ދަރުމެންދުރާގެ ކާފަ ދަރިފުޅެއް ކަމަށްވާ ރާޖްވީރު ޑެއޯލް ބޮލީވުޑަށް ނުކުންނަން ތައްޔާރުވެއްޖެކަން އިއުލާން ކޮށްފި އެވެ. މިކަން ސޯޝަލް މީޑިއާގައި އިއުލާން ކުރަމުން ދަރުމެންދުރަ ބުނެފައި ވަނީ އޭނާގެ ކާފަ ދަރިފުޅު ރާޖްވީރް ޑެއޯލް މުޅި ދުނިޔެއަށް ތައާރަފުކުރާ ކަމަށެވެ. ރާޖްވީރް ނުކުންނާނީ އަވްނިޝް ބަރްޖަރިޔާ ޑައިރެކްޓަރެއްގެ ގޮތުން އުފައްދާ ފުރަތަމަ ފިލްމުން ކަމަށް ވެސް ދަރުމެންދުރަގެ ޓުވީޓެއްގައި ބުނެފައި ވެއެވެ.
އޭނާއަށް ބެލުންތެރިން ދިން ލޯތްބާއި އޯގާތެރިކަން ރާޖްވީރް އާއި އަވްނިޝް އަށް ދިނުމަށް ދަރުމެންދުރަ ވަނީ އެދިފަ އެވެ.
ރާޖްވީރް އަކީ ދަރުމެންދުރަގެ ދޮށީ ދަރިފުޅު އަދި މަޝްހޫރު އެކްޓަރު ސަނީ ޑެއޯލްގެ ދެ ފިރިހެން ދަރިންގެ ތެރެއިން ހަގު ދަރި އެވެ.
ސަނީ ވެސް ވަނީ އޭނާގެ ދަރިފުޅުގެ ފުރަތަމަ ފިލްމު ރާޖްޝްރީ ޕްރޮޑަކްޝަނުން ރަސްމީކޮށް އިއުލާން ކޮށްފައިވާތީ އެ ވާހަކަ ސޯޝަލް މީޑިއާގައި ޝެއާ ކޮށްފަ އެވެ. އަވްނީޝް ޑައިރެކްޓްކުރާ މި ފިލްމުގެ ވާހަކަ ލިޔެފައި ވަނީ ވެސް އޭނާ ކަމަށް ވެއެވެ.
އިންޑިޔާގެ ބައެއް ނޫސްތަކުން މީގެ ދެ ދުވަހެއް ކުރިން ބުނެފައި ވަނީ މި ފިލްމުން ރާޖްވީރު އާއެކު ސަލްމާނަށް ބޮޑުބޭބެ ކިޔާ އަލީޒޭ ތައާރަފްވާނެ ކަމަށެވެ. ނަމަވެސް ފިލްމަށް އަދި ބަތަލާއެއް ހަމަނުޖެހޭ ކަމަށާއި ފިލްމު އުފައްދާ ފަރާތުން މިހާރު ބަތަލާއެއް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
ސަނީގެ ދޮށީ ދަރިފުޅު ކަރަން ޑެއޯލް ވެސް ވަނީ 2019 ގައި ބޮލީވުޑަށް ނުކުމެފަ އެވެ. އެއީ "ޕަލް ޕަލް ދިލް ކޭ ޕާސް" އިންނެވެ. ކަރަން ތައާރަފް ކޮށްދިނުމުގެ ގޮތުން އުފެއްދި މި ފިލްމު ޑައިރެކްޓްކުރީ ވެސް ސަނީ އެވެ. ނަމަވެސް މި ފިލްމު ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބެއް ނުލިބުމުން ގިނަ ބަޔަކު ކަރަން އަށް ވަރަށް މަލާމާތް ކުރި އެވެ.
މިހާރު ކަރަން މަސައްކަތް ކުރަމުން ދަނީ ކާފަ ދަރުމެންދުރަ އާއި ބައްޕަ ސަނީ އަދި ބޮޑުބޭބެ ބޮބީ އާއެކު "އަޕްނޭ 2" ގައެވެ. މިއީ 2017 ގައި އަނިލް ޝަރުމާ ޑައިރެކްޓްކުރި "އަޕްނޭ" ގެ ސީކުއަލް އެކެވެ.