ދުނިޔެ

އިންޑިޔާގެ "ރޭޕިސްޓް ޑްރައިވަރު" އުމުރަށް ޖަލަށް

Nov 3, 2015

ނިއުދިއްލީ (އަލްޖަޒީރާ) - ކާރަށް އެރި ފަސެންޖަރަކު ރޭޕް ކުރި ކަމުގެ ކުށް ސާބިތުވެ ކާރު ދުއްވަން އިން ޑްރައިވަރު އުމުރު ދުވަހަށް ޖަލަށް ލާން މިއަދު ހުކުން ކޮށްފިއެވެ.

ދިއްލީގެ ކޯޓަކުން މިއަދު ކުރި ހުކުމުގައި ބުނެފައި ވަނީ 32 އަހަރުގެ ޑްރައިވަރު ޝިވް ކުމާރު އުމުރުގެ ބާކީ ދުވަސްތައް ހޭދަކުރަން ޖެހޭނީ ޖަލުގައި ކަމަށެވެ. މި ކުށަށް ޑްރައިވަރު ދެކޮޅު ހަދައެވެ.

ޑްރައިވަރު މިދިޔަ ޑިސެމްބަރު މަހު އޭނާގެ ކާރަށް އެރި އުމުރުން ފަންސަވީސް އަހަރުގެ އަންހެނަކު ރޭޕް ކުރިކަން ސާބިތުވެފައިވާއިރު މި މައްސަލައަކީ އެ ހާދިސާ ހިނގީއްސުރެ ދުނިޔޭގެ ސަމާލުކަން ލިބުނު މައްސަލައެކެވެ. މި ހާދިސާއާއި އެކު އިންޑިޔާގައި އަންހެނުންނާއި ކުޑަ ކުދިންނާ ދެކޮޅަށް ހިންގާ ޖިންސީ އަނިޔާތަކުގެ ވާހަކަ އަނެއްކާވެސް ފަލަ ސުރުހީއަށް އަރަން ފެށިއެވެ. އަދި ސަރުކާރުން މި މައްސަލަ ހައްލު ކުރުމަށް ފިޔަވަޅު އެޅުމަށް ގޮވާލާ އެތައް މުޒާހަރާ ތަކެއް ކުރިއެވެ.

މީގެ ކުރިން ސަރުކާރަށް އެންމެ ބޮޑު ޕްރެޝަރެއް އަމާޒުވީ 2012 ވަނަ އަހަރު ބަހެއްގެ ތެރޭގައި ގޭންގު ހަދައިގެން އަންހެން ދަރިވަރަކު ރޭޕް ކުރި މައްސަލައިގައެވެ. ވެރިރަށް ނިއުދިއްލީ އަކީ އިންޑިޔާގައި ރޭޕް ކުރުމާއި މީހުން މެރުމުގެ ކުށަތަށް އެންމެ ގިނައިން ރިޕޯޓް ކުރެވޭ ސިޓީއެވެ.