ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް އަދަދެއް، 241 މީހަކު ޕޮޒިޓިވްވެއްޖެ

ރާއްޖެއިން އިތުރު 241 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ މި ފަހުން އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 24,079 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 73 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 74 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއަދު ހެދީ 3،850 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 2،849 މީހުންނެވެ. މިހާތަނަށް 21،155 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 91 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 56 ދިވެހިންނާއި 8 ބިދޭސީއެކެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދު އެވެ. މިއަދު މަރުވީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުންދާއިރު ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ދަނީ ލުއި ދެމުންނެވެ. ކެފޭ،ހޮޓާ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި އަންނަ މަހު ސުކޫލުތައް ފެށުމަށްވެސް ވަނީ ނިންމާފައެވެ. އޭޕްރީލް އެއްވަނަ ދުވަހު އެލްކޭޖީއިން މަތީ ގުރޭޑްތަކުގެ ކިޔެވުން އޮންނާނީ ސުކޫލަށް ހާޒިރުވެގެންނެވެ.