ރާއްޖޭގެ އުތުރުން ހއ. އުލިގަމުގައި ހަތިޔާރު ގުދަނެއް މޯލްޓާގެ އަމިއްލަ ކުންފުންޏަކުން ހަދަމުންދ ކަމަށް ހަބަރުތައް ފެތުރެމުން ދަނިކޮށް އެ ވާހަކަތައް ނިސްބަތްވެ މޯލްޓާގެ ކުންފުނިން އެކަން ދޮގުކޮށްފި އެވެ.
މޯލްޓާގެ ވަރަށް މަޝްހޫރު އޮންލައިން ނޫހެއް ކަމަށްވާ ޓައިމްސް އޮފް މޯލްޓާގައި މިއަދު ޝާއިއު ކުރި ހަބަރެއްގައި ބުނެފައި ވަނީ އެ ގައުމުގެ މާޝަލް ކޮންސަލްޓެންޓްސްއިން އާމަރީއެއް ހަދަމުން ނުދާކަމަށާއި އެއީ ފަތުރާފައިވާ ދޮގު ހަބަރެއް ކަމަށެވެ.
އެ ކުންފުނީގެ އޮފިޝަލަކާ ހަވާލާދީ ބުނެފައި ވަނީ މާޝަލް ކޮންސަލްޓެންޓްސް އިން ރާއްޖޭ އުލިގަމުގައި 200 މީހުންނާއެކު ޕްރައިވެޓް އާމަރީއެއް ގާއިމްކޮށް އިންޑިއާ ކަނޑުގައި ކަނޑު ދަތުރުފަތުރުގެ ރައްކާތެރިކަމުގެ ހިދުމަތް ދޭން އުޅޭކަމަށް ފެތުރިފައިވާ ހަބަރުތަކަކ "ހަދާފައިވާ" ވާހަކަތަކެއް ކަމަށާއި އެއީ އަސްލެއް އޮތް ކަމެއް ނޫން ކަމަށެވެ. ނަމަވެސް ނޫހުން ރާއްޖޭގައި ޕްރައިވެޓް އާމަރީއެއް އަޅަން އުޅުނުތޯ އެހި ސުވާތަކަށް އެކުންފުނި ޖަވާބެއް ނުދީ ބުނީ ވިޔަފާރީގެ ވާހަކަ މީޑިއާގައި ދައްކާ ނޫޅޭ ކަމަށެވެ.