އަބްދުﷲ ޖިހާދު

ޖިހާދު ބޭސްފަރުވާއަށް ވަޑައިގަތުމާއި މެދު ގޮތެއް ނިންމަނީ

ކުރީގެ ނައިބް ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމާ މެދު ގޮތެއް ކަނޑައެޅުމަށް އަންނަ އާދީއްތަ ދުވަހު އަޑުއެހުމެއް ބޭއްވުމަށް ނިންމައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު އަޑުއެހުމެއް ބާއްވާފައިވަނީ ޖިހާދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގެންފައިވާތީ އެކަމަށް ގޮތެއް ނިންމުމަށެވެ.

މިމައްސަލައިގައި ޖިހާދު އެދިވަޑައިގެންފައިވަނީ މިމަހުގެ ތިންވަނަ ދުވަހުން ފެށިގެން މިމަހުގެ 14 ވަނަ ދުވަހަށް ބޭސްފަރުވާއަށް ލަންކާއަށް ވަޑައިގަތުމުގެ ހުއްދަ އަށެވެ. އެހެންނަމަވެސް މިހުށަހެޅުމާއި އެކީ ސަބަބު ބަޔާންކުރާ ލިޔެކިޔުންތައް ހުށަހަޅާފައި ނުވާތީ ގާޒީ ނިންމެވީ އިތުރު އަޑުއެހުމެއް ބޭއްވުމަށެވެ.

މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ ޖިހާދު ހޯއްދަވަން ބޭނުންފުޅުވާ ބޭސްފަރުވާ އަކީ ރާއްޖެއިން ކުރެވޭ ފަރުވާއެއްތޯ ނުވަތަ ނޫންތޯ ޝަރީއަތަށް ސާފުކޮށްދޭން ޖެހޭނެ ކަމަށެވެ. އެކަންކަމުގެ އެކަމުގެ ތަފްސީލުތައް ބޭނުންވާ ކަމަށް ދައުލަތުން ވަނީ އެދިފަ އެވެ.

ދައުލަތުގެ ހުށަހެޅުމާ ގުޅިގެން ޖިހާދުގެ ވަކީލް ވިދާޅުވީ ދައުލަތުން ބޭނުންވާ ލިޔެކިޔުންތައް ހުށަހަޅާފައި ހުންނާނެ ކަމަށެވެ. ޖިހާދު އަކީ ދާއިމީ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާ ބޭފުޅެއް ކަން ޝަރީއަތަށް ސާބިތުކޮށްދިނުމަށްޓަކައި ހުށަހަޅުއްވަންޖެހޭ ލިޔުންތައް މީގެކުރިން ވެސް ހުށަހަޅާފައިވާނެ ކަމުގައިވެސް ވަކީލް ވިދާޅުވި އެވެ.

ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތްކުރައްވާ ގާޒީ ވިދާޅުވީ ޖިހާދު ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް މިހާރު އެދިވަޑައިގެންފައިވާ ތާރީހަށް ހުއްދަ ދެވެން ނެތް ކަމަށެވެ. އެހެންނަމަވެސް އަންނަ ހަފްތާގެ އާދީއްތަ ދުވަހު މިކަމަށް ގޮތެއް ނިންމެވުމަށް އަޑުއެހުމެއް ބާއްވާނެ ކަމުގައި ވިދާޅުވި އެވެ.

ޖިހާދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީކުރުމުގެ މަޝްރޫއާ ގުޅިގެން ފިނޭންސް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައި، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރެއްވި ކަމުގެ ދައުވާ އެވެ.

މީގެ ކުރިން ވެސް މި މައްސަލަ ކުރިއަށް ދަނިކޮށް އެމަނިކުފާނު ބޭސްފަރުވާއަށް ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތް ނަމަވެސް ދައުލަތުގެ އެދުމަށް ކްރިމިނަލް ކޯޓުން ވަނީ އެމަނިކުފާނު ބޭރަށް ވަޑައިގަތުން މަނާކޮށްފަ އެވެ. އެމައްސަލަ ޖިހާދުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރެއްވުމުން އެކޯޓުން ވަނީ ކްރިމިނަލް ކޯޓުގެ އަމުރު ބާތިލުކޮށްފަ އެވެ. ފަހުން ދައުލަތުން އެމައްސަލަ ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފަ އެވެ.

މައްސަލަ ބެލުމަށް ފަހު ސުޕްރީމް ކޯޓުން ވެސް ނެރުނު އަމުރުގައި ބުނެފައިވަނީ ޖިހާދު ފުރުން މަނާކޮށް ދަށު ކޯޓުން ނެރުނު އަމުރު ގާނޫނާ ހިލާފު ކަމަށެވެ. އަދި ޖިހާދުގެ ޕާސްޕޯޓް ހިފެހެއްޓީ ފިއްލަވާފާނެ ކަމަށް ބެލެވޭތީ ކަމަށް ކްރިމިނަލް ކޯޓުގެ ހުކުމްގައި ފާހަގަކޮށްފައިވީ ނަމަވެސް ކޯޓުން އެކަމަށް ދެއްކި ހުއްޖަތް ރަނގަޅު ނޫން ކަމަށްވެސް ސުޕްރީމް ކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.

ބޭސްފަރުވާއަކަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ، ޖިހާދަށް ނުދޭން އޭރު ކްރިމިނަލް ކޯޓުން ހުކުމްކުރީ ބޭރަށް ވަޑައިގަތުމަށް ޓިކެޓް ނަންގަވާ އަދި ހޮޓަލަށް ފައިސާވެސް ދައްކަވާފައި ވަނިކޮށެވެ. މިއަދުގެ ޝަރީއަތުގައި ވެސް ޖިހާދު ވިދާޅުވެފައިވަނީ އަންނަ ހޮނިހިރު ދުވަހު ލަންކާ އަށް ވަޑައިގަތުމަށް މިހާރު ޓިކެޓް ނަންގަވާފައިވާ ކަމަށެވެ.

ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމުގެ ޖޮއިންޓް ވެންޗާ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ޖެނުވަރީ 18، 2013 ގައެވެ. ފުށިދިއްގަރު ފަޅު ތަރައްގީ ކުރުމަށް ބޭރުގެ ކުންފުންޏަކަށް ދިނުމަށް ނިންމީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައެވެ. ނަމަވެސް އެ ކުންފުންޏަށް ދިނުމަށް ސޮއިކޮށްފައި ވަނީ ރައީސް ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގަ އެވެ.