ހޯސޭ މޮރީނިއޯ

މޮރީނިއޯ ހުއްޓައި މޮޅުވާން ބޭނުން ނުވަނީ ފެބްރިގާސްތަ؟

ބޮޑެތި ކުލަބުތަކުގެ ތެރެއިން މިހާރު އެންމެ ޕްރެޝަރުގައި އޮތް ކުލަބަކީ ޗެލްސީ އެވެ. އިނގިރެސި ޕްރެމިއާ ލީގުގައި އެ ޓީމު މި ސީޒަނުގައި ކުޅުނު 11 މެޗުގެ ތެރެއިން ހަ މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން މިހާރު އޮތީ ޓޭބަލުގެ 15 ވަނާގަ އެވެ. މިހެންވެ ވަރަށް ގިނަ ގޮތްގޮތަށް އެ ޓީމާމެދު ވާހަކަދެކެވެ އެވެ.

ކޯޗު ހޯސޭ މޮރީނިއޯ ހުރީ ކަރުތާފެނުގަ އެވެ. އޭނާގެ މަގާމު ގެއްލިދާނެ ކަމުގެ ބިރު އެބައޮތެވެ. އެކަމަކު މޮރީނިއޯ ބުނަނީ ޗެލްސީ ރަނގަޅު ހިސާބަށް ގެންދެވޭނެ ކަމަށާއި 2019 ވަނަ އަހަރާ ހަމައަށް ކޯޗުކަމުގައި ހުންނާނީ އޭނާ ކަމަށެވެ. މިކަމަށް ބާރު ލިބިދޭ އެއް ކަމަކީ މޮރީނިއޯ ގަތުމަށް 35 މިލިއަން ޕައުންޑް ފްރާންސްގެ މޮނާކޯއިން މިދިޔަ ހަފުތާގައި ހުށަހެޅުމުން ކުލަބުގެ ވެރިޔާ ރޯމަން އަބްރޮމޮވިޗް އެކަން ގަބޫލު ނުކުރުމެވެ.

ގޯސް ހަދާ ކުޅުންތެރިންނަކީ ކޮބާ؟

ނަމަވެސް ޗެލްސީގައި މިހާރުވަނީ ފެކްޓް ފައިންޑިން މިޝަން އެއް ފެށިފަ އެވެ. އެއީ މޮރީނިއޯއަށްޓައި މޮޅުވުމަށްވުރެ ބަލިވުން ރަނގަޅު ކަމަށް ބުނެ ކުޅުންތެރިއަކު ނުރަސްމީކޮށް މީޑިޔާގައި ވާހަކަ ދެއްކި މައްސަލަ އެވެ. އެކުޅުންތެރިއަކީ ކާކު ހެއްޔެވެ؟

މޮރީނިއޯ އާއި އެންމެ ބޮޑަށް މައްސަލަޖެހިފައިވާ ކަމަށް ބުނެވޭ ކުޅުންތެރިއަކީ ބެލްޖިއަމްގެ ޒުވާން ކުޅުންތެރިޔާ އެޑެން ހަޒާޑެވެ. މި މައްސަލާގައި އެންމެ ގިނަ ބަޔަކު މިހާތަނަށް ތުހުމަތުގެ އިނގިލި ދިގުކޮށްފައިވަނީ ވެސް އޭނާ އަށެވެ. އެކަމަކު މިހާރު ތުހުމަތުގެ އިނގިލި ދިގުކުރެވިފައިވަނީ ސްޕޭނުގެ ސެސް ފެބްރިގާސް އަށެވެ.

އެކަމަކު ބާސެލޯނާ އާއި އާސެނަލްގެ ކުރީގެ މިޑްފީލްޑަރު މިތުހުމަތުތައް ދޮގުކުރެ އެވެ. އޭނާގެ ރަސްމީ ޓުވިޓާގައި ބުނެފައިވަނީ ބައެއް ނޫސްތަކުން ފަތުރަމުންދާ ވާހަކަތަކާމެދު ހިތާމަކުރާ ކަމަށެވެ.

"އަހަރެން ވަރަށް ބޮޑަށް ހިތްހަމަޖެހޭ ޗެލްސީއާމެދު އަދި ކޯޗު މޮރީނިއޯ އާއިމެދު އޮތީ ވަރަށް ގާތްގުޅުމެއް. ބައެއް މީހުން މަސައްކަތް ކުރަނީ މިކުލަބު ހަލާކުކޮށްލަން. އަހަރުމެން ވަރަށް ޔަގީންކަމާއެކު މި ބުނަނީ އަހަރުމެން އަދި ވަރުގަދަ ޓީމެއްގެ ގޮތުގައި ފެނިގެންދާނެ،" ފެބްރިގާސް ބުނެފައިވެ އެވެ.

އެކަމަކު އެންމެ ފަހުން ޗެލްސީ ކުޅުނު މެޗުގައި ލިވަޕޫލް އަތުން 3-1އިން ބަލިވި މެޗުގައި ފެބްރިގާސް އިނީ ބެންޗުގައި ބައިންދާފަ އެވެ.

ކުޅުންތެރިންތިބީ މޮރީނިއޯއާއެކު: ޓެރީ

ޗެމްޕިއަންސް ލީގުގައި މާދަމާ ރޭ ޑީނަމޯ ކިއޭވްއާ ދެކޮޅަށް ނުކުތުމުގެ ކުރިން ކެޕްޓަން ޖޯން ޓެރީ ބުނީ ހުރިހާ ކުޅުންތެރިން ވެސް ތިބީ މޮރީނިއޯގެ ފަހަތުގައި ކަމަށެވެ. އަދި އޭނާ އަށްޓަކައި ކުޅުންތެރިން މޮޅުވާން ޖެހޭ ކަމަށެވެ.

"އަހަރުމެން ތިބީ ކޯޗުގެ ފަހަތުގައި. މޮރީނިއޯ އަކީ އެންމެ ބަރާބަރު ކޯޗު. މިއީ އޭނާގެ މައްސަލައެއްނޫން. މެޗުތައް ބެލިބަޔަކަށްވިއްޔާ އެނގޭނެ މިދިޔަ ހައެއްކަ މެޗުގައި އަހަރުމެންނަށް ނަސީބުވެސް ނެތިގެން ބަލިވެގެންދިޔައީ. އަހަރުމެން އަދި ރަނގަޅުވާނެ،" ޓެރީ ބުންޏެވެ.