އެމްޑީޕީ

އެމްޑީޕީން ތިލަފަތް ބޭނުންނަމަ އާ އިންތިހާބަކަށް ޖާގަދޭން ޖެހޭ: ލަތީފް

ވެރިކަމުގައި އޮތް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރާ"އިންސާފުގެ ތިލަފަތަ" ށް ޖާގަ ދޭން ބޭނުން ނަމަ އާ އިންތިހާބެއް ބާއްވަން ޖެހޭ ކަމަށް ފަރެސް މާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ދުބާއީ ކުންފުންޏެއް މެދުވެރިކޮށް 75 ވެންޓިލޭޓަރު ގެނައުމުގައި ހިޔާނާތް ވެފައިވާއިރު އެ މައްސަލަ ބަލައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ޕްރޮސިއުޓާ ޖެެނެރަލް އޮފީހަށް ފޮނުވުމުން ދައުވާ ނުކުރަން ވަނީ ނިންމައިފަ އެވެ. އަދި އެކަމާ ގުޅިގެން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ "ވަގު ސަރުކާރަކާއެކު" އެމްޑީޕީ އޮންނަން ރައްޔިތުން ބޭނުންނުވާ ކަމަށް ވިދާޅުވެފަ އެވެ.

ވެންޓިލޭޓަރުގެ މައްސަލަ ތަހުގީގު ކުރަން މިއަދު މަޖިލީހަށް އިދިކޮޅުން ހުށަހެޅި ކުއްލި މައްސަލައިގެ ބަހުސްގައި ޕީޕީއެމަށް ނިސްބަތްވާ ފަރެސް މާތޮޑާ ދާއިރާގެ މެމްބަރުން ހުސެއިން ވިދާޅުވީ ވެންޓިލޭޓަރުގެ ހިޔާނާތާއެކު އެމްޑީޕީގެ ނަން ކިލަނބުވެފައިވާ ކަަމަށެވެ.

"އެމްޑީޕީގެ ތިލަފަތް ގެއްލިއްޖެ އެމްޑީޕީގެ ތިލަފަތް ބޭނުންވާކަމުގައި ވާނަމަ މަނިކުފާނު [ރައީސް ނަޝީދު] ތިޔަ ވިދާޅުވާގޮތަށް މިއަދު ޖެހޭނީ މިއަދުގެ ސަރުކާރުން އަތް ދޫކޮށްލަން... އަތް ދޫކޮށްލައިފައި މިނިވަން އަދި އިންސާފުވެރި އަދި ހުރިހާ ސިޔާސީ ޕާޓީތަކުގެ ލީޑަރުންނަސް ވާދަކުރެވޭ އިންތިހާބަކަށް ޖާގަ ހޯދަން. އެ ނޫން އެއްވެސް އިންސާފެއް އެނޫން އެއްވެސް މަގެއް މިއަދަކު ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

ކޮރަޕްޝަނަށް ދޭނީ "ޒީރޯ ޓޮލަރެންސް" ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެފައިވާއިރު ރައީސް ނިސްބަތްވާ އެމްޑީޕީއަކީ ވެސް އަބަދުވެސް ކޮރަޕްޝަނާ ދެކޮޅަށް އެންމެ ބޮޑަށް އަޑުއުފުލާ ޕާޓީ އެވެ. ނަމަވެސް އެ މެންބަރު ވިދާޅުވީ "ރައްޔިތުންގެ ނޭވާ ހޮޅިން ވައްކަން ކުރުމުންވެސް އެ ވާހަކަ ހަމައެކަނި މަޖިލީހުގައި ދެއްކުމުން ނުފުދޭ" ކަަމަށެވެ.

"ރައްޔިތުންނެއް ބަލާކަށް ބޭނުމެއް ނުވޭ މިތަނުން ދައްކާހާ ވާހަކައެއް. ހައްލު ބޭނުން ވަނީ އިންސާފު ބޭނުންވަނީ. އެ މަގު ނުދެއްކިގެން މިއުޅެނީ ކީއްވެގެންކަން ރައްޔިތުންނަސް ސާފުވާން ޖެހޭ. ދެން މި ދައްކަނީ ރައީސުލްޖުމްހޫރިއްޔާ މިކަންކަމުން ބަރީއަވެގެން ހިނގައިދާނެ ވާހަކަ. ނޫން އެހެން ނޫން ނަމަ ރައީސް ޔާމީން ބޮލުގައި އެކަން [ހިތާނާތް] ނޭޅުވޭނެ. ރައީސް ޔާމީނަށް ކޮށްފައި އޮތް ހުކުމަކީ ކިހިނެއް ކުރި ހުކުމެއްކަން ރައްޔިތުންގެ ލޯތަކަށް އެއޮތީ ފެންނަން އެއޮތީ. ދައުވާކުރި ގޮތާ ތަހުގީގުކުރި ގޮތާ މިއިން އެއްވެސް އެއްޗެއް ދިމައެއް ނުވޭ،" ހުސައިން ވިދާޅުވި އެވެ.