ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގެ ދަށުން އަޅަން ފެށި ފްލެޓްތަކުގެ މަސައްކަތްތަކާ މި ސަރުކާރު ހަވާލުވިއިރު ނިންމާފައި ވަނީ މަޝްރޫއުގެ 44 ޕަސެންޓް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިހެން ވިދާޅުވީ ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދިން މީހުންނަށް ފްލެޓް ދިން ގޮތް ބެލުމަށް މި ސަރުކާރުން އުފައްދާފައިވާ ފްލެޓް ކޮމިޓީން ކޮށްފައިވާ މަސައްކަތްތައް ހިނގާ ނުހިނގާ ގޮތް ބެލުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީއާ ބެހޭ ކޮމިޓީން ބަލައި ދިރާސާކޮށް އެކުލަވާލި ރިޕޯޓްގެ މައުލޫމާތު ހިއްސާ ކުރުމަށް ނޫސްވެރިންނަށް މިއަދު މައުލޫމާތު ދެއްވަމުންނެވެ.
ކޮމިޓީގެ ރިޕޯޓާ ހަވާލާދީ ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީން ބެލީ މައިގަނޑު ތިން ކަމެއް ކަމަށެވެ. އެއީ ހިޔާ މަޝްރޫއުގެ ދަށުން ދީފައިވާ ފްލެޓްތަކުގެ މައްސަލަ ދިރާސާކުރުމާއި، މިސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ރާވާފައިވާ އޮތް ގޮތް ބެލުމާއި އަދި މިކަމާ ގުޅޭ މަސައްކަތްތައް ތަންފީޒުކޮށްފައިވާ ގެއްލުން ބެލުން ކަމަށެވެ.
ނަޝީދު ވިދާޅުވީ މި މަސައްކަތްތައް ކުރުމުގައި ސަރުކާރުން އެކުލަވާލި ފްލެޓް ކޮމިޓީގެ މަސައްކަތުގެ ސަބަބުން ގިނަ މައުލޫމާތުތަކެއް މަޖިލީހަށް ލިބިފައިވާ ކަމަށެވެ. މަޖިލީހުގެ ކޮމިޓީގެ ރިޕޯޓްގައި މިވަގުތު ސަރުކާރުން އެކިއެކި ފަރާތްތަކާއެކު ހަދާފައިވާ ގެދޮރުވެރިކުރުވުމުގެ ނުވަތަ ބޯހިޔާވަހިކަމުގެ އެއްބަސްވުންތަކުގެ މަސައްކަތްތައް ހިނގަމުންދާ ގޮތާ ގުޅޭގޮތުން ކޮންމެ އެއްބަސްވުމަކާ ގުޅޭ މައުލޫމާތު ވަކިވަކިން ހިމެނޭ ކަމުގައިވެސް ވިދާޅުވި އެވެ.
"ކޮމިޓީއަށް ހަވާލުވެފައި އޮތް އިތުރު މަސައްކަތަކީ މިސައްކަތް ކުރުމުގައި ނުވަތަ ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގެ ނުހައްގުން ނުވަތަ ނާޖާއިޒު ކޮށް ހައްގު ނުވާ އެއްވެސް ފަރާތަކަށް އެއްވެސް ބޭފުޅަކު ފްލެޓް ދީފައިވާ ކަމާއި ނުވަތަ އަދި ހަަމައެއާ އެކީގައި އެފަދަ ކަަމެއް އަމަލީ ގޮތުން ކުރުމުގައި ބައިވެރިވި ފަރާތްތަކަކީ ކޮބައިތޯ ވެސް ދެނެގަތުން. މަޖިލީހުގެ ހޯދުމަށް ފެންނަނީ ފްލެޓް ކޮމިޓީގެ މަސައްކަތް ފުރިހަމަ ކަމަށް.،" ސަރުކާރުގެ ފްލެޓް ކޮމިޓީގެ މަސައްކަތަށް ތައުރީފު ކުރައްވަމުން ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ކޮމިޓީއެއް އެކުލަވާލައި ފްލެޓްތަކުގެ މައްސަލަ ބަލަންޖެހުނީ ކުރީގެ ސަރުކާރުން އަމަލުކުރި ގޮތުން ރައްޔިތުންގެ މަޖިލީހާއި މިސަރުކާރަށް ލިބުނު އެތައް ޝަކުވާއަކާ ގުޅިގެން ކަމަށެވެ. ކުރީގެ ސަރުކާރުގައި ފްލެޓް ލިބުނު މީހުންގެ ލިސްޓް ނެރުނުއިރު ފްލެޓް ދިނުމުގައި އެއްވެސް އުސޫލެއް އެކުލަވާލާފައި ނުވާ ކަމަށާއި އެހެންނަމަވެސް މިސަރުކާރުގައި ފްލެޓް ލިބޭ މީހުން ކަނޑައެޅީ އުސޫލެއް އެކުލަވާލައިގެން ފްލެޓް ކޮމިޓީން އެކި މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު ކަމަށްވެސް ވިދާޅުވި އެވެ. މިއުސޫލު އެކުލަވާލީ ޑިސެމްބަރު 1، 2020 ގައި ކަމަށްވެސް ވިދާޅުވި އެވެ.
ފްލެޓް ކޮމިޓީން ދިރިއުޅުމުގެ ހާލަތު ބެލިއިރު ސިވިލް ސާވިސްގެ މުވައްޒަފުންނާއި ފަންނީ މުވައްޒަފުންނަށް ފްލެޓް ލިބޭ ކެޓަގަރީގައި ފްލެޓް ލިބޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަލާފައި ނުވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އެހެން ދިމާވީ އެކުލަވާލި އުސޫލުގައި އެ ގިންތި ތަކަށް ހޮވޭ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށް ފްލެޓް ކޮމިޓީއަށް މަސްއޫލިއްޔަތު ހަވާލުކޮށްފައި ނުވާތީ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން މަޖލީހުގެ ރިޕޯޓްގައި ލަފާ ދީފައިވަނީ އުސޫލެއް އެކުލަވާލައި މި ދެ ގިންތީގެ މީހުންގެ ދިރިއުޅުމުގެ ހާލަތު ބެލުމަށްފަހު ފްލެޓް ލިބޭ މީހުން އަލުން ކަނޑައެޅުމަށް ކަމުގައިވެސް ވިދާޅުވި އެވެ. ފަންނީ މީހުންނަށް ލިބޭ މުސާރައާއި އެ މީހުންގެ ދިރިިއުޅުމުގެ ހާލަތު ހުންނަ ގޮތުން އިޖުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ފްލެޓް ދިނުމުން އެ މީހުން އެންމެ ބޭނުން ނުވާ ފްލެޓްތަކަކަށް އެ ފްލެޓްތައް ވެދާނެ ކަމަށް މަޖިލީހަށް ފެންނަ ކަމުގައިވެސް ވިދާޅުވި އެވެ. އެހެންކަމުން ސަރުކާރުން ކުރިއަށް ގެންދާ ބޯހިޔާވަހިކަމުގެ އެހެން މަޝްރޫއަކަށް މި ގިންތީގެ ބޭފުޅުން ބަދަލުވުމަށް އެއްބަސްވޭތޯ ސަރުކާރުން މަޝްވަރާކުރުމަށް ލަފާ ދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ. ސިވިލް ސާވިސް ކެޓަގަރީގައި ހިމެނެނީ 1001 ބޭފުޅުން ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ފްލެޓް ކޮމިޓީން ދިރިއުޅުމުގެ ހާލަތު ބެލިއިރު އެންމެ ރަނގަޅަށް އެކަން ކޮށްފައި ނުވާ ކަމަށް ބުނެ އެކަމާ ހިތްހަމަނުޖެހިގެން 119 ފަރާތަކުން މަޖިލީހަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ. އެހެންކަމުން މަޖިލީހުން ސަރުކާރަށް ލަފާ ދީފައިވަނީ މަޖިލީހަށް ޝަކުވާ ހުށަހެޅި ފަރާތްތަކުގެ ހާލަތު އަދިވެސް އެއް ފަހަރު ވީހާވެސް ރަނގަޅަށް ބަލައިދިނުމަށް ކަމުގައިވެސް ވިދާޅުވި އެވެ. އެކަމަކު ދިރިއުޅުމުގެ ހާލަތު ބެލީ ކޮމިޓީއަށް ބެލެން އޮތް އެންމެ ރަނގަޅަށް ކަމަށް ފްލެޓް ކޮމިޓީން ބުނާ ކަމަށާއި އަދި އިތުރަށް އެކަން ކުރަން ކޮމިޓީއަށް ދަތިވާ ކަމަށް ފްލެޓް ކޮމިޓީން ބުނާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ. އަދި ކުރީގެ ސަރުކާރުގައި ފްލެޓް ދިނުމުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން އެއްވެސް ފަރާތަކުން ނާޖާއިޒު ފައިދާ ހިންގާފައިވޭތީ ބަލައި އެފަދަ މީހުން ހޯދައި އެފަދަ މީހުންނަށް ގާނޫނުގައިވާ އަދަބު ދިނުމަށް ކޮމިޓީން ސަރުކާރަށް ލަފާ ދީފައިވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ނޮވެމްބަރު 18، 2017 ގައި އިފްތިތާހު ކުރި ހިޔާ މަޝްރޫއު ބަހާލާފައިވަނީ މައިގަނޑު ދެ ބަޔަކަށް ކަމަށެވެ. މީގެތެރެއިން ފުރަތަމަ ބައި، އިޖުތިމާއީ ބޯހިޔާވަހިކަމަށް އަމާޒުކޮށްގެން ކުރިއަށް ގެންދަން ނިންމާފައި އޮތީ 7000 ފްލެޓް އެޅުމުގެ މަޝްރޫއަކާއި، ސަރުކާރު ހިއްސާވާ ގިނަ ކުންފުނިތަކަކާ އެކު އިދާރާތަކެއްގެ މުވައްޒަފުން ގެދޮރުވެރިކުރުވުމުގެ މަޝްރޫއެއް ކަމުގައިވެސް ވިދާޅުވި އެވެ. ހަތްހާސް ފްލެޓްގެ މަޝްރޫއުގައި އަށް ކެޓަގަރީއަކާއި އެއް ކޮޓަރީގެ ފްލެޓްތަކަކަށް އަމާޒުކުރެވިފައިވާ ކެޓަގަރީއެއް ހިމެނޭ ކަމާއި، އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އިދާރާތަކުގެ މުވައްޒަފުން ގެދޮރުވެރިކުރުވުމުގެ މަޝްރޫއުގައި އަށް އިދާރާއެއް ހިމެނޭ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖެއަށް މިހާރު ބޭނުންވަނީ 3000 ސޯޝަލް ހައުސިން ޔުނިޓް ކަމަށެވެ. އެކަމަކު ބޯހިޔާވަހިކަން ހޯދުމަށް އެއްވެސް އެއްޗެއް އަތުން ދެއްކެން ނެތް ބަޔަކު ވެސް އެބަތިބި ކަމަށާއި އެހެންކަމުން އެ މީހުންނަށް ވެސް ދައުލަތުން ގޮތްތަކެއް ހޯދައިދޭން ކަމުގައިވެސް ވިދާޅުވި އެވެ. ދެންނ ތިބީ އާއިލާގެ އެންމެންނަށް ލިބޭ އެއްޗެއް އެއްކޮށްލުމުން 17،000 ރުފިޔާ ވަރު ލިބޭ ބަޔަކު ކަމަށާއި އެމީހުންނަށް މަހެއްގެ މައްޗަށް 5000 ރުފިޔާ ދައްކައިގެން ބޯހިޔާވަހިކަން ލިބޭނެ ގޮތެއް ވެސް ހޯދަން ޖެހޭ ކަމަށްވެސް ވިދާޅުވި އެވެ. އެކަމަކު އެއްވެސް ކުންފުންޏަކުން ހިލޭ ނުވަތަ މަހަކު 5000 ރުފިޔާ ދައްކާ ގޮތަށް ފްލެޓް އަޅައިދޭން ބޭނުން ނުވާ ކަމުގައިވެސް ނަޝީދު ވިދާޅުވި އެވެ.
"ދެން ކިހިނެއްތޯ ސަރުކާރުން މިކަން ދެކޮޅު ޖައްސަނީ. ކްރޮސް ސަބްސިޑައިޒް ކުރާ އުސޫލެއް މިހާރު މިސިޔާސަތުގައި ގެންގުޅެނީ. އެއީ ކޮންޓްރެކްޓް ކުރާނީ އަޅުގަނޑަށް ފެނުނު ތަނުގައި ދެން ސޯޝަލް ހައުސިންގެ މިތައް ޔުނިޓް. އަތްފޯރާ ފަށުގެ މިތަން ޔުނިޓް. މަތީ ފަންތީގެ މިތަން ޔުނިޓް. ދެން އެހެން ގޮސް ލަގްޒަރީ ހޯމްސްގެ މިތަން ޔުނިޓް. އެއީ ލޮޓެއް. އެ ލޮޓް އެކީ ނަނގާ ކޮންޓްރެކްޓަރަށް ކްރޮސް ސަބްސިޑައިޒް ކޮށްގެން 6000 ރުފިޔާ އަށް ވެސް ފްލެޓެއް، ސޯޝަލް ހައުސިންއެއް، ކަނޑައެޅުއްވޭނެ. އަދި އެއަށް ވުރެ ހެޔޮކޮށް ވެސް ކަނޑައެޅުއްވޭނެ. ލޯން ނަގައިގެން އަޅުގަނޑުމެން ކުރާންވީ ކަމެއް ނޫނީ މިއީ އެއް. މިއީ ކޮމާޝަލް މަސައްކަތެއް. މިއީ މި ދިވެހިރާއްޖޭގައި ކުރުވާފައި އޮތް މަސައްކަތެއް." މާލޭގެ ގާކޮށްޓާއި ޖަނަވަރީގޭގައި އެމްޑީޕީގެ ސަރުކާރުން އަޅާފައިވާ ފްލެޓްތައް އަޅާފައިވާ ގޮތަށް އިޝާރާތްކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިހާރުގެ ސަރުކާރުން 15،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް އެކި މަރުހަލާތަކުގައި ކުރިއަށް ގެންދާ ކަމަށެވެ. ދެ އެއްބަސްވުމެއްގެ އަމަލީ މަސައްކަތް ހިނގަމުންދާ ކަމަށާއި، ބާކީ ހުރި އެއްބަސްވުންތަކާ ގުޅޭ މަސައްކަތްތައް ވެސް ހިނގަމުންދާނެ ކަމުގައިވެސް ވިދާޅުވި އެވެ. ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކުރިއަށް ގެންދަވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށުނު ހިޔާ މަޝްރޫއުގައި ހިމެނޭ 7000 ފްލެޓްގެ ނުނިމިވާ 54 ޕަސެންޓް މަސައްކަތްވެސް ނިންމަމުން ކަމަށާއި އެއީ ވެސް ކުޑަ މަސައްކަތެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއެއްގެ ތެރެއިން އެޅި ފްލެޓަކަށް އަދި އެއްވެސް މީހަކަށް ވަދެވިފައި ނުވާ ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.
"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ ރާއްޖޭގެ ރައްޔިތުން ބޯހިޔާވަހިކަމަކަށް ގެދޮރުވެރިކަމަކަށް 2008 ވަނަ އަހަރުން ފެށިގެން ވަދެވިފައިވަނީ ފުރަތަމަ އެމްޑީޕީ ސަރުކާރުގައި އުފެއްދި ކޮންޓްރެކްޓްތަކުން ލިބުނު ބޯހިޔާވަހިކަމަކަށް. ރައީސް ޔާމީންގެ ސަރުކާރުގައި އުފެއްދި ކޮންޓްރެކްޓަކުން އިމާރާތްކުރި ބޯހިޔާވަހިކަމަކަށް އަދި އެއް އެއްވެސް ރައްޔިތަކަށް ނުވަދެވޭ. އެކަން ކުރެވޭތޯ އަޅުގަނޑުމެން މިއުޅެނީ. ވަދެވިފައި ހަމައެކަނި ވާނީ އެމްޑީޕީގެ ފަރާތުން އެމްޑީޕީގެ ސަރުކާރަކުން އުފައްދާފައިވާ ކޮންޓްރެކްޓަކުން ލިބިފައިވާ ބޯހިޔާވަހިކަމަކަށް،" އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ދިފާއު ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވި އެވެ.
ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ޗައިނާ ކުންފުންޏަކާ ވާހަކަދައްކައިގެން ފްލެޓް އަޅަން ވާހަކަ ދެކެވުނު ކަމަށެވެ. އަދި ޗައިނާ އިން ދަރަނި ނެގުމަށްފަހު އުފެއްދި ހަރުމުދަލުގައި އުފެއްދި ހަރުމުދަލާއި ދަރަނީގެ އަގު ދިމާ ނުވާ ކަމަށްވެސް ވިދާޅުވި އެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާ އިން ނެގުނު ދަރަނީގެ އަދަދު 4.5 ބިލިއަން ޑޮލަރަށް އަރާ ކަން ފާހަގަކުރައްވަމުން ވިދާޅުވީ މިސަރުކާރަށް މަސައްކަތްތައް ކުރިއަށް ގެންދެވެން އޮތީ ޗައިނާއާ ވާހަކަދައްކައިގެން އެ ދަރަނިތައް ދައްކާ ހަލާސް ކުރާނެ އިތުރު ގޮތްތަކެއް ކަނޑައަޅައިގެން ކަމަށެވެ.
ރައީސް ނަޝީދު މީގެކުރިން ވެސް ވިދާޅުވާ ފަދައިން މިއަދުވެސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ހޯދައިދީ އެ މައްސަލައަށް ހައްލު ހޯދާނެ ކަމަށެވެ. ރައްޔިތުން އެކަމުގައި ކަންބޮޑުނުވުމަށްވެސް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.