ޑރ. އައިޝަތު އަލީ

ކޮވިޑާއެކު ތައުލީމަށް ލިބުނު ގެއްލުން ލަފާ ނުކުރެވޭ: މިނިސްޓަރު

ކޮވިޑް-19 އާއި ގުޅިގެން ލޮކްޑައުން ކުރަން ޖެހި، ސްކޫލުތައް ބަންދު ކުރުމުގެ ސަބަބުން ދަރިވަރުންގެ ތައުލީމަށް ލިބުނު ގެއްލުން އަންދާޒާ ނުކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގަ އެވެ. އޭނާ ވިދާޅުވީ ދަރިވަރުންގެ ކިޔެވުމަށް ލިބުނު އެ ގެއްލުންތައް ދެމިގެން ހިނގައިދާނެ ކަމަށާއި ސްކޫލު ބަންދު ކުރަން ބޭނުން ނުވި ނަމަވެސް ސިއްހީ ކާރިސާއެއްގެ ތެރޭގައި ގައުމު އޮންނަ އިރު އަޑުއަހަން ޖެހެނީ ސިއްހީ މާހިރުންނާއި އެޗްޕީއޭގެ ވާހަކަތައް ކަމަށެވެ. އަދި އަމަލު ކުރާނީ އެޗްޕީއޭގެ ގައިޑުލައިންތަކަށް ކަމަށެވެ.

ސްކޫލުތަކުގެ ސްޓާފުންގެ 95 ޕަސެންޓް ވެކްސިން ޖަހައިފި ނަމަ، ސްކޫލުތައް ހުޅުވަން ހުއްދަ ދޭނެ ކަމަށް އެޗްޕީއޭ އިން އަންގާފައިވެ އެވެ. މިނިސްޓަރު ވިދާޅުވީ މިހާރު ގިނަ ސްކޫލުތަކުގައި އެ ނިސްބަތަށްވުރެ މަތީން ޓީޗަރުން ވެކްސިން ޖަހާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި މާދަމާއިން ފެށިގެން، މާލޭ ސަރަހައްދުގެ ގިނަ ސްކޫލުތަކުގެ ދަރިވަރުން ސްކޫލަށް ގެންގޮސްގެން ކިޔަވައިދޭން ފަށާނެ އެވެ. ބައެއް އެހެން ސްކޫތަކުގެ ކިޔެވުން އަންނަ އާދީއްތައިގައި ފަށާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ކޮވިޑާ ގުޅިގެން އަތޮޅުތަކުގައި އެޗްޕީއޭއިން މޮނީޓަރިންނަށް ލާފައިވާ ރަށް ރަށް ނޫން އެހެން ރަށް ރަށުގެ ސްކޫލުތަކުގެ ކިޔެވުން މިހާރު ވެސް ކުރިޔަށް ދަނީ ދަރިވަރުން ސްކޫލަށް ހާޒިރުވެގެނެވެ.