ފިނޭންސް މިނިސްޓްރީ

އަންނަ ބުރާސްފަތީގައި ރޯދަ އިނާޔަތް ދެނީ

ފެށޭ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން ރޯދަ އިނާޔަތް ދޭން ނިންމާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ސަރުކާރުގެ އޮފީސްތަކަށް އަންގައިފި އެވެ.

އިނާޔަތު ފައިސާގެ ގޮތުގައި ދޭނީ 3،000 ރުފިޔާއެެވެ. ފިނޭންސް މިނިސްޓްރީން ބުނީ މުސާރަ ލިބޭ ގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒިފުންނަށް އިނާޔަތުގެ ފަައިސާ ދޭ އިރު އެ މުވައްޒިފެެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުން އިނާޔަތް ފައިސާ ދިނުމަށާއި އަދި އިތުރު ވަޒީފާ އަދާކުރާ އޮފީހަކުން އިނާޔަތު ފައިސާ ދީގެން ނުވާނެ ކަމަށެވެ.

އަދި އިނާޔަތުގެ ފައިސާ ދީފައިވާ މުވައްޒަފަކު ރޯދަ މަަހުގެ ތިންބައިކުޅަ އެއްބައި ފާއިތުނުވަނީސް ވަޒީފާއިން ވަކިވެއްޖެނަމަ، ވަކިވި ދުވަހާ ހަމަައަށްވާ ފަައިސާ ފިޔަވައި އިތުރު ފައިސާ އެ މުވައްޒިފެއްގެ އަތުން ހޯދާ އެ ފައިސާ އަނބުރާ ޖަމާކުރަން ވެސް ވަނީ އަންގާފައެވެ. ރޯދަ މަހު ތެރޭގައި އަލަށް ވަޒީފާ ދޭ މުވައްޒިފުންނަށް އެ މުވައްޒިފަކު ވަޒީފާ އަދާކުރަން ފަށާ ދުވަހުން ފެށިގެން ރަސްމީ ހަތް ދުވަހުގެ ތެރޭގައި ރޯދަ މަހުގެ އިނާޔަތުގެ ފައިސާ ދިނުމަށާއި ފައިސާ ދިނުމުގައި ދުވަހުން ޖެހޭ އަދަށް ބެލުމަށް ވަނީ އަންގާފައެވެ.

ފިނޭންސް މިނިސްޓްރީން ވަނީ މި މަހުގެ 8 ވާ ބުރާސްފަތި ދުވަހު ރޯދަ އިނާޔަތް ދިނުމަށް ނިންމާފައިވާތީ ރޯދަ އިނާޔަތުގެ ތަފްސީލް ތައްޔާރުކޮށް އިނާޔަތު ފައިސާ ހޯދުމަށް އެ މިނިސްޓްރީއަށް ހުށައެޅުމަށް އޮފީސްތަކަށް އަންގާފައެވެ. ދައުލަތުގެ އެކައުންޓިން ސޮފްޓްވެއާ ގެ "އެކައުންޓްސް ޕޭޔަބަލް މޮޑިއުލް" ބޭނުންކުރާ އޮފީސްތަކުން އިނާޔަތު ފައިސާ ވައުޗަރުތައް މި މަހުގެ ހަތަރުވަނަ ދުވަހުގެ ކުރިން ޕޯސްޓް ކުރުމަށްވެސް ވަނީ އެދިފައެވެ. އަދި "އެޗްއާރު މޮޑިއުލް" ބޭނުން ކުރާ އޮފީސްތަކުންވެސް ހަތަރުވަނަ ދުވަހުގެ ކުރީން ސިސްޓަމަށް އަޕްލޯޑް ކުރުމަށް ވަނީ އަންގާފައެވެ.