ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

އަތޮޅުތަކުގައި 471 އެކްޓިވް ކޭސް

އަތޮޅުތަކުގައި އެކްޓިވް ކޭސްތަކުގެ އަދަދު 471 އަށް އަރައިފި އެވެ. މިއީ އަތޮޅުތަކުގައި އެކްޓިވް ކޭސްތައް އެންމެ ގިނަ ދުވަސްވަރެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 54 ރަށެއްގައި އެކްޓިވް ކޭސްތައް އެބަހުއްޓެވެ. ޕޮޒިޓިވް ކޭސްތައް އެންމެ ގިނަައީ ކ. ހުރާގައެވެ. އެ ރަށުގައި 96 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ފެލިވަރުން 71 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު ދިއްފުށިން 47 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. ނައިފަރުން 30 މީހަކު ކުޑަހުވަދޫއިން 22 މީހަކު ޕޮޒިޓިވްވެފައިވެއެވެ. ނ. ނޮޅިން 16 މީހަކު ކުޅުދުއްފުށިން ހަތް މީހަކު އަދި ހއ. ބާރަށުން ހަ މީހަކު ޕޮޒިޓިވްވެފައިވެއެވެ.

މިދިއަ 24 ގަޑިއިރުގެ ތެރޭ ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ 147 މީހެކެވެ. މިއަދު ޕޮޒިޓިވްވި މީހުންނާއެކު މިހާރު ރާއްޖޭގެ ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 23،671 އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 65 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 69 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 10 މީހަކު ޕޮޒިޓިވްވެފައިވެއެވެ. އެހެނިހެން ސަރަހައްދުތަކުން މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއަދު ހެދީ 3،728 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،472 މީހުންނެވެ. މިހާތަނަށް 20،939 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 93 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 55 ދިވެހިންނާއި 8 ބިދޭސީއެކެވެ.