އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައްދަލުވުންތައް ލައިވް ކުރަން ހުށަހަޅުއްވާނެ ކަމަށް ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވިދާޅުވެއްޖެ އެވެ. -- ޕާލަމަންޓްރީ ގްރޫޕްގެ ބައްދަލުވުންތައް މިހާރު ބާއްވާނީ ސިއްރުން ނެވެ.
މީކާއީލް މިހެން ވިދާޅުވީ ވެންޓިލޭޓަރު ހިޔާނާތުގެ މައްސަލަ ތަހުގީގު ކުރަން ގޮވާލައި މިއަދު މަޖިލީހަށް ހުށަހަޅާފައިވާ މައްސަލައިގެ ބަހުސްގައި ވާހަކަ ދައްކަވަމުން ނެވެ.
ވެންޓިލޭޓަރު މައްސަލައިގެ ތަހުގީގުކޮށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވި ނަމަވެސް ޕީޖީ އޮފީހުން ނިންމާފައި ވަނީ އެކަމުގައި ޝާމިލްވާ ފަރާތްތަކުގެ މައްޗަށް ދައުވާ ނުކުރާށެވެ. އެ މައްސަލައިގައި އޭސީސީގެ ރައީސް މަރިޔަމް ޝިއުނާގެ މައްޗަށް އިތުބާރު ނެތް ކަމަށް ފެނޭތޯ ބަލަން އިއްޔެ ވަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕްގެ ބައްދަލުވުމެއް ވެސް ބާއްވައިފަ އެވެ.
ނަމަވެސް ޝިއުނާ ވަކި ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 13 މެމްބަރުންނެވެ.
މިއަދު މަޖިލީހުގައި މީކާއިލް ވިދާޅުވީ ވެންޓިލޭޓަރުގެ މައްސަލައިން އެމްޑީޕީގެ ބޮލުގައި "ވަގު" ލޭބަލެއް އެޅެމުންދާ ކަމަށެވެ.
އޭނާ އެހެން ވިދާޅުވި އިރު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ހަމަ އެމޭރުން ވާހަކަ ދައްކަވައި "ވަގު ސަރުކާރާއެކު" އެމްޑީޕީ އޮންނަން ރައްޔިތުން ނޭދޭނެ ކަަމަށް ވިދާޅުވެފަ އެެވެ.
"މި ޕާޓީ [އެމްޑީޕީ] ވަގު ލޭބަލްއިން ސަލާމަތް ކުރަން ބޭނުން ވާނަމަ ކުރަންޖެހޭ މުހިންމު އެއް ކަމަކީ އަޅުގަނޑުމެންގެ ޕާޓީގެ ޕާލަމަންޓްރީ ގްރޫޕްގް މީޓިންތައް ލައިވް ކުރުން. އަޅުގަނޑު އެކަން މިއަދު ޕާލަމަންޓްރީ ގްރޫޕް ލީޑަރަށް ހުށަހަޅާނަން. މިކަންކަން އަޅުގަނޑުމެން ކުރަން ޖެހޭ. 65 ގޮނޑި އަޅުގަނޑުމެންނަށް ދިނީ ޒިންމާތަކަކާއެކު. ބާރުތަކެއް އެކަންޏެއް ނޫން. އެއީ އަޅުގަނޑުމެން މާލިއްޔަތުގެ ގާނޫނަށް ހުރުމަތްތެރިކަން ހިތާނެކަމަުގެ ޒިންމާ. ގާނޫނު އަސާސީއަށް ހުރުމަތްތެރިކަމަށް ހިތާނެކަމުގެ ޒިންމާ" މީކާއީލް ވިދާޅުވި އެވެ.
ވަޒީރެއް ނުވަތަ ސަރުކާރުގެ އިސް މުވައްސަސާއެއްގެ އިތުބާރު ނެތް ކަމުގެ ވޯޓު އެމްޑީޕީއިން މަޖިލީހަށް ހުށަހެޅުމުގެ ކުރިން ހުށަހަޅަނީ އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕަށެވެ. އަދި މަޖިލީހަށް ހުށަހަޅަނީ އެ ގްރޫޕުން އެކަން ފާސްވުމުން ނެވެ.