ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ނަންބަރެއް ނުވެއްޓޭ: 147 މީހުން ޕޮޒިޓިވް

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 147 މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 23،671 އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 65 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 69 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 10 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެހެނިހެން ސަރަހައްދުތަކުން މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއަދު ހެދީ 3،728 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،472 މީހުންނެވެ. މިހާތަނަށް 20،939 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 93 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 55 ދިވެހިންނާއި 8 ބިދޭސީއެކެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުންދާއިރު ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ދަނީ ލުއި ދެމުންނެވެ. ކެފޭ،ހޮޓާ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި އަންނަ މަހު ސުކޫލުތައް ފެށުމަށްވެސް ވަނީ ނިންމާފައެވެ. އޭޕްރީލް އެއްވަނަ ދުވަހު އެލްކޭޖީއިން މަތީ ގުރޭޑްތަކުގެ ކިޔެވުން އޮންނާނީ ސުކޫލަށް ހާޒިރުވެގެންނެވެ.