ޕަދްމިނީ ކޯލާޕޫރީގެ ރަން ޒަމާނުގައި އޭނާ ލައްވާ ފިލްމު ކުޅުވަން ހަމަ ކޮންމެ ޑައިރެކްޓަރަކު ވެސް ބޭނުން ވެއެވެ. ނަމަވެސް ޕަދްމިނީ ހިތްހަމަ ނުޖެހޭ ކުޑަ ނަމަވެސް ކަމެއް ހުރިނަމަ އޭނާ އެ ފިލްމެއް ކުޅޭކަށް އެއްބަސް ނުވެ އެވެ. އެގޮތުން ރާޖް ކަޕޫރުގެ "ރާމް ތޭރީ ގަންގާ މޭލީ" ގައި މަންދާކިނީ ކުޅެފައިވާ ރޯލު ވެސް ފުރަތަމަ ކުޅެން ލިބުނީ ޕަދުމިނީ އަށެވެ. ނަމަވެސް އެ ފިލްމުގައި މާ ގައިގޯޅި މަންޒަރުތައް ހިމެނޭތީ އޭނާ އެ ފިލްމު ގަބޫލު ނުކުރީ އެވެ.
ފިލްމުގެ 45 ދުވަހުގެ ޝޫޓިންގް މަންދާކިނީ ލައްވާ ފުރިހަމަ ކުރުމަށް ފަހު ވެސް ރާޖް ކަޕޫރު ޕަދްމިނީ ކައިރީގައި އޭނާގެ ނިންމުން ބަދަލު ކުރޭތޯ އެދުނު ކަމަށް ޕަދްމިނީ ބުންޏެވެ.
"އެހާ ބޮޑު ބައިގެ ޝޫޓިން ނިންމާފައި ވެސް ރާޖްޖީ އެދުނު. އަހަރެން އެއްބަސް ވެއްޖެނަމަ ޝޫޓް ކުރިބައި އަލުން ބަލުން ޝޫޓް ކުރަން ވެސް ރާޖްޖީ [ރާޖް ކަޕޫރު] ހުރީ ތައްޔާރަށް،" ޕަދްމިނީ ބުންޏެވެ.
ޕަދްމިނީ ބުނި ގޮތުގައި އެ ފިލްމު ނޫނަސް ވަރަށް ގިނަ ފިލްމުތަކެއް ލިބި އޭނާ އެ ފިލްމުތައް ނުކުޅެ ދޫކޮށްލި އެވެ. އެގޮތުން "ސިލްސިލާ" ގައި ރޭކާ ކުޅުނު ބައި ވެސް އޭނާއަށް ކުޅެން ލިބުނު ކަމަށް ޕަދްމިނީ ބުންޏެވެ. އަދި "ތުހުފާ" ގައި ޝްރީދޭވީ ކުޅުނު ރޯލާއި "އޭކް ދޫޖޭ ކޭ ލިޔޭ" ގައި ރަތީ އަގުނިހޯތުރާ ކުޅުނު ރޯލު ވެސް ފުރަތަމަ ލިބުނީ ޕަދްމިނީ އަށް ކަމަށް އޭނާ ބުންޏެވެ.
"ލިބޭ ހުރިހާ ފިލްމެއް ކިހިނެއް ގަބޫލު ކުރާނީ. ނަމަވެސް އެގޮތަށް ދޫކޮށްލާ ފިލްމެއް ވަރަށް ރަނގަޅަށް ހިނގައިފިނަމަ ހިތަށް އަރާނެތާ އެ ފިލްމު ކުޅެވުނު ނަމައޭ. އަހަންނަށް ވެސް ވަނީ އެހެން، އެކި ކަހަލަ ސަބަބުތަކާ ހެދި ފިލްމަށް ނޫނެކޭ ބުނެފައި އެ ފިލްމަކަށް ބޮޑު ކާމިޔާބެއް ލިބުނީމަ ވަރަށް ދެރަވޭ އެ ފިލްމު ކުޅެން އެއްބަސް ނުވެވުނީތީ،" ޕަދްމިނީ ބުންޏެވެ.