ރިޕޯޓް

ސިވިލް ކޯޓުގެ އިހްތިސާސް ބައިބަޔަށް އަޅައިލުން ކޮންކަހަލަ ބަދަލެއް؟

ސުޕްރީމް ކޯޓުން އެކި ކަންކަމުގައި އެކި ބާވަތްތަކުގައި ސާކިއުލާ ނެރެ އެވެ. އެއީ ސުޕްރީމް ކޯޓުގެ ހަ އަހަރުވީ ތާރީޚުގައި ކުރާ ކަމެކެވެ. މިދިޔަ ބުދަ ދުވަހުގެ ރޭ ވެސް ސުޕްރީމް ކޯޓުން ވަނީ އެފަދަ ސާކިއުލާއެއް ނެރެފައެވެ. އެއިން އެތައް ކަމަކަށް ބަދަލު އާދެ އެވެ. 

އެ ސާކިއުލާ ބުނާގޮތުން ސިވިލް ކޯޓުން ބަލަމުންދިޔަ ބައެއް ބާވަތުގެ މައްސަލަތައް އަންނަ ފެބްރުއަރީ މަހުގެ 15 އިން ފެށިގެން ބަލާނީ ފެމިލީ ކޯޓުންނެވެ. އެގޮތުން ސިވިލް ކޯޓުން މިހާރު ބަލަމުންދާ ހިބަ އާއި ތަރިކައިގެ އިތުރުން ވާރިސުން ގިންތި ކުރުމުގެ މައްސަލަތަކުގެ އިތުރުން މައިންބަފައިން ގެދޮރަށް ވެއްދުމުގެ މައްސަލަތައް އެ ސާކިއުލާގެ ދަށުން މިވަނީ ފެމިލީ ކޯޓަށް ބަދަލުވާން ތައްޔާރުވެފަ އެވެ.

ކޯޓުތަކުގެ އިހްތިސާސާއި ކޯޓުތައް ހިންގަންޖެހޭނެ އުސޫލުތައް ބަޔާންކޮށް 2010 ގައި އަމަލުކުރަން ފެށި ކޯޓުތަކުގެ ގާނޫނުގައި ކޮންމެ ކޯޓެއްގެ އިހްތިސާސް ވަކިވަކިން ބަޔާންކޮށްފައިވެ އެވެ. އެގޮތުން ހިބަ އާއި ވަސިއްޔަތާއި ތަރިކަ މުދަލުގެ މައްސަލަތައް ބަލާނީ ސިވިލް ކޯޓުން ކަމަށް އެ ގާނޫނުގެ ޖަދުވަލު އެކެއްގައި ބުނެފައިވިޔަސް ސުޕްރީމް ކޯޓުގެ ސާކިއުލާއިން އެކަންވަނީ ބަދަލުވެފަ އެވެ. އޭގެ ސަބުން ޝަރުއީ ނިޒާމަށް ވާސިލުވުމުގައި ފަސޭހަތަކެއްވެ ޝަރީއަތްތައް އަވަސްވާނެ އެވެ. 

ނަމަވެސް ގާނޫނެއްގައި ބުނެފައިވާ ކަމެއް ސުޕްރީމް ކޯޓަށް ބަދަލު ކުރެވިދާނެތޯ އެއީ ގާނޫނީ ގޮތުން ބައެއް މީހުން ހާއްސަކޮށް ގާނޫނީ ވަކީލުން ސުވާލު އުފެއްދުމުގެ ޖާގަ އޮތް ކަމެކެވެ.

އެއް ވަކީލަކު ވިދާޅުވި ގޮތުގައި ގާނޫނެއްގައި ބުނެފައި އޮތް ކަމަކާ ޚިލާފަށް ސުޕްރީމް ކޯޓަށް ސާކިއުލާއެއް ނުނެރެވޭނެ އެވެ. އަދި ގާނޫނު ހަދާ މަޖިލީހުން ނިންމާފައިވާ ނިންމުންތަކާ ޚިލާފަށް ކޯޓުތަކަށް ނިންމުންތަކެއް ނުނިންމޭނެ އެވެ.

"މިސާލަކަށް ގާނޫނެއްގެ ބައެއް ގާނޫނު އަސާސީއާ ޚިލާފް ކަމަށް ބުނެ ކޯޓަށް މައްސަލަ ހުށަހަޅައިގެން ކޯޓަށް އެގޮތަށް ފެނިއްޖެއްޔާ ގާނޫނެއް ނުވަތަ އެއިން ބައެއް ބާތިލް ކުރެވިދާނެ، އެކަމަކު އެގޮތަކަށް ވެސް ނޫން މިއޮތީ އަމަލުކޮށްފައި. ގާނޫނު އޮތްގޮތަށް ބާއްވާފައި އެއާ ޚިލާފަށް ސާކިއުލާއެއް ނުނެރެވޭނެ، ގާނޫނަށް ވުރެ މައްޗަށް އޮންނާނީ ގާނޫނު އަސާސީ، ކޯޓުތަކެއް ނޫން" އެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ ނިންމުންތައް ކޯޓުތަކުން އަމިއްލައަށް އިސްނަގައިގެން އެފަދަ ނިންމުންތަކެއް ނުނިންމޭނެ އެވެ. މައްސަލައެއް ހުށަހެޅުމުން އެ މައްސަލައެއްގެ ތެރެއިން އެފަދަ ނިންމުމެއް ނިންމި ނަމަވެސް އަމިއްލައަށް އިސް ނަގައިގެން އެފަދަ ނިންމުންތައް ނިންމުމުން އޭގެ ނުބައި ނަތީޖާ ނިކުންނާނެ ކަމަށް އެ ވަކީލް ވިދާޅުވި އެވެ. އަދި އެގޮތަށް އަމަލު ކުރުމަކީ ޑިމޮކްރެޓިކް އުސޫލެއް ވެސް ނޫން ކަމަށް ވިދާޅުވި އެވެ.

"މައްސަލައެއްގެ ތެރެއިން އެފަދަ ނިންމުމެއް ނިންމިޔަސް އެކަމާ މެދު ސުވާލު އުފެއްދުމުގެ ފުރުސަތު ހަނިވާނެ. އޭރުން އެގޮތަށް ހަދައިފި ނަމަ ނިކުންނާނެ ނަތީޖާތަކާ ބެހޭގޮތުން ބަހުސް ވެސް ކުރެވޭނެ، އެކަމަކު މިހާރު ރައްޔިތުން އެ މައްޗަށް އަމަލުކުރުން ލާޒިމްވާ ސާކިއުލާ މިއީ އައްޔަންކޮށްފައި ތިބި ފަސް ބޭފުޅެއްގެ ބަސް، އެއީ އެގޮތަކަށް ވެސް ޑިމޮކްރެޓިކް އުސޫލެއް ނޫން." އޭނާ ވިދާޅުވި އެވެ.

އެހެން ވަކީލަކު ވެސް ކުރިން ވާހަކަ ދެއްކެވި ވަކީލުގެ ހިޔާލާ އެއްގޮތެވެ. އޭނާ ވެސް ވިދާޅުވި ގޮތުގައި ގާނޫނުގައި އެހާ ސާފުކޮށް ބަޔާންކޮށްފައިވާ ކަމަކާ ފުށުއަރާ ގޮތަށް ކަމެއް ނިންމުމުގެ ބާރު ކޯޓުތަކަށް ނޯންނާނެ އެވެ. ކުރިން ވާހަކަ ދެއްކެވި ވަކީލު ވެސް ވިދާޅުވި ހެން އޭނާ ވެސް ވިދާޅުވީ ގާނޫނާ ފުށުއަރާ ގޮތަށް ސާކިއުލާ އޮތުމުން ބައެއް މައްސަލަތައް ނިކުމެދާނެ އެވެ. އަދި ގާނޫނުތަކުގައި ބުނެފައިވާ ކަންކަމާ ޚިލާފަށް ކޯޓުތަކުން އަމިއްލައަށް ކަންކަން ނިންމުމަކީ ދައުލަތުގެ އެއް ބާރުން އަނެއް ބާރުގެ އިހްތިސާސަށް އަރައިގަތުން ކަމަށް ވެސް އެ ވަކީލް ސިފަ ކުރެއްވި އެވެ.

"މަޖިލީހުން ގާނޫނު ހަދާފައި އޮއްވާ ކޯޓުން އެއާ ފުށުއަރާ ގޮތަށް އެއްޗެއް ނެރެފި ނަމަ އެއީ މަޖިލީހުގެ ބާރުގެ ތެރެއަށް ވަދެގަތުން ކަމަށް ބެލެވިދާނެ. ގާނޫނު އޮތްގޮތުން ދަތިތަކެއް ކުރިމަތިވާ ކަމަށް ކޯޓަށް ފެނިއްޖެ ނަމަ ސަރުކާރު މެދުވެރިކޮށް ބިލެއް ހުށަހަޅައިގެން ގާނޫނު އިސްލާހު ކުރަންވީ، އެކަމަކު ގާނޫނު އޮތްގޮތަށް ބާއްވާފައި އެއާ ފުށުއަރާ ގޮތަށް އެއްޗެއް ނެރުމަކީ ވަރަށް ނުރައްކާތެރި ކަމެއް." އެ ވަކީލް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނީ އިތުރު މައްސަލަތަކެއް ނުނިކުންނަނީ ވެސް ސުޕްރީމް ކޯޓުގެ ސާކިއުލާއާ އެއްގޮތަށް ރައްޔިތުންގެ މަޖިލީހުން ކޯޓުތަކުގެ ގާނޫނަށް އިސްލާހު ގެންނަންޖެހެ އެވެ. އެހެން ނޫން ނަމަ ގާނޫނީ އިތުރު މައްސަލަތަކެއް އެކަމުން ނިކުމެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ގާނޫނުގައި ބުނެފައިވާ ވާހަކަތަކާއި ސާކިއުލާގައިވާ ވާހަކަތައް ދިމާނުވާ ނަމަ އޭގެ ތެރެއިން އަމަލުކުރަންޖެހޭނީ ކޯއްޗެއް ކަމާ މެދު ސުވާލު އުފެދޭނެ ކަމަށް ވިދާޅުވި އެވެ.

"ގާނޫނު އެގޮތަށް އޮއްވާ އެއާ ޚިލާފަށް އެއްޗެއް ނެރުނީމާ ސުވާލު އުފެއްދިދާނެ އޭގެ ތެރެއިން ކޯއްޗަކަށްތޯ އަމަލު ކުރަންވީ، ގާނޫނީ އުސޫލަކީ އަދި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްއަކީ ވެސް ގާނޫނު ހަދާ މަޖިލީހުގެ ނިންމުން މުހިންމު ވާނީ، އެއީ ސީދާ ރައްޔިތުން އިންތިޚާބު ކޮށްފައި ތިބޭ ބަޔަކު ނިންމާ ނިންމުމަކަށް ވާތީ." އެ ވަކީލް ވިދާޅުވި އެވެ.