ސިވިލްސާވިސް ކޮމިޝަން

ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ!

ސަރުކާރު މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ފިނޭންސް މިނިސްޓްރީން އެކުލަވާފައިވާ ފިސްކަލް ސްޓްރެޓެޖީ ރިޕޯޓުގައި ހިމަނައިފި އެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ރިޕޯޓްގައި ހިމެނި ނަމަވެސް އަންނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި އެ ފައިސާ ހިމަނާނެކަން އަދި އެނގިފައެއް ނުވެ އެވެ.

ސިވިލް ސާވިސްގައި 30،165 މުވައްޒަފުން މަސައްކަތް ކުރާއިރު މުވައްޒަފުންގެ މުސާރަތައް ބޮޑުކުރުމަށް މަދުވެގެން ބިލިއަނެއްހާ ރުފިޔާ ބޭނުންވެ އެވެ.

ދައުލަތުގެ މުސާރަތަކުގައި ހުރި ފަރަގުތައް ނައްތާލައި މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތް ފެށީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި 2022 ވަނަ އަހަރު އެވެ. އެގޮތުން އެ މަސައްކަތުގެ ދަށުން މިއަހަރުގެ ބަޖެޓު މުސާރަތައް އެއްހަމަކުރުމަށް 500 މިލިއަން ރުފިޔާ އިތުރަށް ހިމެނި އެވެ.

ރައީސް ސޯލިހްގެ ވެރިކަމުގައި ވަނީ ތައުލީމީ ދާއިރާ، ސިއްހީ ދާއިރާ އަދި ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކޮށްފަ އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ 25 އިންސައްތަ އަކީ މުސާރަ ދިނުމަށް ހިމަނާފައިވާ ފައިސާ އެވެ. އެއީ ޖުމްލަ 12 ބިލިއަން ރުފިޔާ އެވެ.

މުސާރަތައް ބޮޑުކުރުމުގެ މަސައްކަތްތަކެއް ކުރަމުން މިދަނީ 2026 ވަނަ އަހަރު ދައުލަތުގެ ހުރިހާ މުވައްޒަފުންގެ މުސާރަ އެއްހަމަކޮށް ނިންމުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަމާޒަށް ދިއުމަށްޓަކަ އެވެ.

މުވައްޒަފުންގެ މުސާރަ ބޮޑުކުރަން ސަރުކާރުން މަސައްކަތް ކުރާއިރު ރާއްޖޭގެ އިގްތިސާދު އޮތީ ނުރައްކާތެރި ފައްތަރެއްގައެވެ. ހާއްސަކޮށް ލިބޭ އާމްދަނީއަށް ވުރެ ކުރަންޖެހޭ ހަރަދުތައް އެތައް ތަނެއް ބޮޑުވުމާ ގުޅިގެން ދައުލަތަށް ދަރަނިތައް ނުދެއްކިދާނެ ކަމުގެ ބިރުވެރިކަމެއް އެބައޮތެވެ.