ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ނައިފަރު

ނައިފަރު ކްލަސްޓާ: 141 މީހަކު ޕޮޒިޓިވް

ޅ. ނައިފަރުން މިހާތަނަށް 141 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ ކަމަަށް ހެލްތް އިމާޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.

ނައިފަރުން ފުރަތަމަ ކޮވިޑް ކޭހެއް ފެނިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ. އެ ދުވަހު ދެ މީހަކު ޕޮޒިޓިވްވިއެވެ. އޭގެ ފަހުން 23 ވަނަ ދުވަހު މީހަކު އަދި 25 ވަނަ ދުވަހު 10 މީހަކު ޕޮޒިޓިވް ވިއެވެ. 26 ވަނަ ދުވަހު 20 މީހަކު ޕޮޒިޓިވްވެފައިވާއިރު 27 ވަނަ ދުވަހު 22 މީހަކު ޕޮޒިޓިވްވެފައިވެއެވެ.

އެ ރަށުން އެންމެ ފުރަތަމަ ޕޮޒިޓިވްވީ ރ. އުނގޫފާރު ހޮސްޕިޓަލަށް ހިދުމަތް ހޯދަން ދިޔަ މީހެކެވެ.

އެޗްއީއޯސީ އިން މިރޭ ބުނީ މިހާތަނަށް އެ ރަށުން 141 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި 125 ދިވެހިންނާއި 16 ބިދޭސީން ހިމެނެއެވެ. 1،412 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރޭގައި ނަތީޖާ ނުލިބޭ 112 ސާމްޕަލެއްވެއެވެ. އެހެން ކަމުން ނައިފަރުން ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮވިޑް-19 އިން ރައްކާތެރިވުމަށް ޅ. ނައިފަރުގައި ހަރުކަށި ފިޔަވަޅުތަކެއް އެޅުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އަންގާފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރުއްވި އެންގުމުގައި ބުނެފައިވަނީ ޒަރޫރީ ބޭނުންތަކާއި ސިއްހީ ފަރުވާ ހޯދުމަށް ދާ ދިޔުން ފިޔަވައި އެހެނިހެން ބޭނުންތަކަށް މަގުމައްޗާއި އާންމު ތަންތަނަށް ނުކުމެ އުޅުން ހުއްޓައިލަން އަންގާ ކަމަށެވެ. އަދި އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެ އުޅުން ހުއްޓައިލުމާއި އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.

އަދި ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށާއި ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓް ތަކުން ދެމުންގެންދާ ހިދުމަތްތައް ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ. މީގެ ތެރޭގައި ޑެލިވަރީގެ ހިދުމަތް ދިނުމެއް ނުހިމެނެއެވެ.

މީގެ އިތުރުން ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުމާއި ކުޅިވަރުގެ ހުރިހާ ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުމާއި ޔުނިވާސިޓީތަކާއި ކޮލެޖްތަކާއި ސްކޫލުތަކަށް ދަރިވަރުން ހާޒިރުވެގެން ކްލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުމަށްވެސް ވަނީ އަންގާފައެވެ.