ވިޔަފާރި

ސުވޭޒް ކެނަލް ބަންދުވުން: ޔޫރަޕުން ރާއްޖެއަށް ގެންނަ މުދާ ލަސްވެދާނެ

Mar 28, 2021
2

ސުވޭޒް ކެނަލްގައި އެމްވީ އެވާ ގިވަން ތާށިވެ މަގު ބަންދުވެފައިވުމުން ރާއްޖެ އަށް ޔޫރަޕުން ގެންނަ ބައެއް މުދާ ރާއްޖެ ގެނައުން ލަސްވެދާނެ ކަމަށް ވިޔަފާރިވެރިން ބުނެފި އެވެ.

ރާއްޖެ އަށް ޔޫރަޕުން މުދާ ގެންނަ އެއް ކުންފުނި ކަމަށްވާ ހެޕީ މާކެޓުގެ ސީއީއޯ އަލީ އިހުސާން ވިދާޅުވީ ސުވޭޒް ކެނަލް ސަރަހައްދުގައި އެ ކުންފުނީގެ ތިން ކޮންޓެއިނާއެއް ތާށިވެފައި އެބައޮތް ކަމަށެވެ. އަދި ގިނަ އަދަދެއްގެ މުދާ އުފުލާ ބޯޓުތައް އެ ސަރަހައްދުގައި ދަތުރު ނުކުރެވި އޮތުމުގެ ސަބަބުން ދުނިޔޭގެ ކޮންޓެއިނާ ބޯޓުތަކުގެ ދަތުރުތަކަށް ބަދަލު އަންނާނެ ކަމަށެވެ.

"ޔޫރަޕުން ގެންނަ ޑެއިރީ ގުޑްސްގައި ވެސް އެބަހުރި ޑިލޭއެއް. މީގެ ބޮޑު ޑިލޭ އަންނާނެ ކަމަށް ބެލެވެނީ ރޯދަ ނިމޭ ހިސާބަށް އަންނަން ޖެހޭ މުދަލަށް،" އިހްސާން ވިދާޅުވި އެވެ.

ޔޫރަޕުން ގެންނަ ޑެއިރީ ގުޑްސްގައި ވެސް އެބަހުރި ޑިލޭއެއް. މީގެ ބޮޑު ޑިލޭ އަންނާނެ ކަމަށް ބެލެވެނީ ރޯދަ ނިމޭ ހިސާބަށް އަންނަން ޖެހޭ މުދަލަށް
އަލީ އިހުސާން | ހެޕީ މާކެޓުގެ ސީއީއޯ

މަޝްހޫރު ގިނަ އުފެއްދުންތަކެއް ގެންނަ ލިލީ އިންޓަނޭޝަނަލްގެ މެނޭޖިން ޑިރެކްޓަރު އާމިރު މަންސޫރު ވިދާޅުވީ އެ ކުންފުނީގެ 22 ކޮންޓެއިނާއެއް ސުވޭޒް ކެނަލްގައި ތާށިވެފައި އެބައޮތް ކަމަށެވެ.

"ތާށިވެފައި ހުރި ކޮންޓެއިނާގެ ތެރޭގައި އެވިއަން ވޯޓާ އާއި ނެސްލޭގެ ބައެއް އުފެއްދުންތައް ވެސް ހިމެނޭ. މީގައި ބޮޑަށް ހިމެނެނީ ޔޫރަޕުން ގެންނަ ރިސޯޓު ސަޕްލައި އަށް ބޭނުންވާ ސާމާނު،" އާމިރު ވިދާޅުވި އެވެ.

ކާނާގެ ބާވަތްތަކުގެ އިތުރުން ރާއްޖޭގައި ހިންގާ ބައެއް ކޮންޓްރަކްޝަން މަސައްކަތްތަކަށް ބޭނުންވާ ސާމާނު ވެސް ޔޫރަޕުން ގެނެ އެވެ.

ތާށިވެފައި ހުރި ކޮންޓެއިނާގެ ތެރޭގައި އެވިއަން ވޯޓާ އާއި ނެސްލޭގެ ބައެއް އުފެއްދުންތައް ވެސް ހިމެނޭ. މީގައި ބޮޑަށް ހިމެނެނީ ޔޫރަޕުން ގެންނަ ރިސޯޓު ސަޕްލައި އަށް ބޭނުންވާ ސާމާނު
އާމިރު މަންސޫރު | ލިލީ އިންޓަނޭޝަނަލް

ޔޫރަޕުން ކޮންސްޓްރަކްޝަން މެޓީރިއަލް ގެންނަ ކަލަ ލޭންޑުން ވާހަކަ ދެއްކެވި އިސްވެރިއަކު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހިންގާ ހައުސިން މަޝްރޫއަކަށް ބޭނުންވާ ސާމާނު ހިމެނޭ ކޮންޓެއިނާ ތަކެއް ވެސް ތާށިވެފައިވާ ކަމަށެވެ.

"މި ތަނުން [ސުވޭޒް ކެނަލް] އިން ބޯޓު ލަސްވެ، ދެން ރާއްޖެ ގެންނަން އަރުވަންޖެހޭ ބޯޓަށް ނޭރުވިއްޖެނަމަ މުޅި ދަތުރު ލަސް ވެގެން ދާނެ. މިހާރު އެބަ ބެލެވޭ ގާތްގަނޑަކަށް 45 ދުވަސްވަރުގެ ޑިލޭއެއް އަންނާނެ ކަމަށް،" ނަން ނުޖެހުމަށް އެދި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވި އެވެ.

އޭޝިއާ އާއި ޔޫރަޕު ގުޅައިލާ ކުރު މަގުގެ ގޮތުގައި ބަލާ މިސްރުގެ ސުވޭޒް ކެނަލްގައި ގާތްގަނޑަކަށް 400 މީޓަރު ކޮންޓެއިނާ ބޯޓު ތާށިވުމާއެކު ދުނިޔޭގެ އެކި ގައުމުތަކަށް ގެންދާ ގިނަ އަދަދެއްގެ މުދާ ވަނީ ކަނޑު މަތީގައި ތާށިވެފަ އެވެ. މީގެ ސަބަބުން މި މަގުން ދުވާލަކު ދަތުރު ކުރާ 9.6 ބިލިއަން ޑޮލަރުގެ މުދާ ގައުމުތަކަށް ނުގޮސް ތާށިވުމުގެ ސަބަބުން ދުވާލަކު 400 މިލިއަން ޑޮލަރުގެ ގެއްލުމެއްވާނެ އެވެ.