ސްޕެއިން

ޑެހެއާއަށް ސުޕެއިންގެ ޓީމުން ފުރުސަތު ގެއްލެނީ

ސުޕެއިންގެ ކުރީގެ އެއް ވަނަ ކީޕަރުގެ ގޮތުގައި ހުރި ޑޭވިޑް ޑެހެއާއަށް ސުޕެއިންގެ ޓީމަށް ކުޅުމުގެ ފުރުސަތު ބަންދުވާން ފަށައިފި އެވެ.

ސުޕެއިންގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑްރީ ކީޕަރު އިކާ ކަސިއަސް ގައުމީ ޓީމާ ދުރައް ޖެހުމުން، ޑެހެއާ އާ މެދު ބެލެވިފައި އޮތީ ކަސިއަސްގެ މަގާމު ފޫބައްދާނެ ކީޕަރަކީ ޑެހެއާ ކަމަށެވެ. އެހެން ނަމަވެސް ސްޕެއިންގެ ކޯޗް ކަމުގެ މަސްއޫލިއްޔަތާ ދެ ވަނަ ފަހަރަށް ލުއިސް އެންރީކޭ ހަވާލު ވުމަށް ފަހު، ޑެހެއާއަށް ލިބޭ ފުރުސަތު ވަނީ މަދުވެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑްގެ ކީޕަރު ސުޕެއިންގެ ގައުމީ ޓީމާއެކު އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ އަހަރު އޮކްޓޯބަރުގައި ޔޫއެފާ ނޭޝަން ލީގްގައި ޔޫކްރޭންއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗުން ސްޕެއިން ބަލިވީ 1-0 ންނެވެ. އޭގެ ފަހުން ކުޅުނު ހަ މެޗުގައި ވެސް ލުއިސް އެންރީކޭ ފުރުސަތު ދިނީ އެތުލެޓިކް ބިލްބާއޯގެ ކީޕަރު އުނައި ސިމޯން އަށެވެ.

ސިމޯން ބިލްބާއޯގެ ސީނިއާ ޓީމަށް ޕްރޮމޯޓް ކުރީ، އޭރު އެ ޓީމުގެ ކީޕަރު ކެޕާ އަރީޒަބަލާގާ ރެކޯޑް އަގަކަށް ޗެލްސީއަށް ވިއްކާލުމަށް ފަހު އެވެ. ޗެލްސީގެ ޓީމުން ޖާގަ ގެއްލުނު ކެޕާއަށް ގައުމީ ޓީމުން ވެސް މިހާރު ޖާގައެއް ނެތެވެ. ޓީމުގެ ތިން ވަނަ ކީޕަރަކަށް އެންމެ ފަހުން އެކުލަވާލި ސްކޮޑުން ފުރުސަތު ދިނީ ބްރައިޓޮން ހޯވް އެލްބިއޯންގެ ކީޕަރު ރޮބަޓް ސަންޗޭޒް އަށެވެ.

ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ސްޕެއިން ކުޅުނު ތިން ވަނަ މެޗުގައި ރޭ ކޮސޮވޯ އަތުން މޮޅުވީ 2-1 ންނެވެ. ކޮސޯވޯގެ ލަނޑު ބެސާ ހަލީމީ ކާމިޔާބު ކުރީ ސިމޯންއަށް ހެދުނު ބޮޑު ގޯހަކުންނެވެ. ސުޕެއިންގެ ހަފުގެ މެދެއްހާ ހިސާބުން ހަލީމީ ބޯޅަ ފޮނުވާލިއރު ސިމޯން ހުރީ ގޯލް ދޫކޮށް އޭރިއާއިން ވެސް ބަޭރަށް ނުކުމެ ބޯޅަ ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރާށެވެ.

އެހެންމަވެސް އެންރީކޭ ވަނީ ސިމޯންގެ ދިފާއުގައި ވާހަކަ ދައްކާފަ އެވެ. އޭނާ ބުނީ ސިމޯންގެ އިތުރުން ޓީމުގެ އެހެން ގޯލްކީޕަރުންނާމެދު ވެސް އޭނާގެ އިތުބާރު ދަނީ ބޮޑުވަމުން ކަމަށެވެ. އަދި ސިމޯން ހެދި ގޯހުގެ ޒިންމާ އެންރީކޭ ވަނީ ނަގާފަ އެވެ.

"އެ ދަނޑިވަޅުގައި ކަންތައް ވީގޮތާމެދު އަހަރެންގެ އެއްވެސް ކަންބޮޑުވުމެއް ނެތް،" ސިމޯން ކުރިއަށް ނުކުތުމުން އެކަން ދިފާއުކޮށް އެންރީކޭ ވާހަކަ ދެއްކި އެވެ. "އެކަމުގެ ސަބަބުން އަހަރެންގެ ގޯލްކީޕަރުންނާ މެދު އަހަރެންގެ އޮތް އިތުބާރު ދަށްވެގެން ނުދާނެ. އެ މީހުން ކުރި މަސައްކަތަކީ އަހަރެން ބުނެގެން ކުރި ކަމެއް. އަހަރެން ބުނަން އެފަދަ ދަނޑިވަޅުތަކުގައި ޓީމަށް އެހީވެދޭން. މިސްޓޭކަކީ އޭގެއި ހިމެނޭނެ ކަމެއް."