ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ބޮލީވުޑް

ކޮވިޑް ޓެސްޓް ނެގެޓިވްވުމުން މަދޫރީ ރާއްޖެއަށް

މަދޫރީ ޑިކްޝިޓް ފަނޑިޔާރުކަން ކުރާ ރިއަލިޓީ ޑާންސް ޝޯ "ޑާންސް ދިވާނޭ 3" ގެ ސެޓުގައި މަސައްކަތްކުރާ 18 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވީއިރު މަދޫރީގެ ނަތީޖާ ދެއްކީ ނެގެޓިވް ކަމަށެވެ. އެހެންވެ އަވަހަށް ފުރުސަތުގެ ބޭނުން ހިފައިގެން މަދޫރީ މިހާރު ވަނީ އާއިލާއާއެކު ރާއްޖެ އައިސްފަ އެވެ.

މާދޫރީގެ އިންސްޓަގްރާމް އެކައުންޓުން ޝެއާކުރި ފޮޓޯތަކުގައިވާ ގޮތުން ޗުއްޓީ ހޭދަކުރަމުން ދަނީ ސޮނެވާ ޖާނީ ގައެވެ.

ރާއްޖެ އައިސް އޭނާ ޝެއާކުރި ފުރަތަމަ ފޮޓޯގައި "ހެލޯ ފްރޮމް ޕެރަޑައިސް" ޖަހާފައި ވެއެވެ. އޭނާގެ މި ޕޯސްޓަށް މަޝްހޫރު ޑައިރެކްޓަރު އަދި ކޯރިއޮގްރާފަރަކު ކުރި ކޮމެންޓުގައި "ވެލްކަމް ޓް މޯލްޑިވްސް" ލިޔެ ރާއްޖެއަށް މަރުހަބާ ކިޔާފައި ވެއެވެ.

"ޑާންސް ދިވާނޭ 3" ދައްކަނީ ކަލާޒް ޓީވީންނެވެ. އެ ޗެނަލުން މިދިޔަ އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޝޯގެ ބައެއް ކުރޫ މެންބަރުންނާއި ބައިވެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އެއްވެސް ފަނޑިޔާރަކު ޕޮޒިޓިވް ނުވާ ކަމަށެވެ. މި ޝޯގައި މަދޫރީ އާއެކު ފަނޑިޔާރުކަން ކުރަނީ ތުޝާރު ކާލިއާ އާއި ދަރްމޭޝް ޔެލާންޑޭ އެވެ.

ގިނަ އަދަދެއްގެ މީހުން ޕޮޒިޓިވް ވިޔަސް ޝޯގެ ޝޫޓިން މަޑުޖައްސާލާކަށް އެއްވެސް މީހަކު ބޭނުމެއް ނުވި އެވެ. އެހެންވެ މުޅި ސެޓު ޑިސްއިންފެކްޓްކުރުމަށްފަހު ކަރަންޓީނަށް ދާން ނުޖެހޭ އެންމެންނާއެކު ޝޯ ކުރިޔަށް ގެންދަން ވަނީ ނިންމާފަ އެވެ.

މި ޝޯގެ އާ އެޕިސޯޑެއް ދެން ދެއްކުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރީލް މަހުގެ ފަސް ވަނަ ދުވަހު އެވެ. އެންމެ ފަހުން ދެއްކި އެޕިސޯޑުގައި ހާއްސަ މެހެމާނުންގެ ގޮތުގައި ބައިވެރިވީ ވަހީދާ ރަހްމާނާއި އާޝާ ޕާރެކް އެވެ.