ހިޔާ މަޝްރޫއު

ހިޔާ ފްލެޓުގައި އާއްމު ހިދުމަތް ދޭން ބޮޑު ޝައުގުވެރިކަމެއް

Mar 31, 2021
1

ހިޔާ ފްލެޓަށް ވަންނަ މީހުންނަށް އާއްމު ހިދުމަތް ދޭން، ހަދާ ސުޕަ މާކެޓާއި ކެފެޓީރިއާ އަދި ރިޓެއިލް ސްޓޯރަށް ގިނަ ބަޔަކު ކުރިމަތިލައި، ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

ހައުސިން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓު ސަރަހައްދުގައި ސުޕަމާކެޓާއި ރީޓެއިލް ސްޓޯރު އަދި ކެފެރީޓިއާ ވިޔަފާރީގެ އުސޫލުން ހިންގާނެ ބަޔަކު ހޯދަން މީގެ ކުރިން އިއުލާނު ކޮށްފަ އެވެ.

މި އިއުލާނާ ގުޅިގެން އާއްމު ސާމާނު ވިއްކާނެ ފިހާރަ ހިންގަން 10 ފަރާތަކުން ވަނީ ބިޑް ހުށަހަޅާފަ އެވެ. އެ ކުންފުނިން ވަނީ މި މަސައްކަތަށް ކުރިމަތިލީ ފަރާތްތަކުގެ ލިސްޓު ވެސް އާއްމުކޮށްފަ އެވެ.

ބޮޑު އާބާދީއެއް ޖަމާވާނެ ހިޔާ ފްލެޓު ސަރަހައްދުގައި ސުޕަމާކެޓެއް ހިންގަން ހުޅުވާލުމުން 14 ފަރާތަކުން މިކަމަށް ވަނީ ކުރިމަތިލާފަ އެވެ. މީގެ އިތުރުން ކެޕެޓީރިއާއެއް ހިންގަން ހުޅުވާލުމުން ހަ ފަރާތަކުން އެކަމަށް ޝައުގުވެރިކަން ފާޅުކޮ ބިޑު ހުށަހަޅށފައިވެ އެވެ.

ރާއްޖޭގައި ބޯހިޔާވަހި ކަމަށް މިހާތަނަށް ހިންގި އެންމެ ބިޔަ މަޝްރޫއު ކަމަށްވާ 7،000 ފްލެޓު ހިމެނޭ ހިޔާ މަޝްރޫއު ފްލެޓުތަކަށް ގާތްގަނޑަކަށް 35،000 މީހުން ވަންނާނެ ކަމަށް ވަނީ އަންދާޒާ ކުރެވިފަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެޅި މި ފްލެޓުތައް ހައްގުވާ މީހުންނަށް ދިނުމުގައި ވަނީ ތަފާތު މައްސަލަތައް ނުކުމެފަ އެވެ. ފްލެޓުގެ ކަންތައް ކުރިއަށް ގެންދިއުމަށްޓަކައި މި ސަރުކާރުން ފެލްޓު ކޮމެޓީއެއް ހަދައި ފްލެޓު ލިބޭނެ މީހުން ކަނޑައެޅުމަށްފަހު ފްލެޓު ހައްގުވާ މީހުންގެ ލިސްޓުގައި މައްސަލަތަކެއް ހުރިކަމަށް ވަނީ ބުނެފަ އެވެ. މި ސަރުކާރުން ކުރިން ބުނެފައިވަނީ ހިޔާ ފްލެޓުތައް މި މަހު ހަވާލު ކުރެވޭނެ ކަމަށެވެ.