މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

މިވަގުތު އެންމެ ގިނައިން އެތެރެކުރަނީ ކާބޯތަކެތި: އެމްޕީއެލް

ރޯދަ މަސް ކައިރިވެފައި ވާތީ މިވަގުތު އެންމެ ގިނައިން ރާއްޖެ އެތެރެކުރަނީ ކާބޯތަކެތީގެ ބާވަތްތައް ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގައި މިވަގުތު ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުން ޝާހިދު ވިދާޅުވީ އެމްޕީއެލްގެ ބަނދަރުގެ މަސައްކަތްތައް ކޮވިޑް-19 އާއި ގުޅިގެން ހުއްޓުމަކަށް އައިސް ރާއްޖޭގެ އިގްތިސޯދަށް ވެސް ހީނަރުކަމެއް އައި ކަމަށެވެ.

"މިދިޔަ އަހަރު ރާއްޖެ ލޮކްޑައުން އަކަށް ދިއުމުން 2019 ވަނަ އަހަރާ އަޅާބަލާއިރު ރާއްޖެ އެތެރެކުރެވުނު މުދަލުގެ އަދަދު 60 ޕަސެންޓް ދަށްވި،" ޝާހިދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރާއްޖެ ލޮކްޑައުން ކުރުމުގެ ކުރިން ރާއްޖެއަށް މުދާ ގެންނަމުން ދިޔަ ނިސްބަތަށް މިއަހަރުގެ ޖެނުވަރީ މަހުން ފެށިގެން ރާއްޖެއަށް މިހާރު މުދާ އެތެރެކުރަމުންދާ ކަމަށެވެ. އެހެންކަމުން މުދާ އެތެރެކުރާ އިންސައްތަ 75 ޕަސެންޓާއި 80 ޕަސެންޓާ ދެމެދުގެ އަދަދަކަށް އިތުރުވެފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

މާލޭގެ ވިޔަފާރި ބަނދަރުގައި ކުރިން ހުކުރު ދުވަހު އެއްވެސް ވަރަކަށް މަސައްކަތް ނުކުރާކަން ފާހަގަކުރައްވައި ޝާހިދު ވިދާޅުވީ، މިދުވަސްކޮޅު ގިނައިން މުދާ އެތެރެކުރުމާ ގުޅިގެން ހުކުރު ދުވަހަަށް ވެސް މިހާރު މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އޭނާ ވިދާޅުވީ ކާބޯތަކެތި އެތެރެކުރާތީ ކުންފުނިން މަސައްކަތް ކުރަނީ ވީހާވެސް އަވަހަށް މުދާ ނެރެ ބަނދަރު ހުސްކުރުމަށް ކަމަށެވެ.

ވިޔަފާރި ބަނދަރުން ރާއްޖެއަށް އެތެރެކުރާ މުދާ އަހަރުން އަހަރަށް އިތުރުވަމުން ދާތީ މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމުގެ ބިޔަ މަޝްރޫއެއް ފެށުމަށް ސަރުކާރުން މިހާރު ދަނީ ތައްޔާރުވަމުންނެވެ.