ރައީސް މުހައްމަދު ނަޝީދު

ރައީސް ނަޝީދު ދެއްވީ އިންޒާރެއްތަ؟

ރައީސް މުހައްމަދު ނަޝީދާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ޒަމާންވީ ދެ އެކުވެރިންނެވެ. ސިޔާސީ މަަސައްކަތްޕުޅުގައި އެކުގައި ކުރި އަށް ވަޑައިގެން ދެ ބޭފުޅުންނެވެ. ރައީސް ނަޝީދު އެންމެ އިތުބާރު ކުރައްވާ ސިޔާސީ ލީޑަރެވެ. އަދި ރައީސް ސޯލިހަށް ވެސް އެންމެ ހާއްސަ ލީޑަރަކީ ރައީސް މުހައްމަދު ނަޝީދެވެ.

ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަން ފެށި މިހާ ހިސާބަށް އައިއިރު ދެ ބޭފުޅުންގެ މެދުގައި އޮތް ގުޅުން ވަރަށް ގޯސްކަމަށް ރަށުތެރޭގައި އަޑުތައް އޮވެއެވެ. ސަރުކާރު ހިންގެވުމަށް ރައީސް ނަޝީދު "ޖެއްސުން" ކުރައްވާ ކަމުގެ ތުހުމަތު އޮވެ އެވެ. ވަޒީރުންނަށް ބިރު ދައްކާ ސަރުކާރުގެ ކޮންޓްރޯލް ރައްޔިތުންގެ މަޖިލީހަށް ނަގަން މަސައްކަތް ކުރާ ކަމަށް ބުނެއެވެ.

ދެ ބޭފުޅުންގެ ގުޅުމާމެދު ތުހުމަތުތައް ބޮޑުވުމުން ތުހުމަތުތަކަށް ޖަވާބުދާރީވެވަޑައިގެންނެވުމުގެ ގޮތުން ދެ ބޭފުޅުން މިހާތަނަށް ކުރައްވަމުން އައީ އެންމެ ކަމެކެވެ. އެއީ ދެވެރިން އެކުވެ އެކުގައި ފޮޓޯއެއް ނަންގަވާ އާންމުންގެ ތެރެއަށް ދޫކޮށްލައްވަނީ އެވެ. އެ ހަމައިން ދެ ބޭފުޅުންގެ ގުޅުން ރަނގަޅުކަން އިތުރަށް ކަށަވަރު ކޮށްދިނުމުގެ މަސައްކަތް ކުރަނީ އެމްޑީޕީގެ އެކްޓިވިސްޓުންނެވެ.

ދެ ރައީސުންގެ ގުޅުން އެންމެ ބޮޑަށް ގޯސްވެގެން ދިޔަ ފަހަރަކީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްގެ މައްޗަށް ތުހުމަތު ތަކެއް ކުރައްވާ އޭނާ މަގާމުން ދުރުކުރަން ޖެހިވަޑައިގަންނަވާ ކަމަަށް ރައީސް ނަޝީދު ވިދާޅުވުމުންނެވެ. ފައްޔާޒުއަކީ ސަރުކާރުގެ އެންމެ ނުފޫޒު ގަދަ ވަޒީރެވެ. ރައީސް ސޯލިހް އެެންމެ އިތުބާރު ކުރައްވާ ވަޒީރު ވެސްމެ އެވެ. އަދި އެމްޑީޕީގެ ތެރެއިން ރައީސް ސޯލިހް ހޯއްދަވަން ޖެހިވަޑައިގަންނަވާ މަގުބޫލުކަމާއި ޖާގަ ހޯއްދެވުމަށް އެ މަނިކުފާނަށް އެންމެ މުހިންމު މަސައްކަތްތައް ކޮށްދެއްވަން ހުންނެވީ ވެސް ފައްޔާޒެވެ.

އެހެން ކަމުން ފައްޔާޒުގެ ދިފާއުގައި އެ މަނިކުފާނު ނިކުންނެވި އެވެ. ނޫސްވެރިން ގުޅުއްވުމުން ފޯން ނަންގަވާ ފުރަތަމަ ފަހަރަށް ކަމަކާ ގުޅޭގޮތުން ފޯނުން ޖަވާބެއް ދެއްވެވީ ވެސް ފައްޔާޒުގެ މައްސަލާގަ އެވެ. އެހާ ވެސް ފައްޔާޒުގެ މުހިންމު ކަން ބޮޑެވެ. ފައްޔާޒު ކެބިނެޓްގައި ބަހައްޓަވަން އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވި އެވެ.

ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް ހުއްޓަވާ ނުލައްވާނެ ކަމަށް ރައީސް ނަޝީދު ގެންދެވީ އެ މަނިކުފާނުގެ އަރިސް ބޭފުޅުންގެ ގާތުގައި ތަކުރާރުކޮށް ވިދާޅުވަމުންނެވެ. ނޫސްވެރިންގެ ބައްދަލްވުންތަކުގައި ފައްޔާޒުގެ މައްސަލައާ ގުޅޭގޮތުން ސުވާލު ކުރެއްވުމުން އެ މައްސަލަ ދޫނުުކުރައްވާކަން ދޭހަވާ މޭރުމުން ނަޝީދު ވާހަކަފުޅުވެސް ދައްކަވާފައިވެއެވެ.

ފައްޔާޒު ދުރުކުރުމުގެ މަސައްކަތް އެންމެ ފުރަތަމަ ކުރައްވަން މަސައްކަތް ކުރެއްވީ މަޖިލީހަށް އިތުބާރު ނެތްކަމަށް ހުށައަޅައިގެންނެވެ. ނަމަވެސް ޔަގީންކަން ނެތުމާއި އެ ވޯޓްގެ ސަބަބުން އެމްޑީޕީގެ ތެރޭގައި އޮތް "ބައިބައިވުން" މުޅީން ސާފުވާނެކަން ޔަގީން ކުރެވޭތީ އެކަން ނުކުރެއްވުނީއެވެ. ދެން މަސައްކަތް ކުރެއްވީ އެމްޑީޕީގެ ގައުމީ މަޖިލީސް ތެރެއިން އެކަން ކުރައްވާފައެވެ. ނަމަަވެސް އެކަން ހިނގާ ގޮތެއް ނުވިއެވެ.

މިނިސްޓަރު ފައްޔާޒު މަގާމުން ދުރުކުރުމުގެ މަސައްކަތް ފެށުމުގެ ކުރިން އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް މެދުވެރިކުރައްވާ މަގާމުން އެކަހެރިވެވަޑައިގެންނެވުމަށް ވެސް ރައީސް ނަޝީދު ވަނީ ދަންނަވާފައެވެ. ނަމަވެސް އެއިން ކޮންމެ ކަމެއްވެސް ފައްޔާޒު ނެންގެވީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. ވަރަށް ފިނި ސާދާ ޖަވާބެއް ނޫނީ ނުވެސް ދެއްވައެވެ. ބަސްހަރު އަދި ވަރަށް ސާފުކޮށް ވިދާޅުވާން ބޭނުންފުޅުވާ ކޮންމެ އެއްޗެއް ވިދާޅުވާ މިނިސްޓަރު ފައްޔާޒު އެގޮތަށް އަމަލު ކުރައްވަނީ ރަައީސް ސޯލިހުގެ ވިސްނުންފުޅާ އެއްގޮތަށް ކަމަށް ބެލެއެވެ.

ފައްޔާޒު މަގާމުން ދުރުކުރަން ރައީސް ނަޝީދު މަސައްކަތް ފެއްޓެވީ ކޮރަޕްޝަނާއި ވައްކަމުގެ ތުހުމަތުތަކެއް ފެންމަތި ކުރައްވާފައެވެ. އެކަންކަމުގެ ސާފު ހެކި ހުރި ކަމަަށްވެސް އެމަނިކުފާނު ވިދާޅުވެއެވެ. އޭގެ ދެތިން މައްސަލައެއް އެކި ފަހަރު މަތިން އެމަނިކުފާނު ފެންމަތި ކުރައްވައިފިއެވެ. ކޮންމެ ފަހަރަކުވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއަޕް ގުރޫޕާއި މަޖިލީސް މެންބަރުންނަށް ހާއްސަ ގުރޫޕްގައި އެ މަނިކުފާނު އެ ވާހަކަދައްކަވައެވެ.

އޭގެ ފަހުން ދެން އައީ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ހިނގާދިޔަ ހިޔާނާތުގެ މައްސަލަތަކެވެ. އެ މައްސަލަތައްވެސް އެންމެ ބޮޑަށް ނެންގެވި އެއް ބޭފުޅަކީ ރައީސް ނަޝީދެވެ. ހާއްސަކޮށް ވެންޓިލޭޓަރު ގަތުގައި ހިންގި ހިޔާނާތެވެ. ހާއްސަ ހުއްދައެއްގެ ދަށުން ދުބާއީ ކުންފުންޏަކުން ވެންޓިލޭޓަރު ގަންނަން އެތަށް މިލިއަން ރުފިޔާއެއް ހަރަދުކޮށް ފައިސާވެސް ވެންޓިލޭޓަރުތައް ވެސް ނުލިބުނީއެވެ.

މި މައްސަލަ ފުރަތަަމަ ފެންމަތި ކުރެއްވީ އޮޑިޓަރު ޖެނެރަލް ނެރުއްވި ކޮވިޑް-19 އާ ގުޅޭ ހަރަދުތަކުގެ ކޮންމްޕަލްޔަންސް އޮޑިޓް ރިޕޯޓްގައެވެ. އެހާ ހިސާބުން ފެށިގެން އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އާއި ބައެއް ވަޒީރުންނަށް ތުހުމަތުގެ އިނގިލި ދިއްކުރެވުނެވެ. ފާޑުކިޔުންތަކާއެކު އަމީން އަމިއްލަފުޅަށް މަގާމުން އެކަހެރިވެވަޑައިގެންނެވިއެވެ. އަދި ކަމާގުޅޭ ހުރިހާ ބޭފުޅުން ސަސްޕެންޑްކޮށް މައްސަލަ ބަލަން ފުލުހާއި އޭސީސީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެދިވަޑައިގެންނެވިއެވެ.

ވެންޓިލޭޓަރު މައްސަލާގައި ރަނގަޅު ތަހުގީގެއް ނުހިންގާ ގޮތް ނިންމާފައި އޮތް އޭސީސީން އަލުން މައްސަލަ ބަލާ 11 މީހަކަށް ދައުވާ ކުރަން ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަަމަވެސް ޕީޖީއަށް ފެނިވަޑައިގެންނެވީ މައްސަލާގައި ދައުވާނުކުރެއްވުމަށެވެ. އުންސުރުތައް ހަމަނުވާތީ އެވެ. މައްސަލަ ގޯސްވީ އެ ހިސާބުންނެވެ. ޕީޖީ އަށް އެންމެ ބޮޑަށް ފާޑުވިދާޅުވެ ހިޔާނާތް ހިންގި މީހުންނަށް ދައުވާ ކުރަން ޖެހޭނެ ކަމަށާ އެކަން ނުކުރަން ދެއްކޭނެ ބަހަނާއެއް ނޯންނާނެ ކަމަށް ރައީސް ނަޝީދު ގެންދެވީ ވިދާޅުވަމުންނެވެ.

މައްސަލަ މާ ހޫނުވުމުގެ ކުރިން ރައީސް ސޯލިހް ވެސް ވަނީ މައްސަލަ ފިނި ކުރެއްވުމަށް ތަފާތު އުކުޅެއްގެ ބޭނުން ކުރައްވާފަ އެވެ. އެއީ އެމްޑީޕީގެ ޕީޖީ ގުރޫޕުން އަމީނަށް އިތުބާރު އޮތް ކަމަށް ފާސް ކުރުމެވެ. ނަމަވެސް ރައީސް ނަޝީދު ހުންނެވީ އެ މައްސަލާގައި ދޫދެއްވާ ގޮތަށް ނޫން ކަމުން އިތުބާރު އޮތް ކަމަށް ނިންމި ބައްދަލްވުން ނިމުމާއެކު އެންމެ ވަފާތެރި މެންބަރުންގެ ސޮޔާއެކު އަމީންގެ އިތުބާރުގެ މައްސަލަ ރަސްމީކޮށް މަޖިލީހަށް ހުށައެޅުއްވިއެވެ. އެހާ ހަމައިން ރައީސް ސޯލިހަށް ޖެހިވަޑައިގެންނެވީ ހަތިޔާރު ބަހައްޓަވާށެވެ. ރައީސް އާއި އަމީނާ ދެމެދު ކުރެވުނު މަޝްވަރާގެ ނަތީޖާއަކަށްވީ ސަލާމަތް ކުރެވޭނެ ހަމަ އެއްގޮތެއް ނެތުމުން އިސްތިއުފާ ދެއްވުމެވެ. އެކަން އެއްރެއްގެ ދަމަށް އަޅައިގަންނަނިކޮށް އަމީން ކުރެއްވިއެވެ.

ވެންޓިލޭޓަރުގެ މައްސަލައާ ގުޅިގެން ހިޔާނާތްވި މީހުންނަށް ދައުވާ ކުރައްވާނެ ކަމުގެ އިޝާރާތެއް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވެސް ދެއްވި އެވެ. އަދި އެކަން އޮތް ހިސާބެއް ސާފުކުރުމަށް ފެބްރުއަރީ މަހުގެ ތެރޭގައި ޕީޖީ ޝަމީމް މަޖިލީހުގެ ކޮމެޓީއަށް ހާޒިރުކުރި އެވެ. ޕްރޮސިކިއުޓާ ޖެނެރަލް އަހުމަދު ޝަމީމް އޭރު ވިދާޅުވީ އެ މައްސަލަ އިތުރަށް ބަލަމުން އަންނަ ކަމަށެވެ. އެހެން ކަމުން އަދިވެސް ދައުވާ ކުރުމުގެ ފުރުސަތު އޮތް ކަމަށް ފެންނާތީ ވަގުތު ކޮޅަކަށް މައިދާން ހަމަޖެހުނެވެ.

އަލުން މައްސަލަ ގޯސްވީ ދައުވާ ނުކުރަން ޕީޖީން ނިންމާފައިވާ ނިންމުން ރިވިއު ކުރަން އެދުމުން އެ ނިންމުން ބަދަލު ނުކުރާނެކަން ޕީޖީ އޮފީހުން އޭސީސީއަށް އެންގުމުންނެވެ. އޭސީސީން އެ ވާހަކަ ބޭރުކޮށްލުން މައްސަލަ ގޯސްވީއެވެ.

ނަމަވެސް މިފަހަރު ރައީސް ނަޝީދު ވަނީ ކުރީން މައްސަލަތަކުގައި ބަސްމަގު ގެންގުޅުއްވި ގޮތަށް ބަދަލުތަކެއް ގެންނަވާއެވެ. އެ ދެއްވަނީ އިންޒާރެކޭވެސް ހީވެއެވެ. ނޫނީ އެ ވާހަކަތަކުން އެ އިޝާރާތް ކުރައްވާ އެމްޑީޕީގެ ތެރޭގައި މިހާތަނަށް ހިމޭންވެފައި އޮތް ދެބައިވުން ހާމަވާން އުޅޭ ކަމޭވެސް ހީވެއެވެ.

އެމަނިކުފާނު ވަނީ ސާފުކޮށް މި ފަހަރު ސަރުކާރަށް "ވައްކަމު"ގެ ތުހުމަތު ކުރައްވާފައެވެ. އަދި "ވައްކަން" ކުރާ ސަރުކާރެއްގައި އެމްޑީޕީ އޮންނަން ރައްޔިތުން ބޭނުން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ވެންޓިލޭޓަރު މައްސަލާގައި މަތިޖެހުނަ ދީފިނަމަ ރާއްޖޭގެ ރައްޔިތުންނަށް އިތުރަށް ލިބޭނެ ގެއްލުން ބޮޑު ކަަމަށާ އޭރުން ސަރުކާރުން އެކަމުގައި ބައިވެރިވުން އޮތް ކަމަށް ފެނިދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވައްކަން ކުރާ ސަރުކާރަކާ އެކީ އެމްޑީޕީ އޮންނާކަށް ނޭދޭނެ. މިކަންކަން ބަދަލުކުރަން ޖެހޭ އަދި. ރައްޔިތުންނާ އެކުގައި އަޅުގަނޑު މިކަމުގައި ދޫދޭކަށް ނެތިން
މުހައްމަދު ނަޝީދު | އެމްޑީޕީގެ ރައީސް

ރައީސް ނަޝީދު އެ ވިދާޅުވަނީ ކީކޭ ހެއްޔެވެ. ރައީސުލްޖުމްހޫރިއްޔާއަކީ އެމްޑީޕީގެ ބޭފުޅެކެވެ. ކެބިނެޓްގެ ހަތަރު ފަސް މަގާމެއް ނޫނީ ދެން މުޅީންވެސް އެމްޑީޕީއެވެ. ސަރުކާރުގެ މައި ޕާޓީއަކީ އެއީއެވެ. އެހެންވީއިރު ސަރުކާރުން އެމްޑީޕީ ނިކުންނާނީ ކިހިނެތް ހެއްޔެވެ. މި ސަރުކާރުގައި "ވައްކަން" ހިނގާނަމަ ސަރުކާރާއެކު ނޯވެ އެމްޑީޕީ ދާނީ ކޮންތާކަށް ހެއްޔެވެ.

ޔަގީނުން ވެސް އެއް ކަމެއް ސާފެވެ. ކޮރަޕްޝަނާއި ވައްކަމުގެ ކަންކަމުގައި ނަޝީދު ނަޝީދު މަޑަކުން ނުހުންނަވާނެއެވެ. އެ ވާހަކަ ދައްކަވާނެއެވެ. ހަރުއަޑުން ދައްކަވާނެއެވެ. ކުށްވެރި ކުރައްވާނެއެވެ. އެހެންވީމަ މިފަހަރު އެ ދެއްވީ މިހާރު ސިޔާސީ ކުޅިބައި އެތުރިފައިވާ ގޮތް ނޫން އެހެން ގޮތަކަށް ކުޅިބައި އަތުރައިލަން ޖެހިދާނެ ކަމުގެ އިންޒާރަކަށްވެސް ވެދާނެއެވެ. މީގެ ކުރީންވެސް މި ރާއްޖޭގައި ބޮޑު ޕާޓީއެއް ފަޅިފަޅިގެން ދިޔަ ގޮތް އޮތީ ފެނިފައެވެ. ޕާޓީގެ އެންމެ އިސް ވެރިޔާ މަގާމުން ބޭރުކޮށް ޕާޓީންވެސް ވަކިކުރި ގޮތް އެ އޮތީ ފެންނާށެވެ. އެހެންވީމަ މި އުޅެނީ އެމްޑީޕީއަށްވެސް އެކަހަލަ ގޮތެއްވާން ހެއްޔެވެ.

އެ ސުވާލަށް އަދި ޖަވާބުދޭން އަަވަހެވެ. ނަމަވެސް އަވަސްއާ ވާހަކަދެއްކި ރައީސް ނަޝީދަށް ވަފާތެރި ބައެއް ބޭފުޅުންވެސް އަދި ރައީސް ސޯލިހަށްވެސް ވަފާތެރި ބައެއް ބޭފުޅުން އެއްބަސްވާ އެއް ކަމެއް އެބައޮތެވެ. އެއީ ދެ ބޭފުޅުންގެ މެދުގައި ނުތަނަވަސްކަން އޮތް ކަމެވެ. ރައީސް ސޯލިހް ބައެއް ކަންކަން ކުރައްވާ ގޮތާމެދު ރައީސް ނަޝީދު ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމެވެ. އަދި ރައީސް ނަޝީދު ބައެއް ކަންކަން ކުރައްވާ ގޮތާމެދު ރައީސް ސޯލިހްވެސް ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވާ ކަމެވެ.

ސަރުކާރަށް "'ވައްކަމު"ގެ ތުހުމަތު ކުރައްވާ ޕީޖީ ހުސައިން ޝަމީމް އާއި އޭސީސީގެ ރައީސް ޝައުނާގެ އިތުބާރު ނެތް ކަމަށް ނަގަން ފެނިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވުމުން ސަރުކާރުން ވަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ދެ ސަފްހާގެ ބަޔާނެއް ނެރެފައެވެ. އާ ވާހަކަތަކެއް ނެތް އެ ބަޔާނުގައި ސަރުކާރުން ސާބިތުކޮށްދޭން ބޭނުންވީ ދެ ކަމެކެވެ. އެއީ ވެންޓިލޭޓަރު ހިޔާނާތް އެނގުނު ހިސާބުން ސަރުކާރަށް އެޅޭނެ ފިޔަވަޅުތައް އެޅި ކަމެވެ. މައްސަލަ ބަލަން އިސްވެ ސަރުކާރުން މުއައްސަސާތަކަށް ހުށައެޅި ކަމެވެ. އަދި އަވަސް މައްސަލައެއްގެ ގޮތުގައި އެކަން ނިންމައިދިނުމަށް އެދުނު ކަމެވެ. ދެން އައީ މިނިވަން މުއައްސަސާތަކަށް ސަރުކާރުގެ ނުފޫޒު ނޯންނާނެ ކަމުގެ ޔަގީންކަމެވެ. މިނިވަން ކަމާ އެކު މަސައްކަތް ކުރުމަށް ސަރުކާރުން ތަނަވަސްކޮށްދޭން ޖެހޭ ހުރިހާ ފުރުސަތުތައް ތަނަވަސްކޮށްދޭނެ ކަމުގެ ޔަގީން ކަމެވެ.

މި ބަޔާނާއެކުވެސް މައްސަލައަށް ފިނިކަމެއް ނާންނާނެއެވެ. މައްސަލަ ހޫނުވެ އިތުރަށް ވިއްޔާ ވާނީ ގޯހެވެ. ރައީސް ނަޝީދު ދައްކަވަނީ މިނިވަން ދެ މުއައްސަސާއަކަށް އިތުބާރު ނެތް ކަމެވެ. އެ ދެ ކޮމިޝަންގެ އިސްވެރިން މަގާމުން ދުރުކުރަން ޖެހޭ ކަމެވެ. އަދި ސަރުކާރުން ވައްކަން ކޮށްފި ކަމަށެވެ. ނަމަވެސް ސަރުކާރުން ވިދާޅުވަނީ ވައްކަމާއި ދެކޮޅު ކަމަށެވެ. އަދި އެކަމާ ދެކޮޅަށް ކުރި މަސައްކަތެވެ. މިނިވަން މުއައްސަސާތަކަށް ނުފޫޒު ނުފޯރުވާ މިނިވަން ކަމާއެކު މަސައްކަތް ކުރެވޭނެ ޖާގަ އަދިވެސް ތަނަވަސް ކޮށްދޭނެ ކަމެވެ.

އެހެންވީއިރު މައްސަލައަށް އޮތް ހައްލަކީ ކޮބައި ހެއްޔެވެ. "ވައްކަން" ކުރާ ކަމަށް ބުނާ ސަރުކާރުން އެމްޑީޕީ ނިކުތުން ހެއްޔެވެ. އެކަން ކުރާނީ ކިހިނެތް ހެއްޔެވެ. އެކަން ކުރަން އޮތީ ކޮންމެ ގޮތަކުން ނަމަވެސް ސަރުކާރަށް ނަތީޖާ ނެރެން އިންތިހާ މުހިންމު ބޮޑު އިންތިހާބެއް ބޯމަތިވެފައި ވަނިކޮށް ރައީސް ނަޝީދު އެހެން ވިދާޅުވާނީ ލައްކަ ހިތްހަމަނުޖެހުނީމައެވެ. ނޫނީ ކަންކަން ރަނގަޅު ކުރަން ކުރެއްވި މަސައްކަތް ކޮޅުންލާ ނަތީޖާއެއް ނުނިކުންނާނެކަން ގައިމަށް ޔަގީންވީމަ އެވެ. އެހެން ނޫންނަމަ މި ދަނޑިވަޅުގައި އެފަދަ ވާހަކައެއް ވިދާޅުވެ ދާނެ ހެއްޔެވެ.