ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ރެއާލް މެޑްރިޑަށް އެންމެ ރަނގަޅު ގޮތަކީ އަގު ބޮޑުކޮށް ކުޅުންތެރިން ސޮއި ނުކުރުވުން ކަމަށް، އެ ކުލަބުގެ ކުރީގެ ރައީސް ވިސެންޓޭ ބޮލޫޑާ ވިދާޅު ވެއްޖެ އެވެ.
ރެއާލްގެ ރައީސްކަން 2009 ގައި ވަގުތީ ގޮތުން އަދާ ކުރެއްވި ބޮލޫޑާ ވިދާޅުވީ ކުޅުންތެރިން ގަތުމަށް މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ޖީބުން އެއްވެސް ހަރަދެއް ނުކުރާނެ ކަމަށެވެ. އެ ހުރިހާ ހަރަދެއް ކުރަން ޖެހޭނީ ކުލަބުގެ ބަޖެޓުންކަން ފާހަގަކޮށް ބޮލޫޑާ ވިދާޅުވީ ޓްރާންސްފާ މާކެޓްގައި ވާދަކޮށް އަގު ބޮޑުކޮށް ކުޅުންތެރިން ގަތުމަށް މިއީ ރެއާލްއަށް އެންމެ ރަނގަޅު ވަގުތު ނޫން ކަމަށެވެ.
"ފްލޮރެންޓީނޯ ޕެރޭޒް ހިއްޕަވާ ކޮފީ ތައްޓަކަށް ވެސް އޭނާގެ އަމިއްލަ ޖީބުން ފައިސާ ނުދައްކަވާނެ. ހުރިހާ ހަރަދެއް ކުރާނީ މެޑްރިޑްގެ ބަޖެޓުން،" ސުޕެއިންގެ ކުޅިވަރު މީޑިއާ މާކާގެ ރޭޑިއޯ ސްޓޭޝަނަށް ދެއްވި އިންޓަވިއުގައި ބޮލޫޑާ ވިދާޅުވި އެވެ.
"އަހަރެން ކުލަބުގެ ރައީސްއަކަށް ހުރިއިރު ވެސް އޮންނަނީ އެހެން. ހުރިހާ ހަރަދެއް ކުރާނީ ކުލަބުން. ކުޅުންތެރިން ގަތުމާއި އެހެން ހުރިހާ ހަރަދުތަކެއް ވެސް. އިގްތިސޯދީ ހާލަތު މިގޮތަށް އޮތް ދަނޑިވަޅެއްގައި އަހަންނަކަށް ހީއެއް ނުވޭ މީ އެންމެ ރަނގަޅު ދަނޑިވަޅެއްހެން ޓްރާންސްފާއަށް ހޭދަ ކުރަން ބާރު އަޅާކަށް."
ރެއާލްގެ ކެޕްޓަން ސާޖިއޯ ރާމޯސްގެ ކޮންޓްރެކްޓް 100 ދުވަހުގެ ތެރޭގައި ހަމަ ވާނެ އެވެ. ބޮލުޑާ ވިދާޅުވީ ރާމޯސްގެ ކޭސްއަކީ ހާއްސަ ކޭހެއް ކަމަށެވެ. އެ ކުލަބަށް ދިރިއުޅުން ހުސްކޮށްލި ކުޅުންތެރިޔެއްގެ ގޮތުގައި ރާމޯސް ސިފަ ކުރަމުން ބޮލުޑާ ވިދާޅުވީ ރާމޯސްގެ ކޮންޓްރެކްޓް އާ ކުރުމާ މެދު ހާއްސަ ގޮތަކަށް ދެކެންޖެހޭނެ ކަމަށެވެ.
ރެއާލް މެޑްރިޑްގެ ރައީސްއަކަށް ވުމަކީ ކުރިއަށް ވުރެ މިހާރު މާ އުނދަގޫ ކަމެއް ކަމަށް ބޮލޫޑާ ވިދާޅުވި އެވެ. ރެއާލް މެޑްރިޑްގެ ރައިސް ކަމަށް މިހާރު ކުރިމަތި ލެވެނީ ކުލަބުގެ މެންބަރެއްގެ ގޮތުގައި މެދުނުކެނޑި 20 އަހަރު ހޭދަ ކުރުމުންނެވެ. ބޮލޫޑާ ވިދާޅުވީ އިންތިހާބުގައި ވާދަ ކުރުމަށް އުނދަގޫތައް ކުރިމަތި ކޮށްފައި އޮތުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ.
"އިންތިހާބުގައި ވާދަ ކުރުމަށް އެންމެންނަށް ވެސް ހަމަހަމަ ފުރުސަތު އޮންނަން ޖެހޭނެ. ގިނަ ބަޔަކަށް އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އޮންނަންޏާ އެކަން އެވަނީ ރަނގަޅަކަށް." ބޮލޫޑާ ވިދާޅުވި އެވެ.
މިއަހަރު ރެއާލް މެޑްރިޑްގެ އިންތިހާބު އޮންނާނެ އެވެ. ޕެރޭޒް އާ ވާދަ ކުރަން އިންތިހާބަށް ކުރިމަތި ލައްވާނަންތޯ ސުވާލު ކުރުމުން ބޮލުޑާ ވިދާޅުވީ ރެއާލް މެޑްރިޑްގެ ރައީސްއަށް ވުމަކީ ކޮންމެ މީހަކު ވެސް އުންމީދު ކުރާނެ ކަމެއް ކަމަށެވެ. އެހެން ނަމަވެސް އިންތިހާބުގައި ވާދަ ކުރެއްވުމާ މެދު ވަކިގޮތެއް އޭނާ ނުނިންމާ ކަމަށް ވިދާޅުވި އެވެ.
"ހަގީގަތަކީ އަހަންނަކަށް ނުވިސްނޭ މީ ކުލަބުގެ އިންތިހާބު ބާއްވަން އެންމެ ރަނގަޅު ވަގުތު ކަމަކަށް. ކުލަބުގެ އިގްތިސޯދީ ހާލަތު އޮތް ގޮތް ވެދާނެ ބިރަކަށް ވެސް."