ދީން

ބަދަލު ކޮށްލުމަށް ލިބޭ ފުރުސަތެއް!

ބަދަލުވުމާއި ބަދަލު އައުމަކީ ދުނިޔޭގެ ޙަޤީޤީތެވެ. މިކާއިނާތުގެ ކަންކަން ހިންގެވުމަށް ލައްވާފައިވާ އިލާހީ ނިޒާމެވެ. މިޙަޔާތުގެ ޠަބީޢަތަކީ ބަދަލުވުމެވެ. އަބަދު އެއްގޮތެއްގައި ނުވުމެވެ. ވިސްނައިލައްވާށެވެ! ޖައްވު އަބަދު އެއް ޙާލަތެއްގައި އޮވޭތޯއެވެ؟ ވިލާތައް ދަނީ ބަދަލުވަމުންނެވެ. އުޑުގެ ކުލަވަރު ރެޔާއި ދުވާލު އެކިވަގުތު ހުންނަނީ އެކިކުލައިގައި ނޫން ހެއްޔެވެ! މިއީ ރޭގަނޑާއި ދުވާލު، އެކައްޗަށްފަހު އަނެކަތި އަންނާނޭގޮތުގައި ލެއްވި އިލާހުގެ މަތިވެރި ރޭއްވެވުމެވެ.

ތިބާގެ ނަފްސާމެދު ވިސްނައިލާށެވެ! ތިބާ ތިޔަހުރީ، މީގެ ފަސްއަހަރު ނުވަތަ ދިހަ އަހަރު ކުރިން ހުރި ޙާލަތަކު ނޫނެވެ. އަދި ކުރިޔަށް އޮތް މަސްތަކާއި އަހަރުތަކުގައިވެސް ތިބާ ހުންނަނީ މިއަދު ހުރި ޙާލަތަކު ނޫނެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުންވެސް އެތައް ބަދަލުތަކެއް އާދެވެ. އިޖްތިމާޢީ ގޮތުންނާއި، ބާއްވާ ގުޅުންތަކުގައްޔާއި އުޅޭ އުޅުމާއި އަޚުލާޤަށްވެސް ބަދަލު އާދެވެ. ބުއްދިއާއި ޞިއްޙަތަށްވެސް ބަދަލުތަކެއް ވަނީ އައިސްފައި ނޫންހެއްޔެވެ!

މި ޙަޔާތުގެ އެއްވެސްކަމަކީ އަބަދަށް ދެމިއޮންނަނިވި ގޮތުގައި ލައްވާފައިވާ ކަމެއް ނޫނެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "كُلُّ النَّاسِ يَغْدُو فَبَائعٌ نَفسَهُ فَمُعْتِقُهَا أَوْ مُوبِقُها" (رواه مسلم) މާނައީ: "ކޮންމެ މީހަކުވެސް ހެނދުނާ ނިކުންނަނީ އޭނާގެ ނަފްސު ވިއްކައިލުމަށެވެ. އެއީ އެނަފްސުގެ ނަޖާ ހޯދައިގަތުމަށެވެ. ނުވަތަ ނަފަސުގެ ނެތިހަލާކު ހޯދައިގަތުމަށެވެ."

މިބަސްފުޅުގެ މުރާދަކީ ކޮންމެ މީހަކުވެސް، ކޮންމެ ދުވަހަކުވެސް ޢަމަލުތަކެއް ކޮށްއުޅެއެވެ. އޭގެ ތެރެއިން ހެޔޮ ޢަމަލުކޮށް، މާތް ﷲ ގެ ރުއްސެވުން ހޯދައިގަންނަ މީހާއަކީ އޭނާގެ ނަފްސު، އާޚިރަތުގެ ޢަޒާބުން ސަލާމަތްކުރާ މީހެކެވެ. ނޫންނަމަ އޭނާ ވާހުށީ، އޭނާގެ ހަވާނަފްސުގެ އެދުންތަކާއި ޝައިޠާނާގެ ގޮވައިލުންތަކަށް ތަބާވެ، ނުބައި ޢަމަލުތައް ކޮށް، އާޚިރަތުގައި އޭނާގެ ހަލާކު ހޯދައިގަންނަ މީހަކު ކަމުގައެވެ.
މި ކާއިނާތުގެ ބަދަލުވުންތަކުގެ ސުންނަތް ކިޔައިދެއްވަމުން އިބްނުލް ޤައްޔިމު ލިޔުއްވާފައިވެއެވެ. "ޝަރީޢަތުގައިވެސް އަދި ޠަބީޢަތުގައިވެސް އަބަދު އެއްގޮތެއްގައި ހުއްޓިފައި އޮތުމެއް ނުވެއެވެ. އަޅާ އޭނާގެ ވަގުތު އަޅުކަމުގައި ހޭދަކުރަނީނަމަ، އޭނާގެ ވެރި ރައްބުގެ ޙަޟުރަތުގައި ކުރިއެރުން ހޯދައެވެ. އޭނާ ވަގުތު ހޭދަކުރަނީ ހަވާނަފްސުގެ އެދުންތައް ހޯދައިގަތުމުގައި ނުވަތަ ބާޠިލުކަންތައްތަކާއި ދުނިޔެވީ އަރާމާއި ރާޙަތު ހޯދުމުގައި ކަމަށްވާނަމަ، އޭނާ އެޖެހެނީ ފަހަތަށެވެ. ވީމާ، މި ދުނިޔޭގައި އަޅުތަކުންވަނީ ކުރިއެރުމާއި ފަހަތަށް ޖެހުމާއި މިދެކަމުންކުރެ ކޮންމެސް އެއްކަމެއްގައެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. ﴿ لِمَنْ شَاءَ مِنْكُمْ أَنْ يَتَقَدَّمَ أَوْ يَتَأَخَّرَ ﴾ (المدَّثر: 37) މާނައީ: "ތިޔަބައިމީހުންކުރެ ބޭނުން މީހަކަށް ކުރިއެރުންވެއެވެ. ނުވަތަ ފަސްޖެހުންވެއެވެ."

ގިނަ ބަޔަކު އެބައިމީހުންގެ ނަފްސު ކުރިއެރުވުމަށް އެތައް މަސައްކަތެއް ކުރެއެވެ. ނަފްސު ތަރުބިއްޔަތު ކުރުމާއި، މުޢާމަލާތް ކުރުމުގެ ފަންނު ތަރައްޤީ ކުރުމުގައި އެތައް ފައިސާއެއް ޚަރަދުކޮށް، ވޯކްޝޮޕްތަކުގައި ބައިވެރިވެހަނދައެވެ. މިއީ ނުހަނު ރަނގަޅު ކަމެކެވެ. ނަމަވެސް އުފެދޭ ސުވާލަކީ، ދީނުގެ ކަންކަމުގައި ތިމާގެ ނަފްސު ބަދަލުކޮށްލައި އިޞްލާޙު ކުރާނޭ ގޮތްތަކާމެދު ސުވާލު ކުރީ ކިތަން މީހުންތޯއެވެ؟ ދީނުގެ މަތީގައި ސާބިތުވެ ހުރެވޭނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި، ތިމާއަށް ދީނީ ކަންކަމުގައި ފަރުވާ ކުޑަކުރެވެނީ ކީއވެގެންތޯ ވިސްނަމުތޯއެވެ؟ ތިބާގެ ދީނީ ހޭލުންތެރިކަމާއި، ދީންވެރިކަން ވަނީ އިތުރުވެފައިތޯއެވެ؟ ނުވަތަ ދަނީ އުނިވަމުން، ދީނުގެ ކަންކަމުގައި ފަރުވާ ކުޑަކުރެވެމުންތޯއެވެ؟ ތިބާގެ ވެރިރައްބާ އޮތް ގުޅުން އޮތީ ހީނަރުވެފައިތޯއެވެ؟ މާތް ﷲ ގެ ކުރިފުޅުމަތީގައި ތިބާ ހުއްޓި ހުންނަޖެހޭ ދުވަހަށް ތިބާ ތައްޔާރުވެއްޖައީން ހެއްޔެވެ؟

ފާފަތަކުން ނަފްސަށް ބުރަކަން ލިބި، ޣާފިލުކަމުގެ ތެރޭގައި ބަންދުވެ، ނުބައި ކަންކަމަށް އަމުރުކުރާ ނަފްސުގެ އަސީރަކަށްވެ، ހައްޔަރުވެފައިވާ ކޮންމެ މީހަކުމެ އޭނާގެ ހަޔާތް ވިސްނައިލާންޖެހެއެވެ. އެފަދަ ކޮންމެ މީހަކުވަނީ ހަވާނަފްސުގެ އެދުންތަކަށް ތަބާވެފައެވެ. ދުނިޔެވީ ލައްޒަތުތަކަށް އަޅުވެތިވެފައެވެ. ޙަރާމް ކަންތައްތަކަށް ދެވިހިފާފައެވެ. އެންމެހައި ހެޔޮ ކަންތައްތަކަށް ފުރަގަސް ދީފައެވެ. ފާފަތަކުގެ ތެރެއަށް ޣަރަޤުވެފައެވެ. އޭނާގެ ރައްބާ އޮތް ގުޅުންވަނީ ކެނޑިފައެވެ. އެއިލާހުގެ ކޯފާއަށްވަނީ ހުށަހެޅިފައެވެ. ޝައިޠާނާގެ މަގުން ހިނގާމީހަކަށްވަނީ ބަދަލުވެފައެވެ.

މިއީ އަޅުގަނޑުމެންގެ ގިނަ ބައެއްގެ ޙާލަތު ހުރިގޮތެވެ. މިހުރިހާ ކަމަކާއެކުވެސް ހެޔޮ މަގަށް ރުޖޫޢަވެ، ހެޔޮ ޢަމަލުކުރުމަށް ކުރެވޭ އުއްމީދެއް އޮވެއެވެ. ދިރިއުޅުމުގެ ދަތި ޙާލަތުން ސަލާމަތްވާން އެނދެއެވެ. ފާފަތަކުން އެއްކިބާވެ، ފަރުޟު ފަސްނަމާދުކޮށް ރަނގަޅަށް އުޅެން ބޭނުންވެއެވެ. ހެޔޮ މީހުންގެ މަގުން ހިނގާ މީހަކު ކަމުގައިވުމަށް އުއްމީދު ކުރެއެވެ. މާތް ﷲ ގެ މަގުގައި ސަބިތުވެހުރެ، ސުންނަތްތައް އަދާކޮށް ދަމުނަމާދުކުރާ މީހަކަށްވާން އެދެއެވެ. މާތް ﷲ ގެ ޙައްޤުތައް އަދާކޮށްފައި ހަމަޖެހިލައިގެން އޮވެ ކޮންމެ ރެޔަކުވެސް ނިދަން އޮށޯންނަ މީހަކަށްވުމަށް އުއްމީދު ކުރެއެވެ. ކީރިތި ޤުރްއާން އެއްކޮށް، ނުވަތަ ކޮންމެވެސް މިންވަރެއް ހިތުދަސްކުރުމުގެ އަޒުމެއް އޮވެއެވެ.

ނަމަވެސް އެ އުއްމީދުތައް ޙަޤީޤީތަކަށް ހެދުމާމެދު ތެދުވެރި ހިތަކުން ވިސްނައިލީ ކޮންއިރަކު ބާއެވެ. ކުރަން ހިތަށްއަރާ ހެޔޮ ކަންތައްތައް މާދަމާއަށް ފަސްކުރުމުގެ ބަދަލުގައި އެކަންކަން ޢަމަލީ ގޮތުން ކުރުމުގެ ވަގުތު އައިސް މިވަނީ ޖެހިފައެވެ. ބަރަކާތްތެރި ރަމަޟާން މަސް އަތުވެއްޖަނަމަ، ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި، ނަރަކައިގެ ދޮރުކޮޅުތައް ބަންދުވާކަމުގައި ޙަދީޘްފުޅުތަކުގައިވެއެވެ. އަދި ޝައިޠާނުންގެ ތެރެއިން ގަދަފަދަ މާރިދުން ކަސްތޮޅުއެޅުވޭކަމުގައި ވަނީ އަންގަވާފައެވެ. މި މާތް މައްސަރުގައި ހެޔޮ މީހުންގެ ހެޔޮކަން އިތުރުވެއެވެ. ފާފަތަކަށް އަރައިގަތުމުގައިވާ މީހާ އެކަންކަމުން އެއްކިބާވެ ހުއްޓާއިލުމަށް އުޑުތަކުގައި ނިދާ އިއްވެއެވެ.

ކޮންމެ މީހަކުވެސް ތެދުވެރިކަމާ، އިޚްލާޞްތެރިކަމާއެކު، އެކަމަށް އެދޭނަމަ، އޭނާގެ ނަފްސު ހެޔޮ މަގަށް އަނބުރައިލުމަކީ ދާދި ފަސޭހަކަމެކެވެ. އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ނިތް އިޞްލާޙު ކުރުމެވެ. ހިތުގެ ޢަޒުމު ވަރުގަދަ ކުރުމެވެ. އަދި ނުބައިން ޢަމަލުތަކުން އެއްކިބާވުމަށް އެދޭ އެދުމުގައި ތެދުވެރިވާށެވެ. ތެދުވެރި ތައުބާއަކުން ތައުބާވާށެވެ. ބަދަލުވުމުގެ ފެށުމަކީ އެއީއެވެ.

ކުރެވިފައިވާ ފާފަތަކާމެދު ހިތާމަކޮށް އެކަންކަން ހުއްޓައިލުމަށް އަޒުމުކަނޑައެޅުމަކީ އެއީ ތައުބާވުމުގެ އަޞްލެވެ. ޙަދީޘްފުޅެއްގައިވެއެވެ. "الندمُ توبةٌ" رواه الإمام أحمد، "ފާފަތަކަށް ހިތާމަކުރުމަކީ އެއީ ތަބާވުމެވެ." ދަންނާށެވެ! މާތް ﷲ އީ ގިނަގިނައިން ތައުބާވާ މީހުންދެކެ ލޯބިވެވޮޑިގެންވާ އިލާހެވެ.