ފޮރިން މިނިސްޓްރީ

ރާއްޖޭން ލެސޯތޯއާއި އެކު ސިޔާސީ ގުޅުން ގާއިމުކޮށްފި

Mar 29, 2021

ދިވެހިރާއްޖެ އާއި ލެސޯތޯއާއި ދެމެދު ސިޔާސީ ގުޅުން ގާއިމުކޮށްފި އެވެ.

އދ.ގެ މައި މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އދ. އިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް ތިލްމީޒާ ހުސައިން އެވެ.

ލެސޯތޯގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ގައުމުން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބް އެންކޮޕާނޭ ރަސީންގް މޮންޔާނޭ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދިވެހިރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް އިހްތިރާމް ކުރާ އަދި އެ ގުޅުމުގެ އަގު ވަޒަންކުރާ ގައުމުތަކާއެކު އޮންނަ ގުޅުން ބަދަހިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ޚާރިޖީ ސިޔާސަތުގައި އިސްކަންދޭ އެއް ކަންތައް ކަމަށެވެ.

ދިވެހިރާއްޖެއާއި ލެސޯތޯއަކީ ކުޑަ ދެ ގައުމަށް ވެފައި، ޑިޕްލޮމެޓިކް ގުޅުން ގާއިމުކުރުމާއެކު ދެ ގައުމު ގުޅިގެން ބައިނަލްއަގްވާމީ މަސްރަހުގައި ގިނަ މަސައްކަތްތަކެއް ކުރުމަށް މަގު ފަހިވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ލެސޯތޯ އަކީ 2.12 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ގައުމެކެވެ. ލެސޯތޯ އަކީ މިނިވަން ދައުލަތަކަށްވީ ނަމަވެސް އެ ގައުމު ވަށައިގެން އޮންނަނީ ދެކުނު އެފްރިކާ އެވެ.