ދިޕިކާ ޕަދުކޯން

ދިޕިކާ ބުނަނީ އޭނާއަކީ އަމިއްލަ އެދުން ބޮޑު މީހެކޭ!

Nov 4, 2015

ބޮލީވުޑްގެ ބަތަލާއިންގެ ތެރެއިން މަދު ދުވަސްކޮޅެއްގެ ތެރޭގައި އެންމެ ކުރީ ސަފުން ޖާގަ ހޯދި ތަރިއަކަށް ބަތަލާ ދިޕިކާ ޕަދުކޯން ވާނެ އެވެ.

މަދު އަހަރުތަކެއްގެ ތެރޭގައި ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ދިޕިކާއަކީ ގިނަތަރިންނާއި ގުޅޭ މަޖާ މިޒާޖެއްގެ މީހެކެވެ.

މަދުން ނަމަވެސް ބައެއް ބަތަލާއިންނާއި ދިޕިކާ އާއި ދެމެދު ބަހުގެ ހޫނު ހަމަލާތައް ބަދަލުވި ނަމަވެސް ހަގީގަތުގައި ދިޕިކާ އަކީ ރަނގަޅު މީހެއް ކަމަށް އޭނާ އާއެކު ފިލްމުތަކުގައި މަސައްކަތްކުރާ ތަރިން ބުނެއުޅެ އެވެ.

ނަމަވެސް އެހެންމީހުންނާއި ހިލާފަށް ދިޕިކާ ބުނަނީ އޭނާއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް ކަމަށެވެ.

މިމަހުގެ ފަހުކޮޅު ރިލީޒްކުރާ ދިޕިކާގެ އާ ފިލްމު "ތަމާޝާ"ގެ އާ ލަވަ "ވަޓް ވަޓް ވަޓް" ރިލީޒްކުރުމަށް ބޭއްވި އިވެންޓްގައި ވާހަކަދައްކަމުން ދިޕިކާ ވަނީ ހުރިހާ އެކްޓަރުންނަކީ ވެސް އެމީހަކު ކުޅޭ ފިލްމުތަކުގައި ވަރަށް ބުރަކޮށް މަސައްކަތްކުރާ މީހުން ކަމަށާއި އެގޮތުން އެންމެން ވެސް އުންމީދުކުރަނީ އެމީހަކު ކުޅޭ ރޯލަކީ އެންމެ މޮޅު ރޯލަށް ވުމަށް ކަމަށެވެ. އެހެން ކަމުން އޭނާގެ ނަޒަރުން މުޅި ފިލްމު ބަލައިލާނަމަ، އެކްޓަރެއްގެ ގޮތުގައި އޭނާއަކީ ވަރަށް އަމިއްލަ އެދުން ބޮޑު މީހެއް ކަމަށް ދިޕިކާ ވަނީ ބުނެފަ އެވެ.

މިއިވެންޓްގައި އިތުރަށް ދިޕިކާ ވަނީ މިއަހަރުގައި ނިކުތް އޭނާގެ ފިލްމު "ޕީކޫ" އާއި ބެހޭގޮތުން ވެސް ވާހަކަދައްކާފަ އެވެ. އަދި "ތަމާޝާ" އާއި "ބާޖީރާއޯ މަސްތާނީ" ވެސް ރިލީޒްވުމަށް ކުރިއަށް އޮތްއިރު، މިއަހަރަކީ ވެސް އޭނާގެ ކެރިއަރުގައި ފާހަގަކޮށްލެވޭ ރަނގަޅު މަސައްކަތްތަކެއް ކުރެވުނު އަހަރެއް ކަމަށް ވެސް ދިޕިކާ ވަނީ ބުނެފަ އެވެ.

"ތަމާޝާ" އާއި ބެހޭގޮތުން ވާހަކަދައްކަމުން ދިޕިކާ ވަނީ މިފިލްމަކީ މުޖުތަމައު ބުނާގޮތަށް އުޅެން ހަދައިގެން އަމިއްލަ ނަފްސު ގެއްލިގެންދާ ޒުވާނެއްގެ ވާހަކަ ކަމަށާއި އަދި މިފިލްމުގައި އޭނާ އާއި ރަންބީރު ކަޕޫރު އެހުރިހާ އިހްސާސްތަކެއް ވެސް ދައްކުވައިދީފައިވަނީ ވަރަށް ތަފާތުކޮށް ކަމަށް ގަބޫލުކުރާ ކަމަށްވެސް ދިޕިކާ ވަނީ ބުނެފަ އެވެ.

ރަންބީރު މިވަގުތު ލަންޑަންގއި ކަރަން ޖޯހަރުގެ ފިލްމެއްގެ މަންޒަރުތއް ނަގަމުން އަންނާތީ ބައިވެރިނުވެވުނު ނަމަވެސް ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް މިއިވެންޓްގައި ބައިވެރިވެފަ އެވެ.

މިމަހުގެ 27 ވަނަ ދުވަހު ރިލީޒްކުރާ މިފިލްމަކީ ގިނަ ޒުވާން ކުދިން މިހާރު އިންތިޒާރުކުރަމުން އަންނަ ފިލްމެކެވެ.