ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

އާބާދީގެ 61 ޕަސެންޓް މީހުން ވެކްސިން ޖަހަައިފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު އުމުރުން 18 އަހަރުން މަތީގެ ދިވެހި އާބާދީގެ 61 ޕަސެންޓަށް ވެކްސިން ދީފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 2،045 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 776 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 1،269 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 129،069 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 103،106 މީހަކަށް ވެކްސިން ދީފައިވެއެވެ.

އެޗްއީއޯސީން ބުނީ އުމުރުން 60 އަހަރުން މަތީގެ ދިވެހި އާބާދީގެ 75 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށާ އަދި 18 އަހަރުން މަތީގެ 61 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.

ރޯދަ މަހު ވެކްސިން ދިނުން ކުރިއަށް ގެންދަނީ މަދު ގަޑިތަކެއްގައި ކަމުން ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިނެވެ. މިހާރު ޖަހަމުން ދަނީ ސިނޯފާމް ވެކްސިނެވެ. ކޮވިޝީލްގެ ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާވުމުން ޖެހޭނެ އެވެ. އަދި ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާވުމުން ޖެހޭނެ އެވެ.