ވެލެންސިއާ

"ވެލެންސިއާއަށް ލިބުނީ މޮޅު، މޮޅެއް"

ނިއު އަތުން ވެލެންސިއާ އަށް އިއްޔެ ލިބުނީ ވަރަށް ބޮޑު މޮޅެއް ކަމަށް އެ ޓީމުން ބުނެފި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ މެނޭޖަރު އަބުދުﷲ ޝިބާއު ބުނީ ނިއު އަކީ ލީގު ޗެމްޕިއަންކަން ކަމަށް ވާދަކުރާ ޓީމަކަށްވެފައި އެ ޓީމު އަތުން މޮޅުވުމަކީ ލީގުގައި ކުރިއަށްދާން ވެލެންސިއާ އަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.

"ނިއު ވެސް ނުކުންނާނީ ތިން ޕޮއިންޓް ހޯދަން. އެއީ އެމީހުން ލީގަށް ވާދަކުރަން ތިން ޕޮއިންޓް މުހިންމުވާނެތީވެ. އެކަމަކު ވެލެންސިއާ އަށް މި މެޗުގައި ލިބުނު ފުރުސަތުތައް ބޭނުން ކުރެވުމުން މޮޅު މޮޅެއް މި ލިބުނީ. ކޮންމެ މެޗެއްގައި ވެސް ލިބޭ ފުރުސަތު. އެކަމަކު ބޭނުން ނުކުރެވިގެން ވެލެންސިއާ ކޮޅަށް އެއްޗެއް ވަދެފައި ހުންނަނީ. މިއަދު ފުރުސަތުގެ ބޭނުން ކުރެވިފައި މި އޮތީ،" ޝިބާއު ބުންޏެވެ.

މި މެޗުން މޮޅުވުމުން ވެލެންސިއާ އަށް ވަނީ 12 ޕޮއިންޓް ލިބިފަ އެވެ. ވެލެންސިއާ އަދި މާޒިޔާ 12 ޕޮއިންޓާއެކު އޮތްއިރު ފައިދާ ގޯލުގެ ތަފާތުން ވެލެންސިއާ އަށް ލިބެނީ ހަ ވަނަ އެވެ. މާޒިޔާ އަށް ފަސް ވަނަ އެވެ.

ޝިބާއު ބުނީ ވެލެންސިއާ މޮޅުވި ނަމަވެސް ގިނަ ކަންތައްތަކެއް ރަނގަޅު ކުރަންޖެހޭ ކަމަށާއި ހެދޭ މިސްޓޭކްތައް ވެސް މަދުކުރަން ޖެހޭ ކަމަށެވެ.