އަބްދުﷲ ޝާހިދު

އެފްރިކާ ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކޮށްފި

ސްވިޓްޒަލެންޑްގެ ޖެނީވާގައި ތިއްބަވާ އެފްރިކާގެ ބައެއް ގައުމުތަކުގެ ސަފީރުންނާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަޗުއަލްކޮށް މިއަދު ބައްދަލު ކުރައްވައިފި އެވެ.

ޖެނިވާގައި ގާއިމްވެފައިވާ އެފްރިކަން ގްރޫޕްގެ ރިޔާސަތު ބަލަހައްޓާ ގެބޮންގެ ޕާމަނެންޓް މިޝަންއިން އިންތިޒާމުކުރެއްވި މި ބައްދަލުވުމުގައި ޖެނިވާގައި ހުންނަ އދ. އޮފީހާއި އެހެނިހެން ބައިނަލްއަގުވާމީ ޖަމިއްޔާތަކަށް ކަނޑައަޅާފައި ތިއްބަވާ އެފްރިކަން ޔޫނިއަން މެމްބަރު ގައުމުތަކުގެ ދާއިމީ މަންދޫބުން ބައިވެރިވެވަޑައިގަތެވެ.

މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދިވެހިރާއްޖެއާއި އެފްރިކާ ގައުމުތަކާ ގުޅުން ހުރި ބައިނަލްއަގުވާމީ މައްސަލަތަކުގެ ތެރެއިން ދެމެހެއްޓެނިވި ތަރައްގީ އާއި މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ މަސައްކަތާއި ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދުމާބެހޭގޮތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ.

އަދި ކޮވިޑް-19 ގެ ސަބަބުން އެކި ގައުމުތަކަށް ދިމާވެފައިހުރި ދަތިތައް ފާހަގަކުރައްވާ ދެމެހެއްޓެނިވި ގޮތެއްގައި ކޮވިޑް-19 އިން އަރައިގަތުމާއި ބެހޭގޮތުން މިނިސްޓަރ ޝަހިދު ވާހަކަފުޅުދެއްކެވިއެވެ.

މީގެ އިތުރުން، އެފްރިކާ ގްރޫޕްގެ ސަފީރުންނާ ބައްދަލުކޮށްލައްވަން ދެއްވި ފުރުސަތަށް ޝުކުރު ދަންނަވައި މަލްޓިލޭޓަރަލް ސިސްޓަމާއި ބައިނަލްއަގުވާމީ ގުޅުން ބަދަހިކުރަން އެންމެން ގުޅިގެން މަސައްކަތްކުރުމުގެ މުހިއްމުކަން މިނިސްޓަރު ޝާހިދު ފާހަގަކުރެއްވިއެވެ.