ސިވިލް ސާވިސްގައި ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ސީދާ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ކުރިން އަމަލުކުރަމުން އައި އުސޫލު އުވާލައިފި އެވެ.
ސިވިލް ސާވިސްގެ ހުސްވާ މަގާމުތަކަށް މުވައްޒަފުން ނެގުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ހަމަޖެއްސީ ކޮވިޑްގެ ބަލިމަޑުކަމާ ގުޅިގެން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އެޅި ފިޔަވަޅެއްގެ ގޮތުގަ އެވެ.
މިދިޔަ ޖެނުއަރީ މަހުން ފެށިގެން އަމަލުކުރަމުން އައި އެ އުސޫލު އުވާލީ އިއްޔެގަ އެވެ.
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ބުނީ ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ނެގުމުގައި އިއްޔެއާ ހަމައަށް އަމަލުކުރަމުން އައި އުސޫލަށް މިހާރު ބަދަލު ގެނެސްފައިވާ ކަމަށެވެ. އެ ބަދަލާ އެކު ފިނޭންސް މިނިސްޓްރީގެ ބަނޑޭރި ޕޯޓަލް މެދުވެރިކޮށް އެ އިދާރާއެއްގެ ނުވަތަ ދާއިރާގެ ފައިނޭންސް އެގްޒެކެޓިވްގެ ހުއްދަ ލިބިގެން މުވައްޒަފުން ނެގުން ކުރިއަށް ގެންދިއުމަށް ސީއެސްސީން ވަނީ އަންގާފަ އެވެ. ފައިނޭންސް އެގްޒެކެޓިވް ދެއްވާ ހުއްދައިގެ ސްކްރީން ޝޮޓް ސީއެސްސީ އަށް ފޮނުވަން ވެސް އެދިފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ސިވިލް ސާވިސްގެ އިތުރު މަގާމުތައް އުފެއްދުމަށާއި ހުސްވެފައިވާ މަގާމުތަކަށް މުވައްޒަފުން ނެގުމަށް ފުރުސަތުދީ އެ މަގާމުތަކުގެ މުސާރަ އަށާއި ހިދުމަތްތައް ހަރުދަނާކުރުމަށް 622.6 މިލިއަން ރުފިޔާ ހިމަނާފައިވެ އެވެ.
އަންނަ އަހަރު ހުސްވެފައިވާ މަގާމުތަކަށާއި އަލަށް އުފައްދާ މަގާމުތަކަށް 3،244 މުވައްޒަފުން ނެގުމަށް ހަމަޖެހިފައިވެ އެވެ.
އަހަރުގެ ބަޖެޓުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް 9.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ. އެއީ މުޅި ބަޖެޓުން ކުރާ ހަރަދުގެ 26.4 ޕަސަންޓެވެ.
މި ހިނގާ އަހަރުގެ ބަޖެޓުގައި ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތުގެ ގޮތުގައި ހަރަދުވާނެ ކަމަށް ލަފާކޮށްފައިވަނީ 8.6 ބިލިއަން ރުފިޔާ އެވެ.
މިއަހަރާ އަޅާބަލާއިރު އަންނަ އަހަރު މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް ކުރާ ހަރަދު 13 ޕަސަންޓް ބޮޑުވާ މައިގަނޑު އެއް ސަބަބަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން މިނިމަމް ވޭޖު ތަންފީޒުކުރުމާއި، ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކުގައި ހުރި ފަރަގުތައް ނައްތާލުމަށް ކުރާ މަސައްކަތުގެ ބައެއް ތަންފީޒުކުރަން ނިންމާފައިވާތީ އެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ޖުމްލަ އަދަދުގެ ގޮތުގައި މި ހިނގާ ނޮވެމްބަރު 10ގެ ނިޔަލަށް ރެކޯޑްކޮށްފައި އޮތީ 26،779 މުވައްޒަފުންނެވެ.