ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ވެކްސިންގެ ދެވަނަ ޑޯޒް ޖެހުން އަންނަ ހޮނިހިރު ދުވަހު

Mar 31, 2021

ކޮވިޑް-19 އިން ރައްކާތެރިވާން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގައި ދެވަނަ ޑޯޒް އަންނަ ހޮނިހިރު ދުވަހު ޖަހަން ފަށަން ނިންމައިފި އެވެ.

އެޗްއީއޯސީގެ އޮފިޝަލަކު މިކަން ޔަގީން ކޮށްދެއްވި ނަމަވެސް އޭނާ ވިދާޅުވީ ވެކްސިންގެ ދެވަނަ ޑޯޒް ކުރިއަށް ގެންދަން ނިންމާފައިވާ ގޮތުގެ އިތުރު ތަފްސީލްތައް މިރޭ ނޫނީ މާދަމާގެ ވަގުތެއްގައި ހާމަކުރާނެ ކަމަށެވެ.

ކޮވިޑުން ރައްކާތެރިވާން ރާއްޖޭގައި އެންމެ ފުރަތަމަ ޖަހަން ފެށީ އޮކްސްފޯޑް - އެސްޓްރަޒެނަކާގެ ކޮވިޝީލްޑް ވެކްސިނެވެ. އެއީ މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެކަމަކު މިހާރު ޗައިނާގެ ސިނޯފާމްގެ ވެކްސިން ރާއްޖެއަށް ގެނެސް އެ ވެކްސިންގެ ފުރަތަމަ ޑޯޒް ވެސް މިހާރު ބައެއް މީހުން ދަނީ ޖަހަމުންނެވެ.

އެޗްއީއޯސީން ކުރިން ބުނި ގޮތުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހައި ދޭނީ ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާ ފަހުންނެވެ. އަދި ސިނޯފާމް ވެކްސިންގެ ރައްކާތެރިކަން މީގެ ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފުތާއެއްގެ ތެރޭގައި ލިބޭ ކަމަށް ފާހަގަކުރެވިފައިވާތީ އެ މުއްދަތު ހަމަވުމުން ދެވަނަ ޑޯޒް ޖަހައިދެ އެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ކުރިއަށް ގެންދާ ވެކްސިން ޕްރޮގްރާމުގެ ދަށުން މާލެއާއި އަތޮޅުތަކުގައި މިހާތަނަށް 235،682 މީހުން ވަނީ ވެކްސިން ޖަހާފަ އެވެ. ރޯދަ މަހުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާ ނިންމުމަށް ސަރުކާރުން ވަނީ އިލްތިމާސް ކޮށްފަ އެވެ.