ދުނިޔެ

ސައުދީން 1.3 ޓްރިލިއަން ޑޮލަރު ޕްރައިވެޓް ސެކްޓާގައި އިންވެސްޓް ކުރަނީ

ސައުދީ އަރަބިއްޔާއިން 1.3 ޓްރިލިއަން ޑޮލަރުގެ ޕްރައިވެޓް ސެކްޓާ އިންވެސްޓްމަންޓެއް އިއުލާން ކޮށްފި އެވެ. މިއީ ސައުދީގެ އިގްތިސޯދު ފުޅާކޮށް އަދި އެ ގައުމުން ތެލަށް ބަރޯސާ ކުރާ މިންވަރު ދަށް ކުރުމަށްޓަކައި ހިންގޭ ބިޔަ ބޮޑު ޕްރޮޖެކްޓެކެވެ. ސައުދީއަށް ލިބޭ އާމްދަނީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު އަދަދެއް ތެލުގެ ވިޔަފާރި ހިއްސާކުރެ އެވެ.

ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ވިދާޅުވި ގޮތުން އިންވެސްޓްމަންޓްތަކުގައި އެންމެ އިސް ދައުރެއް އަދާ ކުރާނީ ގައުމީ ތެޔޮ ކުންފުނި އަރާމްކޯ އަދި ގައުމީ ޕެޓްރޯކެމިކަލް ކުންފުނި، ސައުދީ ބޭސިކް އިންޑަސްޓްރީޒް ކޯޕަރޭޝަނެވެ.

ވަލީއަހުދު ވިދާޅުވީ މި ޕްރޮޖެކްޓްގައި 20 އަށް ވުރެ ގިނަ ކުންފުނި ހިއްސާ ކުރާނެ ކަމަށާއި 60 ޕަސެންޓް އިންވެސްޓް ކުރާނީ އަރާމްކޯއިން ކަމަށެވެ.

މިއީ 2030 ލައިގަތުމުގެ ކުރިން ސައުދީން އިންވެސްޓް ކުރަން ރާވާފައިވާ 3.2 ޓްރިލިއަން ޑޮލަރުގެ ބައެކެވެ. މި އިންވެސްޓްމަންޓްގެ ދަށުން ޕްރައިވެޓް ސެކްޓަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށް ދޭނެ އެވެ.

ސައުދީން ރާވާފައި ވަނީ އިންވެސްޓްކުރަން ޝައުގުވެރިވާ ކުންފުނިތަކަށް ލުއި ލޯނު ދޫކުރުމަށެވެ. އަދި ސަރުކާރުން ޓެކުހާ ގުޅުން ހުރި ދާއިރާތަކުން ލުއި ދީގެން ޕްރައިވެޓް ސެކްޓަރު ބާރުގަދަކޮށް އުފެއްދުންތެރި ކުރުވާށެވެ. އުންމީދަކީ ވަޒިފާ އިތުރުކުރުމާއި އިގްތިސޯދު ފުޅާކުރުމުގައި ޕްރައިވެޓް ސެކްޓަރު މަސްއޫލްކުރުވުމެވެ.

ޕްރިންސް ވިދާޅުވީ މި ޕްލޭންގެ ދަށުން އަރާމްކޯއިން ހިއްސާ ވިއްކާނެ ކަމަށާއި އަމާޒަކީ ޕަބްލިކް އިންވެސްޓްމަންޓް ފަންޑް އިތުރުކޮށް ދައުރުކުރާ ފައިސާ ވެސް އިތުރުކު ރުން ކަމަށެވެ. އަދި ވިދާޅުވީ މި ޕްލޭންގައި ސަރުކާރު ހިއްސާކުރާ ކުންފުނިތަކުން ފައިސާ ޖަމާ ނުކުރާނެ ކަމަށާއި ޕްރޮޖެކްޓްތަކަށް އިންވެސްޓްކޮށް ހޭދަކުރާނީ ކަމަށެވެ.

ޕަބްލިކް އިންވެސްޓްމަންޓް ފަންޑުން ޓޫރިޒަމަށް ވެސް އިންވެސްކުރައްވާނެ ކަމަށް ޕްރިންސް ވިދާޅުވި އެވެ. އޭގެ ތެރޭގައި ބިޔަ ޕްރޮޖެކްޓްތައް ވެސް ހިމަނުއްވާނެ ކަމަށް ވިދާޅުވި އެވެ.