ރައީސް މުހައްމަދު ނަޝީދު

ނަޝީދު މޯލްޓާއަށް ވަޑައިގަންނަވަނީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޔޫރަޕްގެ ގައުމެއް ކަމަށްވާ މޯލްޓާއަށް ވަޑައިގަތުމަށް ނިންމަވައިފި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ދެ މެމްބަރަކާ އެކު އެމަނިކުފާނު މިރޭ މޯލްޓާ އަށް ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ރައީސް ނަޝީދު މޯލްޓާއަށް ވަޑައިގަންނަވަނީ އަބްދުލް އަޒީޒް ސައުދު އަލް ބަބްޓައިން ކަލްޗަރަލް ފައުންޑޭޝަނުން އިންތިޒާމްކޮށްގެން މޯލްޓާގައި ބާއްވާ "ވޯލްޑް ފޯރަމް ފޯ ކަލްޗާ އެންޑް ޕީސް"ގެ ބައްދަލުވުމަށް ދައުވަތު އަރުވާފައިވާތީ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމުގެ ގޮތުންނެވެ.

މި ބައްދަލުވުމަށް ރައީސް ނަޝީދާއެކު މޯލްޓާއަށް ވަޑައިގަންނަވާނީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް އެވެ.

މާދަމާ ފަށާ މި ބައްދަލުވުން ހުކުރު ދުވަހާ ހަމައަށް ކުރިއަށް ދާނެ އެެވެ.

މި ބައްދަލުވުމަށް ފަހު އާދިއްތަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް އުއްމީދުކުރައްވާ ކަމަށްވެސް ރައީސް ނަޝީދު މިއަދު ވިދާޅުވި އެވެ.