ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ރެކޯޑް އަދަދެއް، 300 މީހުން ޕޮޒިޓިވް

ރާއްޖެއިން އިތުރު 300 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއީ މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވްވީ ދުވަހެވެ. މިއަދު ޕޮޒިޓިވްވި މީހުނާއެކު ރާއްޖޭގެ ކޮވިޑް ނަންބަރު ވަނީ 24,379 އަށް އަރާފަ އެވެ.

މިއަދުގެ އިރު އޮއްސުމާ ހަމައަށް އެއްކޮށްފައިވާ ހިސާބުތަކާ ހަވަލާ ދީ އެޗްޕީއޭއިން މިރޭ ބުނި ގޮތުގައި ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 94 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 96 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ. ރިސޯޓްތަކުން 15 މީހަކު ޕޮޒިޓިވްވެފައިވެއެވެ. މިއަދު ހެދީ 3،625 ކޮވިޑް ޓެސްޓެވެ.

މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ނުވެ ތިބީ 3،022 މީހުންނެވެ. މިހާތަނަށް 21،282 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 101 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް މަރުވީ 56 ދިވެހިންނާއި 8 ބިދޭސީއެކެވެ. އެންމެ ފަހުން މީހަކު މަރުވީ މިއަދު އެވެ. މިއަދު މަރުވީ އުމުރުން 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކޮވިޑްގެ ބަލި މީހުން ފެންނަ ނިސްބަތް އިތުރުވަމުންދާއިރު ރައްކާތެރިކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ދަނީ ލުއި ދެމުންނެވެ. ކެފޭ،ހޮޓާ ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި އަންނަ މަހު ސުކޫލުތައް ފެށުމަށްވެސް ވަނީ ނިންމާފައެވެ. އަދި މިއަދު ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ.

މާލެ ސަރަހައްދަށް ރޭގަނޑު 11:00 އިން ފެށިގެން އިއުލާން ކޮށްފައި އޮތް ބޭރަށް ނިކުމެ އުޅުން މަނާ ކާފިއު އައީ މިދިއަ ފެބުރުއަރީ ދެވަނަ ދުވަހު އެވެ. ނަމަވެސް އެޗްޕީއޭއިން މިއަދު ބުނީ ބައެއް ފިޔަވަޅުތަކަށް ލުއި ދީފައިވާ ކަމަށެވެ. އެގޮތުން ރޭގަނޑު 11:00 އިން ފެށިގެން ފަތިހު 4:30 އަށް އޮތް ކާފިއު ވަނީ އުވާލާފަ އެވެ. އަދި ސިނަމާތަކާއި ފިލްމު ތިއޭޓަރުތައް ހުޅުވުމުގެ ހުއްދަ ދިނުމާއެކު ޔުނިވާސިޓީތަކާއި ކޮލެޖުތަކަށް ދަރިވަރުން ހާޒިރުވެ ކުލާސްތައް ކުރިއަށް ގެންދަން ވެސް ވަނީ ހުޅުވާލާފަ އެވެ.

އެޗްޕީއޭއީން ކާފިއު އުވާލާއި ލުއި ދިން ނަމަވެސް އެއްފަހަރާ ފަސް މީހުންނަށް ވުރެ ގިނައިން މަގުމައްޗަށް އެއްވެ އުޅުމާއި އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ކުޅިވަރުގެ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހުއްޓައިލުމަށް އެނގި އެންގުން ނިމުމަކަށް ނުގެނެ އެވެ. އަދި މާލެ ޕާޓީތަކާއި ހަފުލާތަކާއި ރަސްމިއްޔާތުތައްވެސް ނުބޭއްވެ އެވެ. މާލެ ސަރަހައްދުން ރާއްޖޭގެ އެހެން ރަށްރަށަށް ދަތުރުކުރާ ފަރާތްތައް ކަރަންޓީނު ވާން ޖެހެ އެވެ.