ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް ވެކްސިން

237،000 މީހަކަށް ކޮވިޑް ވެކްސިން ދީފި

ކޮވިޑް ވެކްސިނޭޝަން ޕްރޮގްރާމް ރާއްޖޭގައި ކުރިއަށްދާއިރު މިހާތަނަށް 237،716 މީހަކު ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

މިއަދު ވަނީ 2،034 މީހަކަށް ވެކްސިން ދީފައެވެ. އެއީ މާލެ ސަރަހައްދުން ވެކްސިން ދިން 615 މީހަކާއި އަތޮޅުތަކުން ވެކްސިން ދިން 1،419 މީހެކެވެ.

މިހާތަނަށް މާލެ ސަރަހައްދުން 130،991 މީހަކަށް ވަނީ ކޮވިޑް ވެކްސިން ދީފައެވެ. އަދި އަތޮޅުތަކުން 106،725 މީހަކަށް ވެކްސިން ދީފައިވެއެވެ.

އެޗްއީއޯސީން ބުނީ އުމުރުން 60 އަހަރުން މަތީގެ ދިވެހި އާބާދީގެ 75 ޕަސެންޓަށް ވެކްސިންގެ ފުރަތަމަ ޑޯޒް ދީފައިވާ ކަމަށާ އަދި 18 އަހަރުން މަތީގެ 61 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށެވެ.

ރޯދަ މަހު ވެކްސިން ދިނުން ކުރިއަށް ގެންދަނީ މަދު ގަޑިތަކެއްގައި ކަމުން ރޯދަ ފެށުމުގެ ކުރިން ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) މިއަދު ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ފުރަތަމަ ޖެހީ ކޮވިޝީލްޑް ވެކްސިނެވެ. މިހާރު ޖަހަމުން ދަނީ ސިނޯފާމް ވެކްސިނެވެ. ކޮވިޝީލްގެ ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ އަށް ހަފްތާވުމުން ޖެހޭނެ އެވެ. އަދި ސިނޯފާމް ވެކްސިންގެ ދެވަނަ ޑޯޒް، ފުރަތަމަ ޑޯޒް ޖަހާތާ ހަތަރު ހަފްތާވުމުން ޖެހޭނެ އެވެ.