ބޮލީވުޑް

ކައިވެނި ކުރާނެ މީހަކު ހޯދައެއް ނުދިން: ނައުޝީން

ހިންދީ ސިލްސިލާ ބަލާ މީހުންނަށް ނައުޝީން އަލީ ސަރުދާރަކީ ވަރަށް ދެކެ ފަރިތަ އެކްޓަރެކެވެ. އޭނާގެ ފުރަތަމަ ސިލްސިލާ އަކީ 2001 ގައި ދެއްކި "ކުސުމް" އެވެ. އެ ސިލްސިލގައި ކުސުމްގެ ރޯލު ނައުޝީން ކުޅެލާފައިވާލެއް މޮޅު ކަމުންނެވެ.

ނައުޝީން، 38، އާއިލާއިން މިހާރު މަސައްކަތް ކުރަނީ އޭނާ އާ ކައިވެނި ކުރާނެ ރަނގަޅު މީހަކު ހޯދާށެވެ. ނައުޝީން ބުނި ގޮތުގައި އިންޑިޔާގެ މަޝްހޫރު މެޗްމޭކާ ސީމާ ޓަޕާރިއާ ވެސް ވަނީ އޭނާއަށް ހިދުމަތް ދޭން ދެކޮޅު ހަދާފަ އެވެ. އެއީ އޭނާއަކީ މުސްލިމަކަށް ވާތީ ކަމަށް ނައުޝީން ބުންޏެވެ.

ކައިވެނި ކުރާނެ އަންހެނުންނާއި ފިރިހެނުން މެޗު ކުރުމުގެ މަސައްކަތް ކުރާ ސީމާ މި ފަހަކަށް އައިސް އިންޑިޔާގައި މާ މަޝްހޫރު ވެގެން އުޅެނީ އޭނާ ކުރާ މަސައްކަތްތައް ދައްކުވައިދޭ ޝޯ "އިންޑިއަން މެޗުމޭކިން" ނެޓްފްލިކްސް އިން 2020 ގައި ދެއްކުމާ ގުޅިގެންނެވެ.

އިންޑިޔާގެ ނޫހަކަށް ނައުޝީން ދިން އިންޓަވިއުގައި ބުނީ އޭނާ އެއްވެސް މީހަކާ ރައްޓެހި ވެސް ނުވާތީ އަދި ކައިވެނި ކުރަން ވެސް ނޫޅޭތީ އޭނާގެ ކައިވެނި ކުރުވަން އާއިލާގެ މީހުން އުޅޭ ކަމަށެވެ. އެގޮތުން ސީމާ އާ ގުޅައިގެން އޭނާއަށް ކައިވެނިކުރާނެ މީހަކު ހޯދަން އާއިލާއިން އުޅުނީ ކަމަށެވެ.

"މުސްލިމުންނާއި ކެތޮލިކުންނަށް ތިމަންނަމެން ހިދުމަތެއް ނުދެމޭ ސީމާ އަހަންނާއި އަހަރެންގެ އާއިލާއާ ދިމާލަށް ބުނީމަ އަހަރެމެންނަށް ވަރަށް ބޮޑު ޝޮކެއް ލިބުނު. އާނ. އަހަންނަކީ މުސްލިމެއް. އެހެންނޭ ކިޔާފަ ކީއްވާނީ. އަހަރެމެންނަށް ވެސް މުޖުތަމައުގައި އެހެން ދީން ތަކުގެ މީހުންނެކޭ އެއްވަރުގެ ހައްގުތަކެއް ލިބިގެންވޭ،" ނައުޝީން ބުންޏެވެ.

ނައުޝީން ބުނި ގޮތުގައި އޯޓީޓީ ޕްލެޓްފޯމުން ދެއްކި ސީމާގެ ޝޯ ކިތަންމެ ހިޓް ވިޔަސް އޭނާއަކީ އެ ކަހަލަ ހަނި ވިސްނުމެއް ގެންގުޅޭ މީހެއް ކަމަށް އެ ޝޯއަކުން ހާމައެއް ނުވެ އެވެ. އޭނާގެ ހުރިވަރު މި އެނގުނީ އޭނާގެ ޚިދުމަތް ހޯދަން އުޅުނީމަ އެވެ.

ނައުޝީން ބުނި ގޮތުގައި 2021 ގައި ވެސް އެފަދަ ވިސްނުން ގެންގުޅޭ މީހުން އުޅެދާނެ ކަމަށް އޭނާ ހިއެއްވެސް ނުކުރެ އެވެ.

"އަހަރެން އައި ރުޅިން އޭނާގެ ސޯޝަލް މީޑިއާ ސައިޓްގައި މި ވާހަކަތައް ވަރަށް ތަފްސީލުކޮށް ލިޔުނުން. އޭނާ ފަދަ މަޝްހޫރު މީހަކު މިއަށް ވުރެ ދުރުވިސްނަން ޖެހޭނެ ކަމަށް ގަބޫލުކުރަމޭ ވެސް ލިޔުނިން. ނަމަވެސް އެ ޕޯސްޓް ޝެއާ ކޮށްގެން އަހަންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް އާއިލާގެ މީހުން ބިރުން އުޅޭތީ އެ ޕޯސްޓް ފަހުން އަހަރެން ވާނީ ނަގާފަ. އަހަރެންގެ ރުޅިގަނޑު އެގޮތަށް ބަލާލުމުން މީހަކު އަހަންނަށް ގެއްލުމެއް ދޭން މަސައްކަތް ކޮށްފާނޭ އާއިލާގެ މީހުން ބުނި،" ނައުޝީން ބުންޏެވެ.

"ކުސުމް" ނޫނަސް ގިނަ ޓީވީ ސީރީޒްތަކެއްގައި ނައުޝީން ބައިވެރިވެފައި ވެއެވެ. އޭގެ ތެރޭގައި "ސިންދޫރް ތޭރޭ ނާމް ކާ"، "ހާޒިރް ޖަވާބް ބީރްބަލް" އަދި "ގަންގާ" ހިމެނެ އެވެ. އެންމެ ފަހުން ނައުޝީން ފެނިފައިވަނީ "އެލަޑިން – ނާމް ތޯ ސުނާ ހޯގާ" އިންނެވެ. އަދި އަލްޓް ބާލާޖީގެ "ކްލާސް އޮފް 2020"ގައި ވެސް ނައުޝީން މަސައްކަތް ކުރި އެވެ. މިއީ އޮންލައިންގައި ރިލިޒްކުރި ފިލްމެކެވެ.