ވެންޓިލޭޓަރުގެ ހިޔާނާތުގެ މައްސަލައިގައި އާބިޓަރޭޝަނަށް ދާން ނިންމި ނަމަވެސް އެ މައްސަލާގައި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އަދި ޕްރޮސިކުއުޓާ ޖެނެރަލް އޮފީހުން ކުރިޔަށް ގެންދާ ކަންކަން ކުރިން ވެސް އޮތް ގޮތަށް ކުރިޔަށް ގެންދާނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ކޮވިޑް-19 އާއި ގުޅިގެން ދިވެހި ސަރުކާރުން ހޯދަން މަސައްކަތްކުރި 75 ވެންޓިލޭޓަރުގެ ތެރެއިން ގިނަ ވެންޓިލޭޓަރުތައް ލިބިފައި ނުވާތީ އެކަމަށް ސަރުކާރުން ހޭދަކުރި ފައިސާ އަނބުރާ ހޯދުމަށް އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅަން ނިންމިކަން ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
އޭގެ ފަހުން އެ މައްސަލައިގައި އާބިޓަރޭޝަނަށް ދާން އުޅެނީ މައްސަލައިގެ މިސްރާބު ބަދަލު ކޮށްލަން ކަމަށްބުނެ ފާޑުކިޔުންތައް ވެސް ވަނީ އަމާޒުވެފަ އެވެ. ނަމަވެސް މަބްރޫކް އެކަން ދޮގު ކުރައްވަ އެވެ.
"މީ ހަމަ ވަރަށް ގިނަ ފަރާތްތަކަށް އަރައިފައި އޮތް އޮޅުމެއް. އާބިޓަރޭޝަނަށް ދިޔައަސް ރާއްޖޭގެ މުއައްސަސާތަކަުން ކުރާ ތަހުގީގުތައް މަޑެއް ނުޖެހޭނެ. ހިޔާނާތުގައި އަމަލު ކުރީ މާލީ ގާނޫނާ ހިލާފަށް ނަމަ ފިޔަވަޅު އަޅާނެ... އަޅުގަނޑުމެން ދުބާއީ ކުންފުންޏަށް އަންގާނަން އެ ކޮންޓްރެކްޓް ބާތިލް ކުރިކަން އަދި ފައިސާ އަނބުރާ ދޭން. އެއަށްފަހު މި ކަމުގައި ކަން ހިނގާ ގޮތުން އާބިޓަރޭޝަނަށް ދާނީ" މަބްރޫކް މިއަދު "އަވަސް" އަށް ވިދާޅުވި އެވެ.
ވެންޓިލޭޓަރުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ނިންމައި 12 މީހެއްގެ މައްޗަށް ދައުވާ ކުރަން ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ދެ ފަހަރު ފޮނުވުމުން ވެސް ހެކި ނެތްކަމަށް ބުނެ ޕީޖީން ނިންމާފައިވަނީ ދައުވާ ނުކުރާށެވެ. ނަަމަވެސް މަޖިލީހުގައި ހިމެނޭ އެމްޑީޕީގެ ބައެއް މެމްބަރުން ދޫނުދެއްވުމުން އެ މައްސަލަ އަނެއްކާ ވެސް ރިވިއު ކުރަން ޕީޖީން ވަނީ ފަށައިފަ އެވެ.
ދުބާއީ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށްގެން މިހާތަނަށް ލިބިފައިވަނީ 15 ވެންޓިލޭޓަރެވެ. ވެންޓިލޭޓަރު ގެންނަން ދުބާއީގެ ކުންފުންޏަށް ވަނީ އެޑްވާންސްގެ ގޮތުގައި 30.91 މިލިއަން ރުފިޔާ ދީފަ އެވެ.