކަމަށެވެ. ހަގީގަތް ހާމަކުރާ މީހަކަށް ވީމަ ބަޔަކު މީހުން އޭނާ އަށް ބިރު ދައްކައިގެން އުޅެނީ ކަމަށެވެ.

މި ވާހަކަތަކެއް ދައްކަމުން އެންމެން އެމީހުންގެ ތުހުމަތުގެ އިނގިލިތައް ދައުލަތާއި ވެރިންނަށް ދިއްކޮށްލައިގެން ތިބިއިރު އެހެން ދިމާލަކަށް ވިސްނަމުން ދިޔަ ބަޔަކު ވެސް އަދި ތިއްބެވެ. އެއީ ރީހާންގެ ތިން އެކުވެރިންނެވެ. އޭނާއާ އެކު އާންމުކޮށް ހަވީރުގެ ސަޔަށް ބޮޑު މަސްރޮއްޓާއި ކަޅު ސައި އިންސާފުކުރާ ޝާހިދު އާއި ލިރާރް އާއި ފަހުދެވެ.

ރީހާނަށް ވީގޮތަކާ ބެހޭ ގޮތުން އާންމުން ދައްކަމުން ދިޔަ ވާހަކަތަކާއި ދެން ތިބި ބަޔަކު ފަތުރަމުން ދިޔަ ވާހަކައަކާ މެދު މި ތިން މީހުންގެ ހިޔާލު ވަރަށް ވެސް ތަފާތެވެ. ވަކިން ހާއްސަކޮށް ޝާހިދު ގަބޫލުކުރިގޮތް އޭނާގެ އަނެއް ދެ އެކުވެރިންނަށް ވުރެ ވެސް ތަފާތެވެ.

ފަހަރެއްގައި އެ ދެ މީހުންނަށް އަދި ދެން ތިބި އެންމެނަށް ވެސް ނޭނގޭ ވަރަށް ޝާހިދަށް އޭނާގެ އެކުވެރިޔާ ރީހާން އެނގޭތީ އެވެ. ނުވަތަ ރީހާން އަކީ ކާކުކަން އެނގޭ ކަމަށް ޝާހިދަށް ގަބޫލުކުރެވިފައި އޮތަސް ރީހާން އަކީ އަސްލު ކާކުކަން އޭނާ އަށް ވެސް އެންމެ ނޭނގޭތީ އެވެ.

** ** ***

ނުވަ ދިހައިގެ ކުލަ އުފާތަކުގައި ދިވެހިން ޖެހުނުއިރު އިންޓަނެޓޭ ކިޔުނު އެއްޗެއް އައިސް އޭގެ ޖާދޫ ދައްކަނީ އެވެ. ރީހާން އާއި ޝާހިދު ދެ އެކުވެރިންނަށް ބަދަލުވީ މި ފޯރިގަނޑެއްގެ ތެރެއިންނެވެ.

އޭރު ޝާހިދު އުޅެނީ ސައިބާ ކެފޭއެއްގެ އެޓެންޑެންޓަކަށެވެ. ދިރާގުން ހުޅުވި ސައިބަ ކެފޭއަކާ އެކު އިންޓަނެޓްގެ ފޯރިއެއްގައި މާލޭގެ ގިނަ ބަޔަކު ޖެހުމުން ޝާހިދުގެ ބޭބެއަކު ވެސް ސައިބަ ކެފޭއެއް ހުޅުވީ އެވެ. އެތަނަށް އޭނާ ދިން ނަމަކީ "އިން ޓު ދަ ވެބް" އެވެ.

އެއީ އެ ދުވަސްކޮޅު ނިކަން މަޝްހޫރުވެގެން އުޅުނު ވާހަކައެއް ކަމުގައިވީ "އިންޓު ދަ ވައިލްޑް" އަށް ނިސްބަތްކޮށް ސައިބަ ކެފޭ އަށް ޝާހިދުގެ ބޭބެ ދިން ނަމެކެވެ. ފަހަރެއްގައި ގަވާއިދުން މި ސައިބަ ކެފޭ އިން ހިދުމަތް ހޯދާ މެމްބަރަކަށް ރީހާން ބަދަލުވެގެން ދިޔައީ ކެފޭ އަށް ކިޔައިގެން އުޅުނު ނަމަކުންނެވެ.

"އިންޓު ދަ ވައިލްޑް" އަކީ އެ ފޮތެއް ނުކުތް ދުވަހުން ފެށިގެން "އެންމެ ކިޔަން ބޭނުންވާ ފޮތްތަކުގެ ލިސްޓަށް" ރީހާން އިތުރުކޮށްލައިގެން އުޅުނު ނަމެކެވެ. ސަބަބަކީ އެ ފޮތުގައި ކިޔައިދީފައިވާ ހަގީގީ ވާހަކައިގެ އަސްލާ ގުޅިފައިވާ އެމެރިކާގެ ހިތްވަރު ގަދަ މިނިވަން ޒުވާނާ ކްރިސްޓޮފާ މެކެންޑްލެސްގެ ވާހަކަ އޭނާ އަށް ކޮންމެވެސް ގޮތަކުން އެނގިފައި އޮތީމަ އެވެ.

މެކެންޑްލެސްގެ ވާހަކަ އޭނާ އެންމެ ފުރަތަމަ ކީ "އައުޓްސައިޑް" އޭ ކިޔުނު އެމެރިކާގެ ނިކަން މަޝްހޫރު މަޖައްލާއަކުންނެވެ. އެ މަޖައްލާއެއް އޭނާ އަށް ފެނުނީ ފޮތާއި މަޖައްލާ އާއި ދުވަހު ނޫސް އެއްކުރުމުގައި އުމުރު ދުވަސް ދުއްވާލި އޭނާގެ ބޮޑުބޭބެ އަލީ ޒުހުރީގެ އާދަޔާހިލާފު ކަލެކްޝަންގެ ތެރެއިންނެވެ.

އޭނާ މަރުވުމަށް ފަހު އެ ހުރިހައި ފޮތަކާއި ހަފުތާ މަޖައްލާ އަކާއި ދުވަހު ނޫސްތަކެއް ގެންގޮސް ވެއްދީ ރީހާންގެ ބައްޕަ ޒުބޭރުގެ ގެއަށެވެ. އޭރު ރީހާން އުޅެނީ މަޖީދިއްޔާ ސްކޫލުގެ ގްރޭޑް ދިހައެއްގަ އެވެ.

އުކާލަން އުޅުނު އެ ފޮތްތަކާއި ނޫސްތަކުގައި އެންމެފަހުން ބަގުޑިބެއްދީ ރީހާނެވެ. ފަހަރެއްގައި އެއީ ބޮޑުބޭބެ ޒުހުރީގެ ކިބައިން އޭނާ އަށް ވާރުތަވި އަހުލާގެކެވެ. ސަބަބަކީ ފޮތްކިޔަން ފޯރިއެއް ނުވަތަ ޝައުގުވެރިކަމެއް ހުރި އިތުރު އެހެން މީހަކު އެ އާއިލާގައި ވެސް ނެތީމަ އެވެ.

ކޮންމެއަކަސް އެމެރިކާގެ ހިތްވަރުގަދަ ޒުވާނާ މެކެންޑްލެސްގެ އާދަޔާހިލާފު ވާހަކަ އޭނާ އަށް އެގެން މެދުވެރިވި ގޮތަކީ މިއީ އެވެ. އޭނާ އަކީ އެކަނިވެރިކަމުގެ އަރާމާއި ލައްޒަތު ހޯދުމަށް ޖަންގަލީގެ ތެރެއަށް ވަދެގެން ގޮސް ގެއްލުނު ޒުވާނެކެވެ. އޭނާގެ މި ވާހަކަ ވެގެން ދިޔައީ ރީހާންގެ ހަޔާތުގައި ނިކަން ބޮޑަށް ބީހި ގައިން ހީބިހިނަގައިގެން ދިޔަ ވާހަކަ އަކަށެވެ.

ފަހަރެއްގައި ވަށާލާފައި އޮތް އެކަނިވެރިކަމުން އަރާމު ހޯދަން އޭނާ ވެސް ޝައުގުވެރިވީމަ ކަމަށް ވެދާނެ އެވެ. ރީހާން ވެސް އޭރު ހޯދަމުން ދިޔައީ އަމިއްލަ ނަސުފުގެ މަތިވެރިކަން ދެނެގަތުމަށް ދަތުރުކުރަންވީ މަގެކެވެ. މެކެންޑްލްސް އޭނާގެ ދަތުރުގައި އެކަނިމާއެކަނި ގޮސް ޖަންގައްޔަކަށް ގެއްލި މަރުވިޔަސް ރީހާންގެ ހިތްވަރަކަށް އަދި ނަމޫނާއަކަށް އޭނާ ބަދަލުކޮށްލީ ހިތްވަރާއި މިނިވަން ހިޔާލު ކަމަށް ވެދާނެ އެވެ.

"އިންޓު ދަ ވެބް" އޭ ކިޔުނު ސައިބަ ކެފޭއެއްގެ ދޮރު ރީހާނަށް ހުޅުވުނުއިރު ވެސް އޭނާވީ އެ ހިތްވަރާއި މިނިވަން ހިޔާލަށް ކެތްމަދުވެފަ އެވެ. ފަހަރެއްގައި "އިންޓު ދަ ވެބް" ގެ ހިދުމަތް ކޮންމެ ދުވަހަކު ހޯދާ މީހަކަށް އޭނާ ބަދަލުވީ ވެސް އެ ހުވަފެނެއް ހަގީގަތަށް ހެދުމުގެ ބޭނުމުގަ އެވެ.

ހަގީގަތަކީ ރީހާން އާއި ޝާހިދު މި ސައިބަ ކެފޭއެއްގެ ތެރެއިން ދެ އެކުވެރިންނަށް ބަދަލުވެގެން ދިޔައިރު ރީހާންވީ ފުންކަން ބުނެދޭން ނޭނގޭ ހުސްކަމެއްގެ ތެރެއަށް ގެއްލިފައި ކަމެވެ. ދެ މީހުންގެ އެކުވެރިކަމަށް 18 އަހަރު ފުރުނުއިރު ވެސް ރީހާންގެ އެ ޖަޒުބާތުތަކާ ހަމަ އަށް ޝާހިދަށް ފީނައިނުގަނެވިފައި އޮތީ އެހެންވެ އެވެ. ނުވަތަ އެންމެ ކުރިން އުޅެން ޖެހުނު ގޮތުގެ ވާހަކަ އެކުވެރިޔާ އަށް ކިޔައިދޭން ރީހާން އެއްގޮތަކަށް ވެސް ބޭނުން ނުވީ އެވެ.

ނަމަވެސް އޭނާ ބޭނުންވި އެއް ކަމެއް އޮތެވެ. އަދި އެކަން ހާސިލުކުރާނެ މަގެއް ވެސް އޮތީ އޭނާ އަށް ތަނަވަސްވެފަ އެވެ.

ޝާހިދަކީ ވެސް ރީހާން ފަދައިން ފޮތްކިޔަން މަރެކެވެ. ވަކިން ހާއްސަކޮށް ޅެންވެރިކަމާއި އަދަބިއްޔާތުގެ އިލްމީ ބަގީޗާއަކަށް ގެއްލިފައިވީ ޒުވާނެކެވެ. އެކަން އެނގުނު ހިސާބުން ފެށިގެން ރީހާން "އިން ޓު ދަ ވެބަކަށް" ފައިސާއެއް ނުދައްކަ އެވެ. އަބަދުވެސް ކޮންމެވެސް މޮޅު ފޮތެއް ޝާހިދަށް ކިޔާލަން ދީގެން އިންޓަނެޓްގެ ވަގުތު ގަނެލަނީ އެވެ. ހުރިހާ ވެސް ޝުކުރެއް ބޮޑުބޭބެ ޒުހުރީ އަށެވެ.

އޭނާގެ އެ ކަލެކްޝަނަކީ ހަމަ އާދަޔާހިލާފު ކަލެކްޝަނެކެވެ. އޭގައި ނެތް ވައްތަރެއްގެ ފޮތެއް ނެތޭ ވެސް ބުނެވިދާނެ އެވެ. ޕްލޭބޯއި އިން ފެށިގެން ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސިޔަރަތުގެ އެންމެ މުސްކުޅި ފަތްފޮތްތަކާއި ރާއްޖޭގައި އެ ދުވަސްވަރު ދައުލަތާ ދެކޮޅަށް ނެރުނު މަޝްހޫރު އެކަމަކު މަނާކޮށްފައިވީ ހަފުތާ މަޖައްލާތަކުގެ ކޮޕީތައް ވެސް މި ކަލެކްޝަނެއްގައި ހުއްޓެވެ.

ޙިކުމަތާއި ވިސްނުމާއި އިލްމީ ތަފާތު އެކި ނަޒަރިއްޔާތުތަކަށް މަޝްހޫރުވެފައިވީ ފަތްފޮތްތަކާއި ހިޔާލީ ކުރެހުންތަކުން މުއްސަނދިކޮށްފައިވާ ވާހަކަ ފޮތްތަކާއި ފާރިސީންގެ މަޝްހޫރު ޅެން ފޮތްތައް ވެސް މި ކަލެކްޝަނެއްގައި ހުއްޓެވެ.

އެހެންވީމަ ސްކޫލަށް ގޮސް އެނގުނު އެއްޗަކަށް ވުރެ ބޮޑަށް ބޮޑުބޭބެ މި ފޮތް ކަލެކްޝަނުން ރީހާނަށް ދަސްވި އެއްޗެހި މާ ގިނަ އެވެ. ވަކިން ހާއްސަކޮށް ޅެންވެރިކަމަށް އޭނާގެ ހިތުގައި ހާއްސަކަމެއް ދެވިގެން ދިޔައީ ބޮޑުބޭބެގެ ކަލެކްޝަނުން ހޮވި މަޝްހޫރޫ ފާރިސީ ޅެންވެރިންގެ ޅެން ފޮތްތައް ކިޔައިގެންނެވެ. ރޫމީ އާއި ހާފިޒް އާއި އުމަރު ހައްޔާމް ފަދަ ފާރިސީ ޅެންވެރިންގެ ބަސް އެމުނުމުގެ ކުޅަދާނަކަން ފެނި އެހެން އެންމެން ފަދައިން ރީހާން ވެސް އާޝޯހްވީ އެވެ.

ސައިބަ ކެފޭއިން ލިބުނު އެކުވެރިޔާ އަށް ވެސް ފާރިސީ ޅެންވެރިކަމުގެ މޮޅު ވާހަކަ ކިޔައިދީ އެ ފޮތްތަކުގެ ޖާދޫ ރީހާން ދެއްކި އެވެ. އެ އެކުވެރިޔާ އަށް އެންމެ ކަމުދިޔަ ފާރިސީ ޅެންވެރިޔަކަށްވީ ރޫމީ އެވެ. އެހެންވީމަ އެކުވެރިޔާގެ ހިތްފުރެންދެން އޭނާ އަށް ރީހާން ރޫމީގެ ޅެން ފޮތްތައް ހޯދައިދިނެވެ.

އެކަމަކު ދެ މީހުންގެ ކިބައިން އެކަކު އެނަކު ލިބިގަންނަމުން ދިޔަ މި އުފާވެރިކަމެއް މާ ގިނަ ދުވަހަކަށް ކުރިއަކަށް ނުގެންދެވުނެވެ. ޝާހިދުގެ އުޅުމަށް އާދަޔާހިލާފު ބަދަލުތަކެއް އަތުވެއްޖެ ކަމުގެ އިހްސާސްކުރެވިގެން އޭނާގެ ބޭބެ ވާނުވާ ހޯދައި ބެލިއިރު އޭނާ އެތައް ޚަރަދެއްކޮށްގެން ހުޅުވި "އިންޓު ދަ ވެބް" އޮތީ ހަމަ ރަނގަޅަށް ވެސް "އިންޓު ދަ ވައިލްޑް" އަކަށް ބަދަލުވެފަ އެވެ.

އެހެން ސައިބަ ކެފޭއެއްގެ ހިމާޔަތް ހޯދަން ރީހާނަށް މަޖުބޫރުވީ "އިންޓު ދަ ވެބުން" ނަގައި ޝާހިދު ބޭރުކޮށްލުމުންނެވެ. އެހެން ނަމަވެސް އޭރަކީ އިންޓަނެޓް އެހާ ތިޔާގި އަދި ސައިބާ ކެފޭތައް ވެސް މާލޭގައި އެހާ ގިނަ ދުވަސްވަރަކަށް ނުވުމުން "އިން ޓު ދަ ވެބް" ކަހަލަ އެހެން ހިތްގައިމު ކެފޭއެއް ހޯދުން ވީ އުނދަގޫ ކަމަކަށެވެ.

ދިރާގުގެ ސައިބާ ކެފޭގެ އަގުތައް އުޅެނީ އަތްފޯރާ ހިސާބަކު ނޫނެވެ. އަނެއްކޮޅުން ސައިބާ ކެފޭ އަށް ގޮސް ރީހާން ވަގުތު ހޭދަކުރަމުން ދިޔަގޮތަކަށް ނުވަތަ އޭނާ ކުރަމުން ދިޔަ މަސައްކަތް ދިރާގުގެ ތަނެއްގައި ނުވެސް ކުރެވޭނެ އެވެ. އެހެންކަމުން އަނެއްކާވެސް ރީހާނަށް ޖެހުނީ ޝާހިދުގެ އެހީ ހޯދާށެވެ.

ސަބަބަކީ "އިންޓު ދަ ވެބް" ގައި ހޭދަކުރި ދުވަސްތަކުގައި އޭނާ ފައްކާކުރަމުން ދިޔަ މަސައްކަތެއް ކޮންމެހެން ވެސް ފުރިހަމަކުރަން ޖެހިފައި އޮތީމަ އެވެ.

ރީހާން އަކީ އޭނާގެ އުމުރުގެ އެހެން ހުރިހައި އެންމެނަށް ވުރެ ކުރިން ޒަމާނީ ތަރައްގީއާ އަރާހަމަކުރަމުން ދިޔަ ޒުވާނެކެވެ. ފޮތާއި މަޝްހޫރު މަޖައްލާ އާއި ދުވަހު ނޫސްތަކުން އޭނާ އެއްކޮށް ދަސްކުރި މައުލޫމާތާއި އިލްމު ގިނަވީމަ ކަމަށް ވެސް ވެދާނެ އެވެ.

ރާއްޖެ އަށް އިންޓަނެޓްގެ ހިދުމަތް ދިރާގުން ތައާރަފްކޮށް ސައިބާ ކެފޭތަކުގެ ފޯރި ހިފައި މި މަސްނޫއީ ވިއުގައެއްގެ ތެރެއަށް ޒުވާނުންގެ ތެރެއިން ބަޔަކު ދަމައިގެން ދިޔައިރު އެންމެ ކުރީގައި ހުރި އެކަކަކީ ރީހާނެވެ. ބްލޮގިން ތައާރަފްވުމުގެ ކުރިން އިންޓަނެޓްގައި މަގްބޫލުކަން ހޯދި ފޯރަމްތަކުގެ ފޯރި މާލޭގައި ހިންގާލި މީހަކީ ވެސް ރީހާނެވެ. އޭނާ އުފައްދައިގެން އުޅުނު ފޯރަމަށް ދީފައި އޮތް ނަމަކީ "މޮޔަމީހުން" އެވެ.

ރީހާނަށް އިންޓަނެޓް ފެނުނީ ހަޔާތުގެ އެކަނިވެރިކަމުން ސަލާމަތްވުމަށް ފެށި ދަތުރެއްގެ ތެރެއިންނެވެ. އޭނާގެ އުމުރުގެ އެހެން އެހެން އެންމެން އެއަށް ވަދެ އޮރިޔާން ކާޑުން އުފާ ހޯދައި އެމްއާރްސީއައިއޭ ކިޔުނު އިންޓަނެޓް ޗެޓެއްގައި ބަންދުވެ ދެބައޮޑުވުމާއި މާފޮޅުވުން އާ އުސްމިނަކަށް ގެންދިޔައިރު ރީހާން އުޅުނީ މުޅިން އެހެން ކަމަކާ އެވެ. އެހެން ދުނިޔެއެއްގަ އެވެ.

ބައެއް މީހުން ބުނީ އެއީ މޮޔައިންގެ ދުނިޔެއެއް ކަމަށެވެ. ވަރިހަމަކޮށްލައިގެން ގޮސް ޝާހިދާ އެކު ރީހާން ދެން ވަނީ "ކެފޭ ވޯލްޑް" އޭ ކިޔުނު ސައިބަ ކެފޭއަކަށެވެ. އެއީ ގާތް އެކުވެރިޔަކަށް ރީހާން ބަދަލުވެފައިވުމުން އޭނާ އަށް ކަމެއްކޮށްދޭންވެގެން ޝާހިދު ހޯދައި ދިންތަނެކެވެ.

މިއީ ރީހާން އާއި ފަހުދު އަލަށް ބައްދަލުވިތަނެވެ. ފަހުދަކީ ގްރެފިކް ޑިޒައިނަރެކެވެ. ކިޔަވައިގެން ހުއްޓެއް ކަމަކު ބޭނުންވި ވަޒީފާއެއް ނުލިބި ސައިބަ ކެފޭއެއްގައި ޓެކްނީޝަނެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ޒުވާނެކެވެ. ޓެކްނީޝަންގެ އިލްމަކީ އޭނާ ކިޔަވައިގެން ދަސްކުރި ކަމެއް ނޫނެވެ. ކުޑައިރު އުޅެބޮޑުވި ގޮތަކުން ނުވަތަ ކުޅެން ލިބުނު އެއްޗެހިތަކެއްގެ ސަބަބުން ދަސްވި ކަމެކެވެ. އާހިރުގައި އޭނާ އަށް އެންމެފަހުން މޮޅެއް ލިބުނީ ނުކެވި ދާއިރާ އިންނެވެ.

ކޮންމެއަކަސް ފަހުދާ ބައްދަލުވުން ވެގެން ދިޔައީ ރީހާން ހުޅުވަމުން ދިޔަ އޭނާގެ ސިކުނޑީގެ ކުރެހުން އިތުރަށް ބޮޑުކުރަން ޖެހުނު ކަމަކަށެވެ.

އެކަމަކު އެންމެ ކުރިން މި ތިން މީހުން ބަދަލުވެގެން ދިޔައީ އެކުވެރިންނަށެވެ. އެހާ ފަސޭހައިން އެކުވެރިންނަށް ބަދަލުވެ ގާތް ގުޅުމެއް އުފެދިގެން ދިޔައީ ތިން މީހުން ވެސް ފަހަރެއްގައި އެއް އަމާޒުތަކަކަށް ހިފީމަ އެވެ. ނުވަތަ އެއް ކަންތައްތަކަކަށް އެމީހުންގެ ޝައުގުވެރިވިކަން ދަމައިގެން ދިޔައީމަ ކަމަށް ވެސް ވެދާނެ އެވެ.

މިއީ އެ އުމުރުގެ އެހެން ޒުވާން ފިރިހެން ކުދިން ފަދައިން އަންހެން ކުދިންގެ ފަހަތުން ދުވެ ދީވާނާވަމުން ދިޔަ ބައެއް ނޫނެވެ. ފޮތާއި މިއުޒިކާއި ލަވަ އާއި ޅެންވެރިކަން ފަހަތުން ދުވި ތިން ޒުވާނުންނެވެ. އެމީހުން އުޅުނީ ވާނުވާ ބަލައި އިލްމު ހޯދައި ހައްގަކީ ކޮބައިތޯ ބެލުމުގަ އެވެ. މިހެން ތިއްބައި އިންޓަނެޓް އައިސް ބައްދައިގަތުމުން އިންގިލާބަކަށް ދޮރު ހުޅުވުނީ އެވެ.

މި ހިޔާލުތަކެއްގެ ތެރެއިން ރީހާންގެ ވަށް ބުރަށް ދެން އިތުރުވި ނަމަކީ ލިރާރް އެވެ. މިއީ "ކެފޭ ވޯލްޑް" ގެ ވެރިޔާ އެވެ. އަބަދުވެސް އާ ކަންކަމަށް ލޯބިކޮށް އާ ކަންތައް ތަޖުރިބާކުރަން ފޫގަޅައިގެން އުޅުނު ޒުވާން ވިޔަފާރިވެރިއެކެވެ. އެކަމަކު ޓެކްނޮލޮޖީ ވެފައި އޮތީ އޭނާއާ މާ ރައްޓެހި ބަދަލަކަށް ނޫނެވެ. އޭނާގެ ވިޔަފާރީގެ މައި އިންޖީނެއްގެ ގޮތުގައި ފަހުދު ހަރަކާތްތެރިވަމުން ދިޔައީ ވެސް އެ ސަބަބާ ހެދި ކަމަށް ވެދާނެ އެވެ.

ކޮންމެއަކަސް އާ ކަންކަން ތަޖުރިބާކުރުމަށް ލިރާރްގެ ސިކުނޑި އަބަދުވެސް ހުޅުވައިގެން އުޅުމުން ނުވަތަ އެފަދަ ކަންކަމަށް އޭނާގެ ސިކުނޑި ހުޅުވަން ފަސޭހަވެފައި އޮތުމުން ރީހާން ހާސިލުކުރަން ބޭނުންވި މަގުސަދު ވެސް ހާސިލުކުރަން ދެން އިތުރު ގޮންޖެހުންތަކެއް ކުރިމައްޗެއް ނުވި އެވެ. ކުރިން ނުލިބި އޮތް އިންޓަނެޓްގެ ފަހި ފުރުސަތު ވެސް ފަސޭހައިން ހުޅުވިގެން ދިޔައީ އެވެ.

އެކަމަކު ދެން ރީހާން ބޭނުންވީ "މޮޔަމީހުން" ގެ ފޯރަމެއް ހިންގާކަށް ނޫނެވެ. އިންޓަނެޓް ފޯރަމްގެ ފޯރި ވަކި ބައެއްގެ މެދުގައި އޭރު ގަދަވެފައި އޮތް ނަމަވެސް އޭނާގެ ފިކުރު ގެންދިޔައީ އެއަށް ވުރެ ބާރުގަދަ ކަމަކާ ދިމާލަށެވެ.

ނޫސްވެރިކަމަށެވެ.

އެކަމަކު ގައުމުގެ އޭރުގެ ހާލަތު އޮތް ގޮތުން ބޭނުންވާ ގޮތަކަށް ނޫސްވެރިކަން ނުކުރެވޭނެކަން ރީހާނަށް ވެސް އެނގެ އެވެ. އޭރު މުޅި ގައުމުގައި ވަކި ހިއްޕާލާފައި އޮތީ "ހުރަވީ" ނޫހެވެ. ދައުލަތުގެ ރަސްމީ ނޫހެއް ނެތްތަން ފޫބައްދައި ދައުލަތް ބޭނުންވި ޚަބަރާއި މައުލޫމާތު އާންމުންގެ ސިކުނޑިތަކަށް ވައްދަމުން ދިޔަބަޔަކީ އެއީ އެވެ.

އަނެއްކޮޅުން އިންޓަނެޓްގެ އިންގިލާބާ އެކު "ހުރަވީ" ނޫސް އޮންލައި

ންވެގެން ދިއުމުން އެމީހުންގެ ހަންފެތުރުން އޮތީ އިހުނަށް ވުރެ ގަދަވެފަ އެވެ. އެހެންކަމުން ރީހާނަށް ވިސްނުނީ ކޮންމެ ގޮތެއް ހަދައިފައި ނަމަވެސް ދެ ވަނަ ނޫހެއް އޮންލައިންވާން ޖެހޭ ކަމެވެ.

ނަމަވެސް ގައުމާއި ހާލަތު އަދި ސިޔާސަތު އޮތް ގޮތަކުން، ބޭނުންވި ގޮތަކަށް އެ ފުރުސަތެއް އޭނާ އަކަށް ނުލިބުނެވެ. ގައުމު ފުރޮޅެމުން ވެއްޓެމުން ދިޔަ އަނދިރިގަނޑަށް ވަދެ ދަންމަރެއް ދިއްލަން މަޖުބޫރުވީ މި ސަބަބާ ހެދި އެވެ. ނަމަވެސް ރީހާނާއި އޭނާގެ ތިން އެކުވެރިންނަށް އޭރު ވިސްނިފައި ނެތް ކަމަކީ އެމީހުން ގަދަކަމުން ދިއްލި ދަންމަރު ގަދަބާރުން ނިއްވާލަން ބަޔަކު މީހުން ނުކުމެދާނެ ކަމެވެ.

"ދަންމަރު" ބްލޮގް އޮންލައިންކޮށް، މާލެ ދިއްލާލީ އޯގަސްޓް 8، 1997ގަ އެވެ. (ނުނިމޭ)

ގެއްލުވާލުމުގެކުރިން: ޕްރޮލޮގް