އެމްއެންޑީއެފް

މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިއްޖެ

މޫދަށް ފޭބި ސިފައިންގެ މީހަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ ލ. ކައްދޫގެ އިރުމަތީފަރާތު މޫދަށް ފޭބި ހަތަރު ސިފައިންގެ ތެރެއިން އެކަކު ގެއްލިފައިވާ ކަމަށެވެ. ގެއްލިފައިވަނީ ލާސްކޯޕްރަލް ހުސައިން ފާރިޝް އެވެ.

އޭނާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ކޯސްޓްގާޑް ސްކޮޑްރަންގެ ޑައިވަރުން ދަނީ ކުރަމުންނެވެ. މި ހާދިސާގެ ރިޕޯޓް ލިބިފައިވާ މިއަދު ހަވީރު 5:40 ހާއިރު ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފްގެ އިސްތަރުޖަމާން މޭޖާ އިބްރާހިމް އާޒިމް ވިދާޅުވީ މޫދަށް ފޭބި ސިފައިންގެ ތެރެއިން އެކަކު ގެނބިގެން ފަރުވާ ދެމުންދާ ކަމަށެވެ. އޭނާ ގެނބުނީ ގެއްލުނު ސިފައިންގެ މީހާ އޮއިގަނޑެއްގައި ޖެހި ގެނބެން ފެށުމުން ސަލާމަތް ކުރަން މަސައްކަތް ކުރުމުގެ ތެރޭގައި ކަމަށް އާޒިމް ވިދާޅުވިއެވެ.

"ގެނބުނު މީހާއަށް ދަނީ މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން. އޭނާގެ ހާލު އަންނަނީ އިރާދަކުރެއްވިއްޔާ ރަނގަޅުވަމުން،"

އާޒިމް ވިދާޅުވީ ގެއްލުނު މީހާ ހޯދުމުގެ މަސައްކަތް ކޯސްޓްގާޑާއި ޑައިވިން ޓީމުން ކުރަމުން ގެންދާ ކަމަަށެވެ.